ކުރީގެ އަދަދާ ގުޅޭ..
ދަރިފުޅާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިޙްސާސްކުރެވި ދަރިފުޅުގެ ކިބައިން މަޢާފަށް އެދުމުގެ ޝުޢޫރު އޭނާގެ ހިތުގެ ތެރޭގައި އުތުރިގަތެވެ. އިރުކޮޅަކުން އެދާންމަތި ދޫކޮށްފައި ދަރިފުޅާ ދިމާއަށް މިޞްރާބުޖެހިއެވެ.
ބައްޕަ ބުންޏެވެ. “ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ. ދަރިފުޅު ބޭނުމީ ދިހަ ޑޮލަރު ނޫންހެއްޔެވެ؟ މި އޮތީ ދިހަ ޑޮލަރެވެ. ހިފާށެވެ.”
ބައްޕަ ދިހަ ޑޮލަރު ދިނުމުން ދަރިފުޅު އެދިހަޑޮލަރު ބާލިސް ދަށަށްލައި ރައްކާކުރިއެވެ. އެދިހަ ޑޮލަރު ލާން ބާލީސް ހިއްލާލި ވަޤުތު އޭގެ ދަށުގައި އިތުރު ދިހަ ޑޮލަރު އޮއްވާ ބައްޕައަށް ފެނުނެވެ.
ބައްޕަ ބުންޏެވެ. “ދަރިފުޅު އަތުގައި މިހާރުވެސް ދިހަ ޑޮލަރު އެބައޮތް ނޫންހެއްޔެވެ؟ ދެން އަނެއްކާ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟”
ދަރިފުޅު ބުންޏެވެ. “ބައްޕާއެވެ! އަހަރެން މި ފާއިތުވެދިޔަ ދުވަސްތަކުގައި މިއަންނަނީ ފައިސާ އެއްކުރަމުންނެވެ. މިހާރު އަހަރެންގެ އަތުގައި ވިހި ޑޮލަރު އެއްކޮށްފީމެވެ. އަހަރެން ބޭނުމީ މި ވިހި ޑޮލަރު ބައްޕައަށް ދީފައި ބައްޕަގެ އަތުން މާދަމާ އެއްގަޑިއިރު ގަންނާށެވެ. ބައްޕަގެ ބުރަ މަސައްކަތާ ހެދި ބައްޕަޔާ އެކީ ހޭދަކޮށްލާނެ ވަޤުތުކޮޅެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ފަސް މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. ބައްޕަގެ ހުރިހާ ވަޤުތެއް ތިޔަ ހޭދަކޮށްލަނީ ވިޔަފާރީގައެވެ. ބައްޕަވަނީ މަންމައަށްވެސް އަޅާނުލެވި މަންމަވެސް ދޫކޮށްލާފައެވެ. ތިޔަ ވިޔަފާރީގެ ސަބަބުން އަހަރެން މިވަނީ މަންމަގެ ލޯބިން މަހުރޫމުވެފައެވެ.
ބައްޕަ ތިޔަވަނީ ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައްވެސް ދޫކޮށްލާފައެވެ. ޢާއިލާގެ އެތައްބަޔަކާ ގުޅުން ކަނޑާފައެވެ. މި އޮތީ ވިހި ޑޮލަރެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށްޓަކައި ބައްޕަގެ ވަޤުތުން މާދަމާ އެއްގަޑިއިރު ހުސްކޮށްދެވިދާނޭ ހެއްޔެވެ؟”
އެވަޤުތު މި ބައްޕައަށް ކުރާނޭ އަސަރު ތިބާ އިޙްސާސްކޮށްލާށެވެ. މިއަދު ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟ ތިބާގެ އަތުން ފައިސާދީފައި މިގޮތަށް ވަޤުތު ގަންނަންޖެހިފައި ތިބި ކިތައްމީހުން އެބަތިބި ހެއްޔެވެ؟ ތިބާ އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ބަރާބަރަށް އަދާކުރަމު ހެއްޔެވެ؟ އަނބިންނާއި ދަރީންނަށް ލޯބި ދެމު ހެއްޔެވެ؟ އެމީހުންނާއިއެކު ވަޤުތު ހޭދަކުރަން ހެއްޔެވެ؟ ބާއްޖަވެރި އުފާވެރި ޙަޔާތެއްގެ ތަޅުދަނޑިއަކީ ލޯބިވެތިކަމުން ފުރިފައިވާ ޢާއިލާއެއް ނޫންހެއްޔެވެ؟ އެފަދަ ލޯބިވެތިކަމެއް ޢާއިލާގައި ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް ތަބާވުން ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟ މިއީ ތިބާގެ ޙަޔާތުގެ ބަދަލުކުރުމުގެ ވަޤުތެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަތީގައިވާ އެވާ ކުރުކުރު ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. މިއީ އަޅުގަނޑުމެންގެ ނަޒަރުގައި ފައިސާގެ ގިނަކަމާއިހުރެ ބާއްޖަވެރިކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތެވެ. މިފަދަ އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ. ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.
އެހެންވީމާ ދެން އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟ ބާއްޖަވެރިކަން ލިބެނީ ކޮންބަޔަކަށްތޯއެވެ؟ މިސުވާލުގެ ޖަވާބު ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންނަނިވި އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ.
ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު ދެއްވާ ނިޢުމަތެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވެއެވެ.
“مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً”
(النّحل: 97)
“މުއުމިނެއް ކަމުގައިވާޙާލު, ފިރިހެނުންގެ ތެރެއިިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވަވާހުށީމެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހުގެ ކިޔަމަންތެރި އަޅުންނަށް އަމާން އޮމާން ރަނގަޅު ޙަޔާތެއް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެއިލާހުގެ ވަޢުދަކީ އެއާ ޚިލާފުވުމެއްނެތް ހަމަކަށަވަރުންވެސް ތެދު ވަޢުދެކެވެ. އެކަމުގެ މިސާލުތައް އަހަރެމެންނަށް ފެންނަން އެބަހުއްޓެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޔޫސުފު ޢަލައިހިއްސަލާމް އެތައް އަހަރުތަކެއް ވަންދެން ޖަލުގައި އުޅުއްވި އިރުވެސް އުޅުއްވީ އިލާހީ ޙަޟްރަތުން ދެއްވި ހިތްހަމަޖެހުން މަތީގައެވެ. އެއްގޮތަކަށްވެސް ދިރިއުޅުން މަތިން ފޫހިވެ މާޔޫސްވެ ނުލައްވައެވެ. ޖަލުގައިވެސް ﷲ ގެ ދީނަށް ގޮވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން ދިރިއުޅުއްވީ އެބޭކަލުންނަށް މާއްދީ ގޮތުން ދިމާވި ދަތިތަކާއި އެކުވެސް ހިތްހަމަޖެހިގެންވާ ދިރިއުޅުމެކެވެ. މިއުއްމަތުގެ ބޮޑު ދަންނަބޭކަލެއް ކަމުގައިވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނު ކަސްތޮޅު އަޅުވައި ކުޑަގޮޅިއަށް ލައި ބަންދުކުރި ހިނދު ވިދާޅުވީ ކީކޭތޯއެވެ؟
“މިބައިމީހުން އަހަރެން ކުޑަގޮޅިއަކަށް ލައި ބަންދުކުރުމުން އެމީހުންނަށް އަހަރެންނަށް އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ (މުރާދަކީ އެއްވެސް ހިތްދަތިކަމެއް ނުކުރެވެއެވެ.) އަހަރެންގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ވަނީ އަހަރެންގެ ހިތުގައެވެ. އެބައިމީހުންނަށް އަހަރެންނާއި އަހަރެންގެ ހިތަކާ ވަތްކެއް ނުކުރެވޭނެއެވެ.”
ޙަޤީޤީ ބާއްޖަވެރިކަމަކީ މިއީއެވެ. ދަތި އުނދަގޫ ތަކާ އެކުވެސް އެބައިމީހުން ވަނީ އިލާހީ ހިތްހަމަޖެހުމުން އުފާވެރިކަން ޙާޞިލުކޮށްފައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ބާއްޖަވެރިކަން މި ހިތް ހަމަޖެހުން މި އުފާވެރިކަން މި ފޮނިކަން މި ލައްޒަތު، ﷲ އަށް ސަޖިދައެއް ޖަހާލާނެ ފުރުޞަތެއް ނުލިބޭ، ޤުރުއާން ކިޔަވާލާނެ ފުރުޞަތެއް ނުލިބޭ ބަޔަކަށް ލިބޭނެ ހެއްޔެވެ؟ އެބައިމީހުންގެ މުއްސަދިކަމަކުން މިފަދަ ރޫޙާނީ އަރާމެއް ނުލިބޭނެއެވެ. އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި މިމިސްކިތްތަކާއި މިޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި މެދު މިދީނާއި މިޤުރުއާނާއި މިމިސްކިތްތައް ރޯނެ ނަމަ އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެކަން ކަށަވަރެވެ.
އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމެއް ނެތި އަދި ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރުމެއް ނެތި ގަނޑުވަރުތަކުގައި އަރާމާއި އުފަލުގެ ވަޤުތީ ދާންމަތި ތަކުގައި މިދުނިޔޭގެ ކުރު ދުވަސްތައް ބޭކާރު ކުރިޔަސް އަދި އެއުޅެވެނީ ބާއްޖަވެރި ދިރިއުޅުމެއް ނޫނެވެ.
އީމާންކަމާއި ހެޔޮލަފާ ޢަމަލުކުރުން ނެތި ކިތަންމެ ގިނަ މުދަލާއި ފައިސާތަކެއް އެއްކޮށް އެއިން އަގުބޮޑެތި ތަކެތި ގަނެ އަގުބޮޑު ޚިދުމަތްތައް ބޭނުންކުރި ކަމުގައިވިޔަސް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެފަދަ މީހުންނަށް ވަނީ މާތްﷲ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ދަތި އުނދަގޫ ދިރިއުޅުމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
“فَإِنَّ لَهُ مَعِيشَةً ضَنْكًا” (طه: 124)
“ފަހެ ހަމަ ކަށަވަރުން އެމީހަކަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ.”
ބާއްޖަވެރިކަމާއި އުފާ ފާގަތިކަމަށް ފެންބޮވައިގެންވާ މީސްތަކުންނޭވެ! އަޅުގަނޑުމެން ބާއްޖަވެރި އުފާފާގަތި އަމާން، އޮމާން ހިތްހަމަޖެހޭ ހަޔާތެއް ބޭނުންކަމަށް ވާނަމަ، ﷲގެ ގެކޮޅުތައް އާބާދުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ޤުރުއާން ކިޔެވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނެ މަގު ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ތަބާވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ހެޔޮލަފާ ޞާލިޙު ޢަމަލު ކޮށްގެން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކްރުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
“أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ” (الرّعد: 28)
“ފަހެ ދަންނާށެވެ. ހަމަކަށަވަރުން ހިތްތަކަށް ހަމަޖެހުންވަނީ، ﷲ އަށް ޛިކުރު ކުރުމުންނެވެ.”