"މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެރޭ އާރޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވި ބައެއް މީހުން ފުލުހުންގެ މައިމަރުކަޒާއި ސިފައިންގެ މައިމަރުކަޒާއި ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ސަރަޙައްދަށް އެއްވި އެއްވުމުގައި ފުލުހުން ބައިވެރިވެފައިވާކަމަށް މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ރޭ ދި ޓީ.ވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރ ޢަލީ ވަހީދު ވިދާޅުވެފައިވާތީ ދަންނަވަމެވެ.
ދިވެހި ފުލުހުންނަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި އަބަދުވެސް ޤައުމަށް ތެދުވެރި، އިޚްލާސްތެރި ބަޔަކަށް ވާންޖެހޭހިނދު އެރޭ ހިންގި އެ ހަރަކާތުގައި ފުލުހުން ބައިވެރިވި ކަމަށް ޢަލީ ވަހީދު ވިދާޅުވެފައި އެވަނީ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު އިތުބާރު ގެއްލުވާލާ، ފުލުހުންގެ އަގުވައްޓާލުމަށްޓަކައި ވިދާޅުވި ޙަޤީޤަތާ ޚިލާފު ވާހަކައެއްކަން މިސަރވިސްއިން ފާހަގަ ކުރަމެވެ. އަދި ދިވެހި ފުލުހުން އަބަދުވެސް ތިބޭނީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި ސާބިތުކަމާއެކުގައިކަން މިފުރުސަތުގައި ހާމަކުރަމެވެ.
އަދި އެރޭ އެއްވި މީހުން ދެފަހަރެއްގެމަތިން ފުލުހުންގެ ސަފުތައް ރޫޅާލާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށްފަހު ގަދަކަމުން، ފުލުހުންގެ މައިމަރުކަޒު ސަރަޙައްދާއި ސިފައިންގެ މައިމަރުކަޒު ސަރަޙައްދަށްވަދެ ސިފައިންގެ މައިގޭޓްގައި ތަޅައި ހެދުމަށްފަހު ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ސަރަޙައްދަށްގޮސް ހިންގި އެހަމަނުޖެހުންތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިސަރވިސްއިން ތަޙުޤީޤް ކުރަމުންދާކަންވެސް މިފުރުސަތުގައި ހާމަކުރަމެވެ." ފުލުހުންގެ ނޫސް ބަޔާނުގައި ވެއެވެ.
ޑީއާރުޕީގެ މުޒާހަރާގައި، އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެރޭ ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އޮފީސް ދޮށަށްވެސް އެއްވެފައެވެ. އަދި ސަފުގެ ކުރީގައި ހުރި އުމަރު ނަސީރު ވަނީ ގޭޓް ހުޅުވުމަށް ސެކިއުރިޓީގައި ގޭޓް ކައިރީ އެވަގުތު ތިއްބެވި ސިފައިންނަށް އަންގާފައެވެ.
އެމްއެންޑީއެފުން ހާމަކުރި ސީސީޓީވީ ފޫޓޭޖުން އެމަންޒަރު ވަނީ ފެނިފައެވެ. އެމްއެންޑީއެފުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ޣައިރު ގާނޫނީ އަމަލު ތަހުގީގުކޮށްދެއްވުމަށް ވަނީ ފުލުސްއޮފީހަށް ހުށަހަޅައިފައެވެ.