ސިވިލްސާވިސް ކަމިޝަނުން އަންގައިފައިވާ ގޮތަށް އިހު ހުރި މުސާރަ ފިނޭންސް މިނިސްޓްރީން ދޫނުކޮށް ހިފަހައްޓާކަމަށް ބުނެ މިއަދު ބަޔަކު ފިނޭންސް މިނިސްޓްރީ ދޮށުގައި މުޒާހަރާ ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ބަންޑާރަ ނާއިބުގެ އޮފީހުގެ ގިން މުވައްޒަފުންތަކެއް ވަނީ މި މައްސަލައާ ގުޅިގެން އެމީހުން އޮފީހުގައި ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައިފައެވެ. މިކަމުގައި ބައިވެރި ވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ފިޝަރީޒް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ހިމެނެއެވެ.
އެޓަރނީ ޖެނެރަލްގެ ވަކީލަކު މައުލޫމާތު ދެއްވި ގޮތުގައި، މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ޖަމާކޮށްދީފައިވަނީ ކުރިން ހުރި ބޮޑު މުސާރައާ އެއްވަރަށެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނާ އެމީހުންނާ ތަފާތު ކުރުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށާ، ސިވިލް ސާވިސް ކޮމިޝަނުން މުސާރަ އިހު ހުރިވަރަށް ބޮޑުކުރަން އަންގައިފައި ވީ ނަމަވެސް ފިނޭންސް މިނިސްޓްރީން ޒިންމާދާރު ގޮތެއްގައި މުސާރައިގެ ކަންތައް ހައްލު ކުރެއްވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ނުފެންނާތީ މިއަދު އިހުތިޖާޖު ކުރަން ޖެހުނީ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާނގައިވެސް މިފަދަ އިހުތިޖާޖުތައް ކުރަން ގަސްތު ކުރަން އަޅުގަނޑުމެން. ހަމަ މުސާރައަށް އިއާދަ ވުމަށް ދާންދެން ހުރިހާ ސިވިލް ސާވަންޓުންގެ ހައްގުގައި ކުރާކަމެއް މިއީ. އަޅުގަނޑުމެން ޕާމަނަންޓް ސެކްރެޓަރީއަށް ދަންނަވައިފިން މިކަމަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިދިނުމަށް." ވަކީލު ވިދާޅުވިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަން ގޮސް ތިބި މީހުންގެ ތެރޭގައި މުޅިންހެން ފެނިފައިވަނީ ޑީއާރުޕީގެ މެމްބަރުންކަން ފާހަގަ ކުރެވެއެވެ. މި މުޒާހަރާ އިތުރަށް ހޫނު ނުވަނީސް ފުލުހުން ވަނީ މުޒާހަރާ ރޫޅާލައި އެ ސަރަހައްދު އަމާން ކޮށްފައެވެ.