ގެމަނަފުށީ ޒުވާނުންނަށްޓަކައި ކުޅިވަރު ތަރައްގީކުރުމުގެ ގޮތުންނާއި ރަށުގައި ސާފުކުރަންޖެހި ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެންވެސް ނުކުރެވި ހުރި ގިނަ މަސައްކަތް ތަކެއް ކުރުމުގެ މަގުސަދުގައި ގެމަނަފުށީ ކައުންސިލާ އަލްފާޟިލް އަލީ އަހުމަދު އިސްނަންގަވައިގެން މަގުއްދުއާއި ގުޅިގެން މީގެ ހަފަތާއެއްހައި ދުވަސް ކުރިން ފެށިމަސައްކަތުގެ ދެވަނަބުރުގެ މަސައްކަތް އިއްޔެ އަލުން ފައްޓައިފިއެވެ. މިފަހަރުވެސް ކުރީފަހަރެކޭ އެއްފަދައިން ދެދުވަސް ވަންދެން މަސައްކަތް ކުރާނެއެވެ.
މިފަހަރުގެ މަސައްކަތުން ރަށުގެ ދެކުނުފަރާތު ބޯޅަދަޑުގެ 90 އިންސައްތަ ކޮށާ ސާފުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. ކައުންސިލާ އަލްފާޟިލް އަލީ އަހުމަދު މައުލޫމާދު ދެއްވިގޮތުގައި މިހާރު ހަމަޖެހިފައިވަނީ ކޮންމެ ހަފްތާ ބަންދެއްގައި މަސައްކަތް ކޮށް މުޅިރަށުގައި ހުރި އެބާވަތުގެ ހުރިހާ މަސައްކަތެއް ނިންމާގޮތަށެވެ.
ސަބަބަކީ މިކަމަކީ އެކްސްކަވޭޓަރު ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތަށްވާތީ މަސައްކަތް އެކީއެކަށް ނިމެންދެން އެކްސްކަވޭޓަރު ރަށުގައި ބޭއްވުމަކީ އެމަސައްކަތްކުރައްވާ މަގުއްދޫ ރިސޯޓުގެ ބޭފުޅުންނަށްވެސް ފަސޭހަކަމަކަށް ނުވާތީއެވެ. އެހެންކަމުން އެބޭފުޅުންގެ މަސައްކަތައްވެސް ބުރޫނާރާފަދަ ގޮތަކަށް ދެފަރާތުން ވާހަކަދައްކައިގެން މިގޮތަށް ނިންމީ މިއީ ރައްޔިތުންނަށް އެންމެ ފައިދާބޮޑުގޮތް ކަމަށް ފެންނާތީއެވެ. ސަބަބަކީ މުޅިރަށުގެ އުތުރާއި ދެކުނުގެ ހުރިހާ ކުޅިވަރު ސަރައްދުތައް މިބީދައިން ކޮށާސާފުކުރުމަކީ ހައިމާކެއް ބޭނުންކޮށްގެންވެސް މަދުވެގެން ދެތިން ހަފްތާނަގާނެ ކަމެއްކަމަށް ލަފާކުރެވޭތީއެވެ.
ކައުންސިލާ އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ ވަރަށްގިނަ ދުވަސްތަކެއްގެ މަސައްކަތް ކަމާއި އެތައްފަހަރެއްގެ މަތިން އެތައްފަރާތްތަކަކާއި ވާހަކަދެކެވިގެން ކާމިޔާބުވި ކަމެއްކަމަށެވެ. އެހެންކަމުން މިކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ. ކުރީދުވަހެކޭ އެއްގޮތަށް މިފަހަރުވެސް އިދިކޮޅު ޑީ.އާރު.ޕީއިން ވަނީ މިކަން ހުއްޓުވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ފޯނުން މަގުއްދުއަށް ގުޅާ މިރަށަށް ނޭރުމަށާއި އަރައިފިނަމަ ހަމަނުޖެހުން ހިނގާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
ހަގީގަތުގައި މިއީ ވަރަށް ދައްފަންތީގެ ދެރަ ހިތާމަހުރި ކަމެކެވެ. އަދުގެ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ރަށުގެ ރައްޔިތުންނައްޓަކައި ކުރަމުންދާ މިފަދަ ބުރަ މަސައްކަތް ފާހަގަކޮށް އުފާކޮށް ޝުކުރުވެރި ވުމަކީ ރަށުގެ ތަރައްގީއަށް ލޯބިކުރާ ކޮންމެ މީހެއްގެވެސް އުފަލަކަށް ހައްދަވަމާތޯއެވެ. ކުރީދުވަހު މިމަސައްކަތަށް ވެރިވެ ނާޖާއިޒުފައިދާ ހޯދަން މަސައްކަތްކުރި އެންމެ މީހަކުވެސް މިއަދު އެސަރަޙައްދުން ނުފެނެއެވެ. ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ބައެއްނަމަ މިއަދުވެސް އައިސް އެހީތެރިވީހެވެ. މިސައިޓަށް މައުލޫމާތު ލިބުނުގޮތުގައި ކުރީދުވަހު މުހައްމަދު ސާލިހު އެމަސައްކަތުގައި ހަރަކާތްތެރިވީ އުޖޫރައަށެވެ.
އެއަށްފަހު މިކަމަކީ ތިމަންނާ ކުރާކަމެކޭ ކިޔައި ރައްޔިތުންނަށް އޮޅުވާލިއެވެ. މިކަމަކީ އެބޭފުޅާ ކުރެއްވި ކަމެއްނަމަ އަލީ އަހުމަދުގެ ބާރުގެ ދަށަށް މިކަން އަންނަންވީ ކީއްވެތޯއެވެ. ނޫނީ މިއަދު އެބޭފުޅާ މިމަސައްކަތުގައި އެހީތެރިވުމަށް ވަޑައިނުގަތީ ކީއްވެތޯއެވެ. ނޫނީ މަގުއްދޫގެ ފަރާތުން އެބޭފުޅާއާއި މުއާމަލާތް ނުކުރަނީ ކީއްވެތޯއެވެ؟
މިކަމުންވެސް ރައްޔިތުންނަށް ވަރަށްބޮޑު ބައެއް އޮޅުންފިލައިފިއެވެ. މިފުރުސަތުގައި ރަށުގެ އެންމެހާ ރައްޔިތުންނަށް ކަންކަމުގައި ވިސްނާ ފިކުރު ކުރުމަށް ގޮވާލަމެވެ. އަދި ސަރުކާރާއި ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެއްވުމަށް ގޮވާލަމެވެ.
ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރަކާއި ގުޅިގެންނޫނީ ރަށުގެ ތަރައްގީއަށް ކަމެއް ނުކޮށްދެވޭނެކަން ހަނދުމަފުޅު ކުރައްވާށެވެ. އަހަރެމެން ފުރަތަމަ ވިސްނަން ޖެހޭނީ އަހަރެމެން އުޅެބޮޑުވާ މާހައުލަށެވެ. ވަކި މީހަކުގެ ދިފާއުގައި ތެޅިއެރުވުމަށްވުރެ ރަށާއި ގައުމާއިގެން ތެރިއެރުވުން މާ ބުއްދިވެރިއެވެ.