ފިޔޯރީ އަހަންމައިދީ، އަސްލު ނަން: އަލްމަރުޙޫމް އަޙްމަދު ޙުސެން ދީދީ/ ގދ. ފިޔޯރީ، ނިޔާވީ އުމުރުން 106 އަހަރުފުޅުގައި)
މީޒާން
ކުރީގެ އަދަދާ ގުޅޭ....
ކުރީގައި ވިދާޅުވެދެއްވާފައި ވަނީ ދެވަނަ ބަޣާވަތުގައި އޭނާއަށް ޖެހިވަޑައިގެންނެވި ޙާލުކޮޅެވެ. ހުރި އެންމެ ފިރިހެން ދަރިފުޅު ގެއްލި ދިޔަގޮތެވެ. ފުރަތަމަ ބަޣާވަތުގައި ވެސް ފެށުނީ އަތުގައި ރޯނު އޮޅާ ހަވަރުތިނަދޫގައި ހަވަރަށް ދެއްވުމުންނެވެ. އެއްބަނޑު އެއްބަފާ ޝައިޚު ޒުހްރީއާ ވެސް އެކުގައެވެ. ހިތްޕުޅަށް ގެންނަވާށެވެ.
ބައްޕައާއި ބޭބެ އަތުގައި ބޮޑުރޯނު އޮޅާފައި (އިހުޒަމާނުގައި ރޫމީންގެ އަނިޔާވެރި ވެރިކަމުގައި ސިންގާއަށް ކާންދޭން “ކުށްވެރި” އިންސާނުން ގެންނަހެން) ހަވަރަށް ދިނުމަށްޓަކައި އެއިރު އޮތް އަނިޔާވެރި ސުވައިދީބު ސަރުކާރުގެ އެއްވުމެއްގެ ތެރެޔަށް ގެނެވުނުއިރު އެތާނގެ ކާތިބަކަށް ހުރީ އަޙްމަދު ދީދީގެ ދަރިފުޅު މުސްތަފާއެވެ. (މުސްތަފާއަކީ ކުރީގެ އަތޮޅުވެރިޔާ އަލްއުސްތާޛު ނ. ތ.ޙަސަންދީ ވެސް ގެންގުޅުއްވި ކާތިބެވެ.) ނާއިބު އިސްމާއީލް ދީދީ ފޮށިގަނޑެއްގެ މައްޗަށް އަރާހުންނަވާގެން ހަރުއަޑުފުޅުން މިފަދަ ނުލަފާމީހުންދޫކޮށްލައްވައިގެން ތިބޭކަލުން ހަމަ ތިއްބަވާނީތޯއޭ؟ ތިންފަހަރު ވިދާޅުވާއިރަށް ވަރުގަދަ އަތެއް އައިސް އަޅުގަނޑުގެ ކަނދުރާ މައްޗަށް ވެއްޓިއްޖެއެވެ. ދެނަކާދެނެއް ނެތެވެ.
ޒުހްރީގެ ހާލުކޮޅެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއް ބަޔަކު އަނިޔާކުރި ނަމަވެސް އަނެއް ބަޔަކު އަޅުގަނޑު ގެންގޮސް މަދްރަސާ އަމީރު އިބްރާހިމްގެ ތެރެޔަށް ވެއްދިކަން އެއީނަސީބެކެވެ. ދެން އެތަން މިތާ ފިލައި އުޅެނިކޮށް، އަނެއްކާ ވެސް އަނިޔާވެރިންގެ އަތުގައި ޖެހިއަޅުގަނޑު ގެނެސް އަތޮޅުގޭފ ާރުމަތިން އެތެރެއަށްވައްޓާލައިފިއެވެ. ޒުހްރީ އެތަނަށް ގެނެވުނުއިރު ހުންނެވީ މީހެއްގެ ބައު މުންޑުފަޅިޔެއް އެނދިވަޑައިގެންނެވެ. އަޅުގަނޑަށް ރޮވުނީ ޒުހްރީ ފެނުނީމައެވެ.
ދެން އަޅުގަނޑު ލައިގެންހުރި ގަމީސް ބާލައި ޒުހްރީ ލާންދިނީމެވެ. ކުޑައިރުކޮޅަކުން އަތޮޅުގޭ އަނދިރިކޮޓަރިއެއްގެ ތެރެއިން އިވުނީ އަޅުގަނޑުގެ މުސްތަފާ ރޯއަޑެވެ. ކުރިން ދެންނެވި ވަގުތު އޭނާގެ ގައިގާ ވެސް ތަޅާފޮޅާގަތީއެވެ.އެ އަނދިރި ޖަލުގެކާނާ.... ރަމްޟާންމަހެވެ.
ދުވަސްކޮޅަކަށްފަހު ޒުހްރީ އަރުވާލީއެވެ. މުސްތަފާއަށް އަނިޔާކުރި މީހުން ބަންދުކޮށް އޭނާ ރަށަށް ބޭސްކުރަން ފޮނުވީއެވެ. އަޅުގަނޑުވެސް އަރުވާލަން ނިޔާ ކަނޑައެޅުމަށްފަހު، ފަހުން ފޮނުވާލުން ރަނގަޅުކަމަށް ނުފެނެވެ. އެއްވެސް އެއްޗެއްނުކައި ބައެއް ދުވަހު ރޯދަ ހިފަންޖެހޭތީ އަޅުގަނޑު ޙާލު ވަރަށް ދެރަވާން ފަށައިފިއެވެ. އެއްދުވަހު ފެން ބޯން ދާނީން ފެން ނަގައިފައި ވެސް ރޯދަޔަށް ހުރެގެން މަރުވުމުގެ އެދުން ބޮޑުކޮށްލާފައި ގޮސް އޮށޯތީއެވެ.
ހަމައެދުވަހު ޢަބުދުﷲ ކަތީބު ވަޑައިގެން ކުރެއްވި ސުވާލު ތަކަކާއެކު ސިފައިންގެ ވެރިޔާ ސަޢީދުކަތީބަށް އަޅުގަނޑަށް ކާންދިނުމަށް އަންގަވާފިއެވެ.
އިރުއޮއްސޭއިރު ގެނައި ތަށިބަރިޔެއް... ސުބްޙާނަﷲ ކުކުޅު ރިހައިން ފެށިގެން... ހެދިކާއިން ސަންބޯސާއަށް ދަންދެން ހުއްޓެވެ. 9 ޖެހިއިރު ސަޔާއެކު ވެސް ހަމަ އެހާ ގިނަ ސާމާނު ހުއްޓެވެ. އެހާހިސާބުން ކާންލިބޭލެއް މޮޅުކަމުގެ ކޮޅެއް ނެތެވެ. ދުވަސްކޮޅަކަށްފަހު އޮފީހަށް ފޮނުވަން އަޅުގަނޑު ސޮއިކޮށްލަންވީސިޓީއަކާއެކު ޢަބުދުﷲކަތީބު އަޅުގަނޑަށް ސިއްރު ސިޓީއެއް ފޮނުއްވައިފިއެވެ.
މަޢާފުގެ ސިޓީ ދިޔުމާއިއެކު ނާރޭ ތަކްބީރަށް އަލުން ހަވަރު އެއްވެލައްވާ އަޅުގަނޑަށް މަޢާފު ދެވިއްޖެއެވެ. ޢަބުދުﷲ ކަތީބު ރާއްވަވާފައިވާ ގޮތަށް އަޅުގަނޑު ބޮޑުފޮށިގަނޑެއް މައްޗަށް އަރައިހުރެ އަޅުގަނޑުވެސް ސަރުކާރަށް ކިޔަމަންތެރިކަން އަދާކުރާނޭކަމުގައި ދެންނެވީމެވެ. އޭގެފަހުން އަޅުގަނޑު އެ ބޭފުޅުންގެ ތެރޭގައި ހަވަރުތިނަދޫގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައީމެވެ
ވާހަކައަކީ ޢިބްރަތުން ފުރިގެންވާ ލިޔަން ބޭނުން ވާހަކައެކެވެ. ނަމަވެސް، އެންމެ ފަހަރަކު އަހާލައިފައި އޭގެ ދެ ދުވަހެއް ފަހުން ލިޔަންވީމާ...... އަޙްމަދު ދީދީ އަރިހުން މަޢާފުއެދެމެވެ. ފުރަތަމަ ފަތަޙައި ދުވަހާ ޖެހެންދެން އޭނާއާ ދިމާވި މުހިންމު ހުރިހާ ހާދިސާތަކެއް ކިޔާދެއްވިއެވެ. ކޮންމެއަކަސް އަޙުމަދު ދީދީ ހޭދަކުރައްވާފައިވާ “އެކުވެރި” ސިޔާސަތު ވަރަށް މޮޅެވެ.
ހަވަރުތިނަދޫ ފަތަޙަ ކުރެއްވުމަށް ޞ.ދ އަލްފާޟިލް އިބްރާހިމް ނާޞިރު ކުރެއްވި ތާރީޚީ ދަތުރުފުޅުގައި ނާޞިރުގެ އޯޑަރުތައް އަޑުގަދަކުރާގެ ޛަރީޢާއިން އެ ރަށަށް ފޮނުވުމުގެ ޝަރަފު ދެއްވީ އަހްމަދު ދީދީއަށެވެ. އަދި އެދުވަހު ބަސްކިޔާ އިސްމީހަކަށް ހެއްދެވިއެވެ. ހަވަރުތިނަދޫ ފަތަހަ ކުރެއްވުމަށްފަހު، ފުރައިވަޑައިގަންނަވަމުން ރަޢިއްޔަތުންގެ ކަންތައް ހިންގެވުމާ ނާއިބުކަން ވެސް ޙަވާލުކުރެއްވިއެވެ. ފިޔޯރީން ފުރައިގެން ނަޑެއްލާ ބޭރަށް އާދެވެންދެން އޮތީ މިވާހަކައެވެ.
އަޙުމަދު ދީދީ ވިދާޅުވެދެއްވި ހުރިހާ ވާހަކައެއް ލިޔެލެވުނު ނަމައޭ މިހާރު ހިތަށް އަރައެވެ. އެވާހަކަތައް ލިޔެލެވުނުނަމަ އަޙްމަދު ދީދީގެ ހިތްވަރުފުޅު ގަދަކަމާ ސަރުކާރަށް ބެހެއްޓެވި ތެދުވެރިކަމުގެ ދިރިހުރި މިސާލުތަކަށް ވީސް ކަން ޔަގީނެވެ.
އިސްވެ ދެންނެވި ވާހަކަތަކުން ވެސް ސިޔާސީ ގޮތުން ޙައްގަކާނުލައި އަޙްމަދު ދީދީއަށް ލިބިވަޑައިގެންނެވި ބައެއް އަނިޔާތަކާ ސުވައިދީބުގައި ހިނގަމުން ދިޔަ އަނިޔާވެރިކަން ވެސް ކޮންމެސް ވަރަކަށް ސިފަ ކުރެއްވޭނެ ކަމަށް ހީކުރަމެވެ. ކޮންމެއަކަސް އަޅުގަނޑު ދުށް އަޙްމަދު ދީދީއަކީ، ހިތްވަރުގަދަ ފަހުލަވާނެކެވެ. ހިތްޕުޅުހެޔޮ ދީލަތި ބޭފުޅެކެވެ. އަތޮޅުގެ ގިނަ ބަޔަކުގެ އިޙްތިރާމް ހޯއްދަވަމުން ގެންދެވި، ވަފާތެރި ޤަވްމީ ޚިދުމަތްތެރިއެކެވެ.
ފިޔޯރީ އަޙްމަދު ދީދީއަކީ، ރާއްޖޭގެ ޢިލްމުވެރި ޢާއިލާއެއްގެ އެއް ބޭފުޅެކެވެ. ތަފްޞީލުކޮށް ދަންނަވާނަމަ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން އަރައިހުންނެވި ފަޟީލަތުއްޝައިޚު ޢަލީޙުސެން ދީދީއާ ޢިލްމުވެރި ޝައިޚު ޒުހްރީގެ ބޭބެއެވެ.
އަޙްމަދު ދީދީ ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވީ 1910 ވަނައަހަރު ޖުލައިމަހު 15 ވަނަދުވަހު ހުވަދުއަތޮޅު ފިޔޯރީގެ ތަނަވަސް ޢާއިލާއަކަށެވެ. ރަށުން ލިބިވަޑައިގެންނެވި ތަޢްލީމެއް ޙާސިލް ކުރެއްވުމަށްފަހު މާލެވަޑައިގެން އެއިރު “މަދްރަސާއެއް ކަމުގައިވި” ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުއަރިހުންނެވެ.
ރަށަށް ވަޑައިގެންނެވުމަށްފަހު، މުރާލި ކަމާއެކު ދިރިއުޅުމުގެ މަސައްކަތްތައް ފެއްޓެވިއެވެ. މަސްދޯނިފަހަރު ދުއްވުމާ ފަޅުރަށް ރަށްލިޔުއްވާ ބެލެހެއްޓެވުމާ ވިޔާފާރިކުރެއްވުމެވެ.
އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި އަތޮޅުގެ ބައެއް އިސް މަގާމްތަކާ ސަރުކާރުގެ ބައެއް މަގާމް ހިމެނެއެވެ. އެންމެ ގިނަދުވަހު އަދާކުރެއްވި ވަޒީފާއަކީ، ފިޔޯރީގެ ކަތީބުކަމެވެ.
ކައިވެނީގެ ގޮތުން އައްޑޫހުޅުދޫ ވާރުގޭ މަރިޔަމް މަނިކެފާނާއި ގުޅިވަޑައިގެން ފިރިހެން ތިން ބޭފުޅުންނާ އަންހެން ހަތަރު ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ނަމަވެސް މިހާރު ދުނިޔޭގައި ތިއްބެވީ އަންހެން ތިން ބޭފުޅުންނެވެ. އުފާވެރި ތަނަވަސް ދިރިއުޅުއްވުމަކަށްފަހު، ދިގު އާލާސްކަންފުޅެއްގައި މާލޭގައި ދުވަސްތަކެއް ހޭދަކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ 28 ނޮވެމްބަރ 2009 ވަނަ ދުވަހުއެވެ. ކީރިވަންތަﷲ މި މަރްޙޫމަށް ފުއްސެވުމާއި ރުއްސެވުން އިތުރުކުރައްވައި ދާއިމަށް ދެމިހުންނަ ސުވަރުގޭގެ ނިޢްމަތުގައި ލަހައްޓަވާށިއެވެ!
“ކާކުތޯ ނުދާނެނީ މިގުލްޝަނުން ވަކިވެ ހިނގާ
ކާކުތޯއެ ހަރުލަނީ ނުދާނެހެން މިތާކުގައި،
އިއްޔެގައި އެކީއުޅުނު މިތުރުނާ އަޒީޒުނާ
ވިއްޔެވަކި، މިފާލަމުން ކުރި ދަތުރު އެ ނިންމަމުން.”