ފަހަލަ ސަޢީދު
ދިވެހިން މަގުތަކަށް ނުކުމެ، ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލު ކުރީ ކުރިން ވެރިކަން ކުރި މައުމޫނުގެ ސަރުކާރުގެ އަނިޔާވެރިކަމާ ލާއިންސާނީ ޢަމަލުތަކަށް ކެތް ނުވެގެންނެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން ތިޔަ އުޅުއްވަނީ ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވިފައިވާ ސަރުކާރަށް އަރައިގަތުމަށެވެ. ތިޔަހެން ނުއުޅުއްވާށެވެ. ވެރިކަން ބޭނުން ފުޅުނަމަ ދެންއަންނަ އިންތިހާބަކަށް ކެތްކުރައްވާށެވެ.
މި ގައުމުގައި މި އޮތް ގާނޫނީ ވެރިކަން ވައްޓައެއް ނުލެވޭނެއެވެ. އެކަމަށް މަސައްކަތް ކުރާ ކޮންމެ މީހަކަށްމެ އެކަން އެނގެން ވާނެއެވެ. ގައުމާ ރައްޔިތުން ދެކެ ލޯބިވާ ފަރާތްތަކުން މަސައްކަތް ކުރަންވާނީ ވެރިކަމަށްޓަކައެއް ނޫނެވެ. ރައްޔިތުންނަށް އުފާ ފާގަތި މިނިވަން ވެއްޓެއް ގާއިމް ކޮށްދިނުމަށެވެ. ކަމަކާމެދު ހިތް ހަމަނުޖެހޭ ކޮންމެ ވަގުތަކު ވެރިކަން ވައްޓާލަން އުޅުމަށްވުރެ އެކަމެއް ރަނގަޅުކުރަން ނުކުތުން ކިހިނެއް ވާނެތޯއެވެ؟ ގައުމާ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ނުނިކުންނަނީ ކީއްވެތޯއެވެ؟ ގައުމުގައި މިހިނގާ ކަތިލުންތަކާ ދެކޮޅަށް ނުކުމެ އެކަންކަން ރަނގަޅުކުރަން ސަރުކާރަށް ޕުރެސަރ ނުކުރަނީ ކިއެއްވެތޯއެވެ؟
މިގައުމުން ގެއްލިފައިވާ އަދުލު އިންސާފު އަނބުރާ ގެނައުމަށް ވަކިވެފައިވާ އަދުލް އިންސާފު ހަމަ މަގަށް އަޅުވަން ނުނިކުންނަނީ ކިއެއްވެތޯއެވެ؟ ސަރުކާރަކަށް ވިޔަސް ކުރާ ހުރިހާ ކަމެއް ރަނގަޅެއް ނުވާނެއެވެ. އެކަންކަން ރަނގަޅު ކުރާނީ އޮޕޮޒިޝަން ޕާޓީ ތަކުން ނުކުމެގެންނެވެ. ސަރުކާރަށް ނުރަނގަޅު ކަމެއް ކުރެވުނަސް ވެރިކަމެއް ނުވެއްޓޭނެއެވެ. އެ ނުރަނގަޅު ވީކަމެއް ރަނގަޅު ކުރަންޖެހޭނީ ރައްޔިތުންނެވެ. އެއީ މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރަކަށް ވާތީއެވެ. ‘ރާގޮނޑި ރާޖާ’ އާއި ‘ގޮޅާބޯ’ ވެރިކަން ބޭނުންވާކަން މާކުރިންވެސް ރައްޔިތުންނަށް އެނގެއެވެ. ނަމަވެސް މުޅި ޖީލެއް ފަނާކުރި އެފަދަ ނުލަފާ ބަޔަކާ މިގައުމުގެ ވެރިކަން ހަވާލުކުރާނެ ކަމަށް ދެން އުންމީދު ނުކުރާށެވެ.
ކިތަންމެ ރިޝްވަތެއް ދިނަސް ވެރިކަމުގެ ގޮނޑިޔާ ހަމަޔަށް ތިޔަ ރާގޮނޑި ރާޖާ އަކަށް ވިޔަސް ދެންހުރި މީހަކަށް ވިޔަސް ނާދެވޭނެ ކަމަށް ޔަގީން ކުރާށެވެ. ގައުމުގެ ރައްޔިތުންގެ ލާބަޔާ މަންފާ އަކަށްޓަކައި ސަރުކާރުން ކުރާ މަސައްކަތް ތަކަށް ހުރަސް އަޅަމުން އެދަނީ ސަރުކާރު ދެކެ ރައްޔިތުން ރުޅިއެރުވުން ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ކުށްހީ އެކެވ.ެ
މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް އޯގާވެރި ހެޔޮ ވެރިކަމެއް ކުރާ ސަރުކާރެއްކަން ރައްޔިތުންނަށް ނުއޮޅޭނެއެވެ. މި ސަރުކާރަކީ ތިޔަ ހީކުރާ ކަހަލަ ސަރުކާރެއްނަމަ، އިދިކޮޅު ޕާޓީގެ އިސް ސަފުގައި ތިބި އެންމެން މިހާރު ތިބީހީ ޖަލުގައެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި ދުލުގެ މިނިވަންކަން ދިނީމާ އޭގެ ނާޖާއީޒް ފައިދާ ނަންގަވަން ނުއުޅުއްވާށެވެ.
ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮށްގެންތިބި ހުވަޔާ އެއްގޮތަށް މަޖިލީހުގައި މަަސައްކަތް ކުރުމަށް އެންމެހާ މެންބަރުންނަށް ގޮވާލަމެވެ. އަދި މިގައުމު އަމާން ބަނދަރަކަށް ގެންދިއުމަށްޓަކާ ސަރުކާރާ ގުޅިގެން ފިތުނައާއި ޒާތީ ތައައްސުބު ދޫކޮށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލަމެވެ. މިގައުމުގެ އަދުލް އިންސާފުގެ ދާއިރާ އޯވަހޯލްކޮށް އާ ސުޕެއަރ ލައްވައިގެން ނޫނީ މުޅިން އާރޯތާނާ ތިބި ތައުލީމީ ގާބިލް މީހުން ލައިގެން މުޅި ދާއިރާ ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކާ ސަރުކާރަށް ގޮވާލަމެވެ.
މި ރާއްޖޭގެ ރައްޔިތުންގެ ބާރުތައް ވަކިކުރީ އެއްބާރު އަނެއްބާރަށް ޖެއްސުންކޮށް ގައުމު އަނދަވަޅަކަށް ވައްޓާލާކަށް ނޫނެވެ. އެކެއްގެ މުށުގައި ތިންބާރު އޮވެގެން ރައްޔިރުންނާ ގައުމަށް ދިން ދޯކާ ދެެން ނުދެވޭނެ ގޮތް ހޯދުމަށްޓަކައެވެ. މާޒީވެ ދިޔަ 30 އަހަރު މި ރާއްޖޭގައި ވެރިކަން ހިންގާފައި އޮތީ ގޮށްމުށުގެ ބާރުންނެވެ. އަދިވެސް ވެރިކަން ހޯދަން ގަދަފައި އެ ވިއްދަނީ ވެސް އެއަނިޔާ ވެރިންނެވެ. ވެރިކަން ގެއްލިދާނެހެން ހީވި ހިސާބުން މުޅި ގައުމު ދިރުވާލައި ރައްޔިތުން ވިއްކާލާފައި ދިޔަ ޚާއިނުންނެވެ. އަމިއްލަ އެދުމުން ފޯވެފައި ތިބި މަދު ބަޔަކު ކުރިން އެފަދަ ފަރާތްތަކަށް ލިބެމުން އައި ނާޖާއީޒް ފައިދާތައް ނުލިބެން ފެށުމުން ވެރިކަމުގައި ތިބި މީހުން ދެކެ ރުޅިއަޔަސް ވާނެކަމެއް އޮވެދާނެ ބާއެވެ؟ ނުވާނެއެވެ.
އިދިކޮޅު ޕާޓީގައި މިހާރުވެސް ތިބީ ކުށްވެރިންނެވެ. ގާނޫނީ ގޮތުން މިހާރުވެސް ޖަލުތަކަށް ލެވެންތިބި މީހުންނެވެ. އެހެނަސް މިސަރުކާރަކީ އެކަހަލަ ބަޔަކު ދެކެ ޖެހިލުންވާ ސަރުކާރަކަށް ނުވާތީ ފޮނު އަރުވަން ބައިތިއްބައިގެން އެ ގެންދަނީ ސަރުކާރު ހިންގަމުންނެވެ. މިސަރުކާރަށް ކޮންމެ ކަމެއްވެސް ހަޖަމް ކުރެވޭނެއެވެ. އިދިކޮޅު ގޮޅާތައް ފޮނުއަރުވަން ދޫކޮށްލައިގެން ތިބެ ވެރިކަން އެކުރަނީ ހަޖަމު ކުރެވޭތީއެވެ
ފުލުހުންނާއި ސިފައިންގެ މައި މަރުކަޒު ދޮށަށް ގާނޫނާ ހިލާފަށް އެއްވި ކޮންމެ މީހަކީ ގާނޫނީގޮތުން ކުށްވެރިވާނެ މީހެކެވެ. ނަމަވެސް މިސަރުކާރުގެ އިހުސާންތެރިކަން ދެކިބަލާށެވެ. އެކަކުވެސް ހައްޔަރު ނުކުރައްވައެވެ. އަޅުގަޑުމެން މިއުޅެނީ ކުރީގެ ސަރުކާރުން މިފަދަ ކަންކަމުގައި ހުށަހަޅާފައި ހުރި މައްސަލަތަކުން އަދިވެސް ސަލާމަތް ނުވެވިގެންނެވެ. މިސަރުކާރުން ހުށަހެޅިނަމަވެސް ކޯޓުތަކުން ހުކުމް ކުރާނެއެވެ. ވެރިކަމުގެ އޯގާވެރިކަމާއި ނުބައިކަން ކިރާ ވަޒަންކުރަން މިއީ ރަނގަޅު ފުރުސަތެކެވެ.
ނިކަން ވިސްނާ ބައްލަވާށެވެ. ރާ ބޮއިގެން މީހުން ކަތިލަމުން ދާއިރު މަސްތުވާތަކެތި މުޅިގައުމަށް ފަތުރާ މުޅިޖީލް ފަނާކުރަމުންދާ މުޖުރިމުންގެ ޝަރީޢަތްތައް ރަގަޅަށް ނުކޮށް ގައުމުގެ އަދުލް އިންސާފު ގޯޅިއަޅައިގެން ދާއިރު ތިބުނާ އަދާލަތު ޕާޓީ އިން ނުކުތީ ކޮންތާކަށްތޯއެވެ. އައްސަތޭކަ އެތައް ގެއަކުން ރާ ވިއްކާތީ ކަންބޮޑު ނުވިބަޔަކަށް ކަންބޮޑުވަނީ އެކަން ހައްލު ކުރުމަށްތަކައި ސަރުކާރުގެ ވިސްނުމެއް ހުށަހެޅުމުން އެކަމާއެވެ
ކިތަންމެ ވަރަކަށް ބަނގުރާ މަނާކުރިޔަސް، ބޯނެ ބަޔަކު ބޯނެއެވެ. ޒިނޭކުރުމަކީ ހުއްދަ ކަމެއް ތޯއެވެ؟ މިގައުމުގައި ޒިނޭ އާންމުވާ ފަދަ މަގުތައް ހުޅުވިފައި ހުރިއިރު އެކަންކަން ހުއްޓުވުމަށް އަދާލަތުޕާޓީން ކަމާ ކަންފަށާ މަސައްކަތް ނުކުރަނީ ކީއްވެތޯއެވެ. މުޒާހަރާއަށް ނުނިކުންނަނީ ކީއްވެތޯއެވެ. ކޮންމެ ކަމެއްވެސް ސިޔާސީ ކަމަކަށް ހަދައިގެން ވެރިކަމުގައި ބަގުޑި ބެއްދޭތޯ އެއުޅެނީ ކީއްވެގެން ބާއެވެ. ވެރިކަމަކީ ﷲ ދެއްވާ އެއްޗެކެވެ.
އެފަދަ ބަޔަކަށް މާތް ﷲ ރަނގަޅު މަގެއް ނުދައްކަވާނެއެވެ. މިރާއްޖޭގައި މިއަދު މިއޮތީ ޒަމާނީ ޑިމޮކުރަސީ ތައާރަފު ކުރަމުންދާ އޯގާވެރި ސަރުކާރެކެވެ. ބައިބަޔަށް މިޔަދު ސަރުކާރު ހިންގާ ޕާޓީ އަށް މީހުން ވަންނަމުން އެދަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ވިސްނާށެވެ. ވެރިކަމަށް އަތް ނުގަންބާށެވެ. ރައްޔިތުންނަށް ފައިދާހުރި މަގުތައް ހުޅުވައިދިނުމަށް ސަރުކާރަށް އެއްބާރުލުން ދެއްވާށެވެ. ތަޅާފޮޅައި މާރާމާރީ ހިންގައިގެން ވެރިކަން ހޯދަން ނޫޅުއްވާށެވެ. ރައްޔިތުންދެކެ ލޯބިވާ ބަޔަކަށް ވެގެން ނޫނީ ވެރިކަމާ ހަމަޔަކަށް ނާދެވޭނެއެވެ.