ރާއްޖޭގެ ސިޔާސީ ގަޑުބަޑު ހައްލުކުރުމަށް އެމެރިކާއިން އެހީވުމަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރް ރޮބަރޓް ބްލޭކް މާދަމާގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ސިޔާސީ މަޝްރަހުގައި އުފެދިފައިވާ ދެކޮޅުވެރިކަން އަމިއްލައަށް މަޝްވަރާކޮށް ހައްލުނުކުރެވުމުން އެމެރިކާއިން މިމައްސަލަ ފިނިކުރުމަށް މަސައްކަތް ކުރުމަށް މީގެކުރިން ތައްޔާރަށް އޮތްކަމަށްވަނީ ހާމަކޮށްފައެވެ. ސަންދާނަށް ހަބަރު ލިބިފައިވާގޮތުގައި ބްލޭކް ގެ މިދަތުރުގައި ސަރުކާރު ހިންގާ އެމްޑީޕީއާއި އިދިކޮޅު ޕާޓީތަކާއިވެސް މަޝްވަރާކުރާނެއެވެ.
މީގެ އިތުރުން މިމައްސަލަ ހައްލުކުރުމަށް މިހާތަނަށްވަނީ ގިނަ ފަރާތްތަކުން މަސައްކަތް ކޮށްފައެވެ. އެގޮތުން ސިޔާސީ ގަޑުބަޑު ‘ފިނި’ކުރުމަށް މަޖިލިސްގެ ރައީސް އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރާއި، އަވައްޓެރި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެހީތެރިކަންވަނީ ހޯދާފައެވެ.