ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައަކީ މިއަދު އަޅުގަނޑުމެންގެ ކަންފަތްތަކަށް އައު ވާހަކައެއް ނޫނެވެ. މީގެ ކުޑަ ދުވަސްކޮޅެއްކުރިން ތިމާގެ ހިތުގައި ވާ ޝުއޫރުތައް ބޭރުކޮށްލާ ކޮންމެ ފަހަރަކު ތިމާއަށް އެތަށް ގޮން ޖެހުންތަކެއް ކުރިމަތިވިޔަސް މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ.
ކޮންމެ މީހަކަށްވެސް އެމީހެއް ކަމަކާމެދު ދެކޭގޮތް ނުވަތަ ކަމަކާ ގުޅިގެން ހިތުގައި އުފެދިފައިވާ ޝުއޫރުތައް ބޭނުން ވަގުތަކު، ތިމާ އެދޭފަދަ ގޮތަކަށް ބޭރުކޮށްލުމުގެ މިނިވަންކަން މިވަނީ ލިބިދީފައެވެ.
އަޅުގަނޑު މިދައްކަނީ "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް" ގޮވާލާ ހުޅަނގުގެ ގައުމެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ވާހަކައެވެ. ނަމަވެސް އަދިވެސް މި ބައިމީހުން ތިބެ ގޮވަމުންދަނީ އިސްލާމީ ޤައުމުތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މީސްތަކުންނަށް ހޯދައި ދިނުމަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިއްބައިދިނުމަށް ކަރުގެ އެންމެ ހިމަނާރަށް ބާރުލައި ގޮވަމުންދާ ހުޅަނގުގެ ޤައުމުތަކުގެ ހާލަކީ ކޮބައިތޯއެވެ؟
ތިބޭފުޅުންނަށް ޤަބޫލު ކުރަން ކިތަންމެ ދަތިވި ނަމަވެސް ހަގީގަތަކީ މުސްލިމް ޤައުމުތަކުގައި އެ މިނިވަންކަން ލިބިދީފައިވާ މިންވަރާ ގާތަށްވެސް ހުޅަނގުގެ ޤައުމުތަކުގައި އެ މިނިވަންކަން ލިބިދީފައި ނުވާކަމެވެ. ޔަޤީން ނުވާނަމަ އަޅުގަނޑާއެކު މަޒުމޫނާއިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.
މިމަހު 7 ވީ އާދިއްތަ ދުވަހު ލުބުނާނުގައި މަރުވި އާޔަތުއްﷲ މުހައްމަދު ހުސެއިނަށް ތައުރީފު ކުރުމުގެ ސަބަބުން އެތަށް ބަޔަކަށް އަންނަނީ ޔަހޫދީންގެ އިސްވެރިން ނުވަތަ އެމީހުން ގެ ނުފޫޒުގެ ދަށުގައިތިބި ބައެއްގެ ފަރާތުން ޕްރެޝަރު ކުރިމަތިވަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޝްހޫރު ހަބަރު ފޮނުވާ ޓީވީ، ސީ.އެން.އެން އުން މެދު އިރުމަތީގެ ހަބަރުތަކަށް ކަނޑަ އަޅާފައި ހުންނަ ސީނިއާ އެޑިޓާ ،އޮކްޓާވާ ނަސްރް އޭނަގެ ޓްވިޓާގައި ލިޔުނު ކޮމެންޓެއްގެ ސަބަބުން ވަނީ ވަޒީފާއިން ވަކިކޮށްލާފައެވެ.
20 އަހަރު ވަންދެން ސީ.އެން.އެން ގައި މަސައްކަތް ކޮށްފައިވާ އޮކްޓާވާ ނަސްރް އޭނަގެ ޓްވިޓާ އެކައުންޓުގައި ލިޔެފައި ވަނީ އާޔަތުއްﷲ މުހައްމަދު ހުސެއިން މަރުވުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށާއި، އޭނައަކީ ހިޒްބުﷲގެ ބޮޑުންގެ ތެރެއިން އޭނަ ވަރަށް އިޚްތިރާމް ކުރާ މީހެއްކަމަށެވެ. އެމެރިކާއިން ޓެރެރިސްޓުންގެ ލިސްޓުގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އާއެކު ބްލެކްލިސްޓު ކޮށްފައިވާ އާޔަތުﷲ މުހައްމަދު ހުސެއިނަށް މިފަދަ ގޮތަކަށް ކޮމެންޓު ކުރުމާއެކު އޮކްޓާވާ ނަސްރު ވަނީ ވަގުތުން ވަޒީފާއިން ކަނޑާލައިފައެވެ.
އާޔަތުﷲ މުހަށްމަދު ހުސެއިނަށް ތައުރީފުކޮށް އިނގިރޭސި ވިލާތުން ލުބުނާނަށް ކަނޑަ އަޅައިފައި ހުންނަ ސަފީރު، ފްރަންސެސް ގާއި، ހޯމަދުވަހު އޭނަގެ ބްލޮގުގައި ލިޔުނު، ލިޔުމުގެ ސަބަބުން އޭނައަށްވެސް އަންނަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ. "ދަ ޕާސިންގް އޮފް ޑީސެންޓް މޭން" ގެ ނަމުގައި ފްރަންސެސް ގާއި ގެ ބްލޮގުގައި ލިޔެފައިވާ ލިޔުމުގައި އާޔަތުﷲ މުހަށްމަދު ހުސޭނަކީ އޭނާ ވަރަށް އިޚްތިރާމު ކުރަށްވާ ސިޔާސީ ބޭފުޅެއްކަމަށް ބުނެފައި ވެއެވެ.
އަދި އޭނާއާ ބައްދަލުކުރާ ކޮންމެ ފަހަރަކީ ގާއިއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމަށް އޭނާގެ ބްލޮގުގައި ލިޔެފައިވެއެވެ." އޭނައާ ބައްދަލުކުރާ ކޮންމެ މީހަކު ވަކިވެގެން ދާނީ އޭނައަކީ ވަރަށް ރަނގަޅު މީހެއްކަމަށް ގަބޫލުކޮށްގެން" ފްރަންސެސް ގާއި، އޭނާއަށް ތައުރީފުކުރަމުން ލިޔުއްވާފައި ވެއެވެ. " ދުނިޔެއަށް ބޭނުންވަނީ އެފަދަ މީހުން."
ފްރަންސެސް ގާއިގެ މި ކޮމެންޓު ތަކާއި ގުޅިގެން އޭނައަށް އެއްވެސް އަދަބެއް ކުރިމަތި ވާނެތޯ، ތެލް އަވީވުގައި ހުންނަ ޔޫކޭގެ އެމްބަސީގެ ފަރާތުން ވާހަކަ ދެއްކެވި މިހާގާތު އެއްސެވުމުން ވަނީ އެއްވެސް އެއްޗެކޭ ވިދާޅުވުމަށް އިންކާރު ކުރަށްވާފައެވެ.
ހަމަ މިދިޔަ ހަފްތާ ތެރޭ، ޖޯން އެފް ކެނެޑީގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ވައިޓު ހައުސްގެ ޕްރެސް ގައި މަސައްކަތް ކުރަމުން އަންން ހެލެން ތޯމަސް ކިޔާ އަންހެނަކު އިޒްރޭލާ ދެކޮޅަށް ކުރި ކޮމެންޓު ތަކަކާއި ގުޅީގެން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން ވަނީ އަމިއްލައަށް އިސްތިއުފާ ދީފައެވެ. އޭނައަކީ 30 އަށްވުރެއް ގިނަ އޮނަރަރީ ޑީގްރީ ލިބިވަޑައިގެންފައިވާ އުމުރުން 89 އަހަރުގެ އަންހެނެކެވެ.
މިއަހަރުގެ މޭ މަހުގެ 27 ވީ ދުވަހު ޔަހޫދީންގެ ހާއްސަދުވެއް ފާހަގަ ކުރުމުގެ ގޮތުން ވައިޓު ހައުސްގައި ބޭއްވި ހަފްލާއެއްގައި، އިޒްރޭލަށް ކޮމެންޓެއްކުރުމަށް ހަފްލާގެ ބައިވެރީންކުރެން އެދުމުން ހެލެން ތޯމްސް ވިދާޅުވެފައިވަނީ" އެމީހުން(އިޒްރޭލު) ގާތު ބުނޭ ފަލަސްތީނުން ފައިބާށޭ" އެވެ. މިކަމުގެ ސަބަބުން ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރުގެ ސަބަބުން މިމަހު ކުރީކޮޅު އެކަމަނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަނަކަން އެންމެ ފުޅާކޮށް ލިބިދީފައިވާކަމަށް ބުނާ ހުޅަނގުގެ ޤައުމުތަކުގެ ހާލަކީ މިއީއެވެ. އެބައިމީހުންނާ ދެކޮޅަށް އެންމެ ޖުމުލައެއް ބޭރުކޮށްލިޔަސް އެ ހަޖަމުކުރަން އެމީހުންނަށް ވަނީ ވަރަށް ދަތި ކަމަކަށެވެ. އަދި އެފަދަ ބަޔަކާ ދެކޮޅަށް އިންތިހާއަށް ހުރަސްތަށް ކުރިމަތި ކުރުވައެވެ.
ހުޅަނގުގެ ގައުމުތަކަށްވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާންޖެހެނީ އެމީޙުން ބޭނުންވާ ވާހަކަތަކެއް ފެތުރުމަށެވެ. އެބައި މީހުންނާ ދެކޮޅަށް އެއްޗެއް ބުނުމާއެކު އެ "ޚިޔާލު ފާޅުކުރުމުގެ މިނިވަން"ކަމޭ މިކިޔާ އެއްޗަކަށް ވާގޮތެއް ނޭންގެއެވެ.