ޏ. ފުުވައްމުލަކުގައި ރޭ ހިނގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކު މިއަދު ހެނދުނު 9:30 ހާއިރު މަރުވެއްޖެއެވެ.
ފުވައްމުލަކުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، މި މާރާމާރީ ހިންގައިފައިވަނީ، އެރަށުގައި ކުށްކުރުމުގައި އަރާހުރި ގެރިންޕޯ (ވަނަން) ނަމަކަށް ކިޔާ މީހަކު އިތުރު ބަޔަކު ގޮވައިގެން ގޮސް ތޫނު ހަތިޔާރުން ނެވެ.
ތުންތުން މަތިން ދެކެވެނީ، ގެރިންޕޯގެ ކޮއްކޮއެއް ގަޔަށް މީހަކު ކުޅު ޖަހާފައިވާތީ ނޫނާ ގައިގާ ޖަހާފައިވާތީ އެކަމުބެ ބަދަލު ހިފުމުގެ ގޮތުން، އެމީހަކު ދުނިޔޭގައި ނުބަހައްޓާނަމޭ ބުނެ، ފިހާރައަކަށް ގޮސް ވަޅި ގަނެގެން ގޮސް، ގަސްދުގައި އެ ބަޔަކު މެރުމުގެ މަގުސަދުގައި ހިންގި އަމަލެއް ކަމަށެވެ.
ނަމަވެސް، މަރުވި ޏ. ފުވައްމުލަކު މެކޯ 23 އަހަރުގެ ޢަބްދުﷲ ޝުހާދަކީ، ވެލި ބަލާ ބަޔަކާއެކު ހުވަދުއަތޮޅު ތިނަދޫއަށް ގޮސް އިއްޔެ ފުވައްމުލަކަށް އައި ކުއްޖެއް ކަމަށް ވެއެވެ. އޭނާގެ އިތުރު ތިން ކުއްޖަކާއެކު، އެރަށު ފަޅޯދަނޑު ސައީދުމެންގޭ ފާރުމަތީގައި ތިއްބާ، ގެރިންޕޯއާ އޭނާގެ ބައިވެރިން އައިސް، މާގިނާ ވާހަކަތަކެއް ނުދައްކާ ވަޅިތަކުން ހަމަލާ ދިނީއެވެ.
މި ހަމަލާގައި، އެކަކުގެ ދަށްބަނޑަށް ވަޅި ހެރިގޮތަށް ގެންގޮސް ގޮހޮރާ ހަމައަށް ކަފާލައިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ދެވަނަ ކުއްޖާގެ އަރިކަށިން ފެށިގެން ބަނޑާ ހަމައަށް ވަރަށް ފުނަށް ކަފާލައިފައި ވެއެވެ. ތިންވަނަ ކުއްޖާގެ މެޔަށް ވަނީ ވަޅަ ހަރާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެ މާރާމާރީ ހިނގަން ފެށި ވަގުތު އެހިސާބުގައި ތިބި ޒުވާން ކުދިންކޮޅެއް، އެ މާރާމާރީ ހިނގަން ފެށުމާއެކު، ބިރުން ދުއްވައިގަތްކަމަށްވެސް މައުލޫމާތު ލިބެއެވެ. މާރާމާރީ ހިންގާފައި ގެރިންޕޯއާ އޭނާގެ ބައިވެރިން އެތަނުން ދިއުމުން، ޒަހަމްވި ކުދިން ނަގަން ބަޔަކު އައިއިރު އެކުދިން ވަނީ ހުއްޓުން އަރާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އެކުދިންގެ ދުލުން ބުނެވުނުހާވެސް ބަހަކީ "ގެރިންޕޯ" ކަމަށް ވެއެވެ.
މި ހަމަލާގެ އިސް ފަރާތް ކަމުގައިވާ ގެރިންޕޯ އަކީ ފުވައްމުލަކަށް ހުރި އެންމެބޮޑު ބިރު ކަމުގައި އެ ރަށުގެ ގިނަ ރައްޔިތުންނެއް ބުނެއެވެ. ފެށުނީއްސުރެ މީނާއަކީ މާރާމާރީއާ މީހުން މެރުމުގައި އަރާހުރި މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭނާ އިން މީހާވެސް މަރުވެފައި އޮއްވާ ފެނިފައިވާއިރު، އޭނާގެ އަނބިމީހާ މަރާލައިފައިވަނީ ހުދު ގެރިންޕޯ ކަމަށް ވެސް އެ ރަށުގެ މީހުން ބުނެއެވެ.
ޚަބަރު ލިބޭ ގޮތުގައި، މި މައްސަލައާ ގުޅިގެން ހޯދަނޑު އަވަށުގެ ރައްޔިތުން، މި މާރާމާރީތަކާ މީހުން މެރުމުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށް މިހާރު މަޝްވަރާ ކުރަމުން ދާކަމަށް ވެއެވެ. ސަރުކާރުން މިކަމަށް އަވަސް ހައްލެއް ނޫނީ އެކަށީގެނަވާ ހަރުކަށި ފިޔަވަޅެއް ނާޅައިފި ކަމުގައި ވަނީނަމަ، ރައްޔިތުން ގޮތެއް ނިންމަން ތައްޔާރުވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.