ވަގުތީ ފައިދާއަށްޓަކައި، ޤުދުރަތީ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ހަލާކުކޮށް، ހުސް ކުރުމަކީ، އެތައް ގެއްލުމެއް ފަހުން ލިބިދާނެ ކަންތައްތަކެކެވެ. އާޚިރު ނަތީޖާ ރިހޭ ފައިމައްޗަށް ފޮއި ވައްޓާލުން ކަހަލަ ކަމަކަށް ވެދާފަދަ ކިތަންމެ ކަމެއް އަހަރުމެނަށް އެބަ ކުރެވެއެވެ.
އެއްގަމާއި ކަނޑުގައި ލެއްވެވި ތަކެއްޗަކީ، އަހަރުމެނަށް ލިބިދެއްވަވާފައިވާ ޤުދުރަތުގެ ހަދިޔާއެވެ. އިންސާނާގެ އަތްފޯރާ ފަށުގައި ލައްވަވާފައިވާ ތަކެއްޗަކީ، އެ އިންސާނާ، ދިރި ހުރުމަށާއި އެކިއެކި އެހެނިހެން ބޭނުންތަކަށްޓަކައި މިންވަރު ކުރައްވަވާފައިވާ ތަކެތިކަން އަހަރުމެނަށް ޤަބޫލު ކުރެވެނީ ކިހާ މިންވަރަކަށް ކަމެއް ދަންނަވާކަށެއް ނުއިނގެއެވެ. އެކަމަކު، މި ދެންނެވި ގޮތަށް، ނަހަމަގޮތުގައި ބޭކާރުކޮށް އަނިޔާވެރި ވުމުގެ ނަތީޖާ، ދެރަގޮތުގައި ނުކުންނަ ވަގުތަކީ، އެކަމުގެ ހިތާމަ ކުރަންޖެހޭ ވަގުތުކަމުގައި ދެންނެވިދާނެއެވެ.
އަހަރުމެން ދިވެހިންނަކީ، ކަނޑުރޯދި ލިބުން މިހައި ތަދުވެ، ނުވަތަ އެކަމުގެ ސަބަބުން ދަތިވެދާނެ ކަމުގައި ހީކުރި ބައެއް ނޫންކަމުގައި އޮތީ ބެލެވިފައެވެ. އެކަމަކު މިފަހަކަށް އައިސް މަސް ނުބޭނޭކަމާއި، އެން ނުދެމޭ ކަމުގެ ވާހަކައަކީ، ވަރަށް ގިނަފަހަރު ވަރަށް ގިނަ ގޮތްގޮތަށް ދެކެވެމުން ދާ އަދި ދެކެވޭ ވާހަކައެވެ.
އަހަރުމެންގެ ކާބަފައިންގެ ދުވަސްވަރު، ރަށު ގޮނޑުދޮށުގައި ހުންނައިރު މަސްބާނާ މީހާ އެނގޭފަށުން މަސް ބޭ ވާހަކަ ދެކެވޭ އަޑު އަހަމެވެ.
އެކަމަކު މިއަދު ކަން މިއޮތީ އެހެނެއް ނޫނެވެ. އިވޭއަޑަކީ، މަސް ބޭނުމަށް ރާއްޖެ ނުފެންނަ ހިސާބު ބޭރަށް ނުކުންނަ ވާހަކައެވެ. އާދެ! ރާއްޖޭގެ ނަން މަޝްހޫރު ކަނދޮޅުދޫގެ މަސްވެރި ލަވައިގައި ބުނާ ފަދައިން، މިނިކާ ރާއްޖޭގެ ގަސްކަރަ ބަލާފަ އަންނަން ދާހާވެސް ދުރަށް މިއަދުގެ މަސްވެރިން ނުކުންނަން ޖެހޭކަމަކީ ޙަޤީޤަތެކެވެ.
ރާއްޖޭގެ މަސްވެރިން މިއަދު ދައްކާ އެއްވާހަކަ ކަމުގައިވަނީ، މަސްވެރިކަމެއް ނެތް، މަސް ނުބޭނޭ، އެންވެރިކަމެއް ނެތް، އެން ނުދެމޭ، މިފަދަ މިފަދަ ވާހަކައެވެ. މި އަޑުއަޑަކީ، އެކަމާއި ފިކުރުކުރަން ޖެހޭފަދަ ވާހަކައެވެ. ފުރަތަމައިން ވެސް ކުރެވޭ ސުވާލަކީ، މިކަންތައް މިހިސާބަށް މިދިޔައީ ކީއްވެހެއްޔެވެ؟ މިކަން މިހިސާބަށް މި ދިޔައީ ހަމަ މިއަދު ހެއްޔެވެ؟ ޖަވާބު ކަމުގައި ބެލެވެނީ، މިއީ އެތަކެއް ދުވަހު އަހަރުމެން ކުޅަ ނަހަމަ ކަންތައްތަކުގެ ހިތި ނަތީޖާ ކަމުގައެވެ.
ވިސްނައި، މަޢުލޫމާތު ހޯދައި، ބަލައިލިއިރު، ފާހަގަ ކުރެވުނީ އަހަރުމެންގެ ކާބަފައިންގެ ދުވަސްވަރާއި މިއަދުގެ މަސްވެރިން، އެން ދަމައި، މަހަށް ގޮސް އުޅުނު ގޮތުގައި، ވެއްޓާއި ގާތް އަދި ގާތް ނޫން، އެކިއެކި ތަފާތުވާ ކަމެވެ.
މިސާލެއްގެ ގޮތުން ބަލައިލާނަމަ، އިހުގައި މަސްވެރިން އެން ދަމަމުންއައީ ވަރަށް މަދު މަސްނޫޢީ ތަކެތި ބޭނުން ކޮށްގެނެވެ. އެމީހުން ބޭނުންކޮށް އުޅުނީ، މިދެންނެވިފަދަ މަދު ވަޞީލަތްތަކަކާއި، ކާބަފައިންގެ ފަރާތުން ވާރުތަވީ ހުނަރާއި، ލިބިފައިވާ ތަޖުރިބާ އަދި މިންވަރުގައި ހުރިގޮތުގެ މައްޗަށް ކުރާ ބަރޯސާ، އަދި ކުރާމިންނަތް މަސައްކަތުގައި ރޯދިބަރަކާތް ލައްވަވާނެކަމުގެ ވަރުގަދަ އީމާންތެރިކަމަމެވެ.
އިހުޒަމާނުއްސުރެން ވެސް މަސްބަހާއިރު އެން ފިލިކުރުމަށް ފިލިމަހެއް ނެގުމަކީ، މަސްވެރިކަމުގެ އާދައެކެވެ. އެން ދަމަން ފުރާފައި، އެއްކަލަ ފިލިމަސް ކަނޑާފައި ވަޅީގެ މިޔައިން ކަހައި އެން ފިލިކުރާ އެއްޗަކަށް ހަދައެވެ. އެން ދަމަން ގޮސް، އެން އުޅޭތޯ ބަލާފައި، އުޅޭނަމަ ދޮށިފުލުގައި ފިލިމަހުގެ ގުޅަވަރެއްލައި، އެދިމާ އަޑިއަށް ކޮށްޕާ ދޮށިހަލުވާލައި، އެހިސާބު ފިލިކޮށްލައެވެ. ފިލިޖަހައިލީމައި، ފިލީގެވަހަށް އެހިސާބުގައިހުރި އެމެއް އެ ކެއުމަށް އެއްތަނަކަށް ޖަމަޢަވެއެވެ. މިވަގުތު ދައު ޖަހައިގެން އެ އެންކޮޅު އަތުލައެވެ. އެން ތަދުނަމަ، މިދެންނެވި މަސައްކަތް އެތައްފަހަރު ކުރަންޖެހެއެވެ. އެން ތިޔާގެނަމަ، އެއް ދާވަޅުން އޮޑިފުރާލުމަކީ، ވަރަށް އުފަލާއިއެކު މަސްވެރިން ކުރާކަމެކެވެ.
ދޮށީގެ މަސްވެރިކަން ދިވެހިން ކުރަމުން ގެންގޮސްފައިވަނީ، ވެއްޓާއި ރަޙުމަތްތެރި، ޤުދުރަތީ ޤާނޫނާއި ޚިލާފުތަކެއް ނުވާ ބުއްދިވެރި ވިސްނުންތެރި ގޮތުގެމަތިންނެވެ. އާދޭހެވެ! އެން ދަމައިގެން ކަނޑަށް ނުކުމެ، މަސްއައިނަކާއި ދިމާވުމުން، ދެމި އެމުން މުށްވަރެއް މުށުތެރެއަށް ލައި މަޑު ފިއްތާލުމަކުން ފިއްތާލާފައި، މަސްއައިނަށް އެއްލައި، އެން ކައިތޯ ބަލައި، އެން ކޭމައި، ދަހިވާވަރަށް އެންއުކައި، އަދިވެސް އިތުރަށް ދަހިކުރުމުގެ ގޮތުން ފެންއުކައި، މަސްއައިން ފިސަހަރިއަށް ދަހިވުމުން އެމެއްގެ ސިފައިގާ ހުންނަ ބުޅިއެއް ދޮށީގައިލައި، އެއްލައި، މިދެންނެވިހެން މަހުގެ މޫނުމައްޗަށް ފެންޖަހައިގެން ހުސްބުޅީގައި މަސްބޭނުމަކީ ދިވެހިން މަސްބޭނުމުގެ އާދައެވެ. އަދި އެބައިމީހުނަށް ލިބިފައިވާ ވަރަށް ފުރިހަމަ ހުނަރެކެވެ. މިހެން ދެންނެވި ނަމަވެސް، މަސްވެރިކަން ދެރަނަމަ، ބުޅީގައި އެން ވިއްދައިގެން ވެސް މަސް ނުބާނައެކޭ ނޫނެވެ. އެކަމަކު ޖުމްލަ ގޮތެއްގައި ޢާންމު ގޮތަކީ ކުރިން ދެންނެވި ގޮތެވެ.
އެން ހުރެ، މަހާއި ނުވެ ދާ ދުވަސް އައުދެއެވެ. ކަނޑުގައި މަސް ހުރި ނަމަވެސް، އެމާއި ނުވެ ދާ ދުވަސް ވެސް އައުދެއެވެ. ރިޔަލު ދޯނިފަހަރު ދުވަސް ވަރު، މަހާއި ނުވެގެން ރަށަށް އަންނަންޖެހޭ ދުވަހު، އެންއޮޑި ކަނޑުއޮޅިމައްޗަށް އުކާލާފައި، އަލްޙަމްދުﷲ ކިޔައި ރަށަށްދިއުމަކީ އެދ ުވަސްވަރުގެ މަސްވެރިންގެ އާދައެވެ. ސަބަބު ކަމުގައި ބެލެވެނީ، ވައި މަޑު ނަމަ، ދިޔަގަނޑާއިއެކު ރިޔަލުގައި ދުއްވުން އުނދަގޫވެ، ދަތުރު ލަސްވާނެތީއާއި އެތަނަކަށް ޖަމާވެފައިވާ އެން ކައިރިއަށް މަސްއައުމަކީ ކަނޑުގެ އާދައަށް ވުމާއިއެކު އެހިސާބަށް މަސްކައިރި ކުރުމުގެ ބޭނުމުގައެވެ. މިގޮތަށް ކައިރިން މަސްބެވޭނަމަ، ދަތުރު އަވަސްވެފައި އަވަހަށް ރަށަށް ލެފޭނެތީއެވެ.
މިއާއިޚިލާފަށް، އެންހުރެ، މަހާއިވެ އްޖެނަމަ، އަހަނތަކުރާ! ގަނޑިޔަ! ކިޔައި، ހައްސަ ބައިގެން، ތިލޯށި ޖަހައިގެން ރަށަށް ލަފައި، މަސްކޮޅު ބަހާލައި ގެއަށް ގޮސް އަންހެންވެރިންނަށް މަސް ކަނޑާލަދީފައި، އެ ކެއްކުމުގެ ކަންތައް އެމީހުނާއި ޙަވާލު ކޮށްލާފައި، ފެންވަރާލައިގެން ގޮސް މިސްކިތަށް އަރައި، ނަމާދު ކޮށްލުމަށްފަހު ގެއަށް އައިސް ކައިގެން އޮއްތާލައި، އަވަހަށް ނިދައި، ފަތިސްފަތިހާއި އަނެއްކާ ވެސް ފުރައިގެން އެމަށް ދިއުމަކީ ދިވެހި މަސްވެރިންގެ ކުރީގެ އާދައެވެ. އެ ޒަމާނުގައި ވަންނާނެ ސައިހޮޓަލެއް، ރެސްޓްރޯންޓެއް ނުވަތަ ބަލައިލާނެ ޓީވީ ޕްރޮގުރާމެއް ނުއޮންނާތީ ވެސް ކަންނޭނގެއެވެ! ކޮންމެއަކަސް މި ދެންނެވީ ވެއަތުވެދިޔަ ދުވަހެއްގެ ވާހަކައެވެ.
މި ދެންނެވި ކަންތައްތަކުގެ އިތުރުން، ރާއްޖޭގެ މޫސުމާއި އެންވެރިކަމާއި މަސްވެރިކަމުގެ މައްޗަށް ބަލައި ތަޖުރިބާކޮށް މަސްވެރިކަމާއި ދަނޑުވެރިކަން ކޮށް އުޅުނު ގޮތާއިމެދު ވިސްނައި ފިކުރުކޮށްލުމުން ލިބޭ އެތަކެއް ފިލާވަޅުތަކެއް އެބަހުއްޓެވެ. މިހެން މި ދެންނެވީ، މުސްކުޅިވެ މަހަށް ނުދެވޭވަރު ވެފައި ތިބި އިހުގެ މަސްވެރިން “މިވެނި ދުވަސްވަރެއްގައި މަހަށް ދާން ދާން ގޮސް މިވެނިރަށެއްގައި ބަނޑަހަ ޖަހައިގެން ތިބިދުވަސްވަރު” މިސުރުޚީގެ ދަށުން އެ ދައްކާލާ ވާހަކައާއި ކުރެވި ދިޔަ ތަޖުރިބާގެ ވާހަކަ އަހައިލުމުން، ޒަމާން ވަރަށް ބޮޑަށް ބަދަލު ވެއްޖެކަން އިހުސާސް ކުރެވެއެވެ. އާދެ! ޒަމާން މިއޮތީ ބަދަލު ވެފައެވެ! ދުނިޔެ ވެސް ބަދަލު ވަނީއެވެ! ޤުދުރަތުގެ އެކި ނިޒާމާއި ކުޅެ، ގޯޅި އަޅުވައިފި ކަހަލައެވެ! މިހެން މި ދެންނެވީ، ސަބަބުތަކެއް ނެތިއެއް ނޫނެވެ.
މާއްދިއްޔަތާއި، ވަގުތީއުފާ ހޯދުން ކުރިއަށް ނެރެ، އެކަން ޙާޞިލް ކުރުމަށް ކޮންމެފަދަ އެއްޗެއް ނުވަތަ ކަމެއް ނަމަވެސް ޤުރުބާން ކުރުމަކީ އަހަރުމެންގެ މިއަދުގެ އާދައަކަށް ހެދީތީއެވެ!
މާރޝަލް އައިލަންޑްސް އަކީ ދިވެހިރާއްޖޭގެ ގޮއިދޫ އަތޮޅު (ބ. ގޮއިދޫ) ފަދަ، އެތަކެއް އަތޮޅު ތަކަކުން އުފެދިފައިވާ ދެކުނު ޕެސިފިކް ކަނޑުގައިވާ އަތޮޅު ތަކަކުން އުފެދިފައިވާ އަހަރުމެން ރާއްޖެ ކަހަލަ ރާއްޖެ ޤައުމެކެވެ. މިތަނަކީ ކުރީގައި މަސްވެރިކަމުގެ ސުވަރުގެއެކޭ ބުނުމަކީ ބުނެވޭ ދެރަ ބަހެއް ނޫނެވެ. އެކަމަކު އެތަނުގައި މަސްވެރިކަން ކުރަމުން އައި ގޮތް ބަދަލުކޮށް “ފުރުޞަތާއި އަމިއްލަ އެދުމުގެ ބޭނުމުގައި” ޒާތަކަށް މަސްވެރިކަން ކުރަން އުޅުނު މަސްވެރިންގެ ގޯނާއާއި ދުއްތުރާގެ އިތުރުން، “ދުނިޔޭގެ އެންމެ ބޮޑު ބާރު” އާދެ! “އެމެރިކާ” އިން ކުރި ނުރައްކައުތެރި ނިޔުކްލިއަރ ޓެސްޓުތަކެއްގެ ސަބަބުން އެތަނުގެ މަސްވެރިކަން ގެއްލި ގޮސް އެތަކެއް ޒަމާނެއްގައި އެކަމުގެ ވޭނުގައި އެ ޤައުމުގެ ނިޔަނެތި އެތަކެއް ޖީލުތަކެއް ދުނިޔޭގައި އުޅެންޖެހި ދިއުމަކީ، ދުނިޔެ ކޮށްފައިވާ ތަޖުރިބާއެކެވެ.
އާދަމުގެ ދަރިޔާއަށް މިއަދު އައިސްފައި ވަނީ ވަރަށްބޮޑު ބަދަލެކެވެ. އެކަން މި ވިސްނެނީ، މިފަދަ ކަންތައްތަކާއި މެދު ވިސްނައި ފިކުރު ކޮށްލުމުންނެވެ. މި ދެންނެވި ބަދަލާއި ދިވެހިންގެ މަސްވެރިކަމަށް އައިސްފައިވާ ބޮޑު ބަދަލާއި، އެހެނިހެން ކަންތައްތަކަށް ބަލާލައި، އަޅުވާކިޔައި، ވަޒަން ކޮށްލުމުން ގިސްލެވޭ ވަރުވެއެވެ!
މިއަދު ދިވެހީންގެ ގިނަ މަސްވެރިން، މަހަށް ދަނީ ހަތްދިހަ ފޫޓަށްވުރެ ދިގު، ބޮޑެތި އިންޖީނު އަޅައި، ގިނަ ތެޔޮ އަންދައިގެން ދުރަށް ދަތުރު ކުރެވޭ، ގިނަ ދުވަހު ކަނޑުމަތީގައި ތިބުމަށް ކަމުދާ، އެގޮތަށް ބައްޓަންކޮށް ހަދައިފައިވާ ފިސަހަރި ބޮޑެތި އުޅަނދު ފަހަރުގައެވެ. އެމާއި ދަނީ، ރޭ ދަންފަޅިއެއް ގޭގައި ވެއަތު ކުރުމަށްފަހުގައެވެ. އެމާއި ގޮސް އެން ދަމަނީ، އަލި ކޮށްގެންނެވެ. ފުރަތަމަކޮޅުގައި އޭގެ ފަސޭހަކަން ފެނުމުން އެކަމާއި ދަހިވެތިވެވުނީ ތިޔަކަހަލަ ގޮތަކަށް ނޫނެވެ. ކުރީކޮޅުގައި ބައި ކިލޯވޯޓުގެ އައްޔަކީ ފުދޭ އައްޔެކެވެ. އެކަމަކު މިއަދު ވިހި ކިލޯވޯޓުގެއަލި ފޮނުވި ނަމަވެސް އަރާނެ އެމެއް ނެތް ހިސާބު ހިސާބު ރާއްޖޭގައި އެބަ ހުއްޓޯލައެވެ!
މިދަންނަވާ އަލިކޮށްގެން އެންދަމާ އުޞޫލުގައި، އެން ދަމާގޮތަކީ، ގަދަ މަސްނޫޢީ އަލި، މަތިންނާއި އަޑިން ފޮނުވައި، އަޑީގައި އުޅޭ އެން އެ އައްޔަށް މުޑި ނަންގުވައި، ތިލަ ކޮށްގެން ނެގުމެވެ. ހިތާމައަކީ، މަސްނޫޢީ ވަޞީލަތްތައް ބޭނުންކޮށް އެން ދަމަމުން އާދެވިފައި މިވަނީ، އެކަމުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާކަމުގައި ޤަބޫލު ނުކުރެވި، އެކަމާއިމެދު އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ޣާފިލު ކަންމަތީ ތިބެ ކަމުގައި ކުށެއް ކަމަކު ނުދެކެމުއެވެ. މިހެން މިދެންނެވީ، ސަބަބުތަކެއް ނެތިއެއްނޫނެވެ.
މިހާރުގެ އެން ދެމުމުގެ ނިޒާމުގައި، އެ ފޮނުވާ ގަދަ އައްޔަށް މުޑިނަގައިގެން އަރަނީ ހަމައެކަނި އެތަނުގައި ހުންނަ އެމެއް ނޫނެވެ. އެ ސަރަޙައްދުގައި ލެއްވި ހުރިހައި ވައްތަރެއްގެ ދިރުމެއް އެއައްޔަށް މުޑިނަގައި އެ އަލިކައިރިއަށް ޖަމަޢަވެއެވެ. މިގޮތަށް ޖަމަޢަވެ ތިލަވާއިރު، އަލީގެ ގަދަކަމާއި، އެހެނިހެން ސަބަބުތަކާއިހުރެ މަރުވެ، ނެތިދަނީ މަދު ޢަދަދެއްގެ ދިރުމެއް ނޫނެވެ. އާދޭހެވެ! ފުރުޞަތު ލިބި، ބޮޑު އެތީގެ ކޮއްތަށް ނުވަތަ ޝިކާރައަކަށް ނުވެ، ބޮޑުވެއްޖެ ނަމަ، އަހަރުމެންގެ ސުފުރާގެ މައްޗަށް އަތުވެދާނެ ނުވަތަ އަންނާނެ އެތަކެއް ފުރާނައެއް މިދެންނެވި އައްޔަށް ހަނާވެ، ބޭކާރުވެ ދަނީ ކިތައް ވައްތަރު ކަމެއް ދަންނަވަން އެނގޭނީ، އެކަން ބެއްލެވީމައެވެ. އެން ދެމުމުގައި ހިތާމަ ކުރުން ހުރީ ހަމައެކަނި މިކަމާއިއެއް ނޫނެވެ! ޙައިރާންވެ، އަންތަރީސްވެ، އާސޯޚުވާންޖެހެއެވެ!
މަސްވެރިންގެ ބަޔަކު، “ޒާތަކަށް” އެންވެރިކަން ކުރާ ވާހަކައިގެ އަޑު އިވިގެން، އެކަމުގެ ބިރު ހިތަށް ވަތްވަރުންކަން ވެސް ނުއިނގެއެވެ! ކޮންމެއަކަސް އެމީހަކު މި “ޒާތަކަށް” އެންވެރިކަން ކުރުމުގެ ޙަޤީޤަތް އޮޅުން ފިލުވައި، “ކަމާއިބެހޭ ފަރާތެއްގައި” ދަންނަވައި، އެކަމާއިމެދު ވާހަކަ ދައްކައިލުމުން، އެފަރާތުން، އެބާވަތުގެ އެއްވެސް ޚަބަރެއް ލިބިފައި ނެތްކަމަށާއި، އެއީ ހިނގާ ކަމެއްކަން ދަލީލު ކޮށްދިނުމުގެ ގޮތުން، “އެކަން ކުރާތަން” ވީޑިއޯގެ ޒަރިއްޔާއިން ދައްކައިލަން އެފަރާތަކުން އެދުމަކީ، ފެންނަ ފެނުމަށް ވަރަށް ޢަޖާއިބުވާކަހަލަ ކަމެކެވެ. މިދެންނެވި ޒާތަކަށް އެންވެރިކަން ކުރާތީވެ، އެކަމާއި ކަންބޮޑުވެ، އެ ވާހަކަ ދެއްކި މީހާއަށް މި ޖެހުނީ، ކަނޑުއަޑީގެ މަންޒަރު ވީޑިއޯ ކުރާނެ ކުރޫއަކާއި ސާމާނު ހޯދައިގެން އެކަން ކުރާ ބައެއްގެ ފަސްފަހަތުން ފާރަލަމުން ގޮސް އެކަން ކުރާތަން ވީޑިއޯ ކުރާށޯލައެވެ! “ކަމާއިބެހޭ ފަރާތުން” އެކަމުގެ ޙަޤީޤަތް އޮޅުންފިލުވައި އެކަމަށް ޙައްލެއް ހޯދުންއެއީ ވާޖިބު ކަމަށް ނުދެކޭނަމަ، މިފަދަ ކަންތައް ކޮންޓުރޯލުކޮށް މީހުން ހޭލުންތެރި ކުރެވޭނެ ގޮތެއް ނުފެނެއެވެ.
ކޮންމެއަކަސް، މިދެންނެވި “ޒާތެއްގެ” އެންވެރިކަން ކުރާގޮތް ކަމަށް މިވަނީ، އެން އުޅޭތަންތަނަށް ފީނާފައި ގޮސް އަހަރުމެން ކުރަތްޕާއި، މަދިރިފަދަ ތަކެތި މަރަން ޖަހާ ނުރައްކާތެރި “ޝެލްޓޮކްސް” އެވެ. ހިތާމައަކީ މިކަން މިގޮތަށް އެކަނި ހިނގާތީކީއެއް ނޫނެވެ. ކުލޮރިނާއި ލައްފިލުވާ އަކީ، ރާއްޖޭގެ ކުދިބޮޑު އެންމެން ދަންނަ އެއްޗެކެވެ. ކްލޯރިންއަކީ، އެހެން ގޮތަކަށް ބުނާނަމަ، ލައްފިލުވާގެ އަމައެވެ. ލައްފިލުވާކޮޅެއް ގައިގެ ހަމުގައި ޖެހުނީމާ އެވާ ގޮތް އިހުސާސް ކޮށްލައްވާށެވެ. މިތަކެތި، މޫދުއަޑިއަށް ޖަހައިލުމުން، ބޮޑެތިމަސް އަވަސް އަވަހަށް އެ ސަރަޙައްދު ދޫކޮށް ފިލައިގެން ދާނެކަމުގައި ފެނެއެވެ. އެތަނުގައި ތިބޭ އެން ދެބަދޭތެރެވެ، މައްޗަށް އަރާނެ ކަހަލައެވެ. އެއަށްވުރެ ކުދި ފަންޏާއި އެހެނިހެން ދިރުން ވަގުތުން ވަގުތަށް ނެތިވެދާނެކަމަކީ ޝައްކެއް އުފެދޭކަމެއް ނޫނެވެ. ކޮންމެއަކަސް އަހުރެންނަށް މިކަން އިހުސާސް ކުރެވުނު ގޮތެވެ. ފުރުސަތުގެ ބޭނުން ހިފައި އެންކޮޅު އޮޑިއަށް ކަހާލެވުނީމައި މަސްވެރިޔާގެ އެވަގުތުގެ ބޭނުން ފުދުނީތާއެވެ.
ވިސްނޭ ގޮތުގައި، މިދެންނެވި މަސްނޫޢީ ތަކެތި ބޭނުން ކުރުން، އެއީ މިއަދުގެ މަސްވެރިޔާގެ ހުނަރު ކަމުގައި ވާނަމަ، އެއީ ވަރަށް ކަމުނުދާ، ގެއްލުން ހުރި، ހަލާކު ދޭ ހުނަރެކެވެ! ވިސްނަވާ ލައްވާށެވެ. ޝެލްޓޮކްސް ނުވަތަ ކުލޮރިން ނުވަތަ ލައްފިލުވާ ބޭސް ފަދަ ތަކެތި ހިފައިގެން ގޮސް ހާހަލަށް، ފަރުފަރަށް ނުވަތަ ގާގަލަށް ޖަހައިލުމުން އެ ސަރަޙައްދަށް ވާނީ ކިހިނެއްތޯއެވެ؟ ސުބްޙާނަﷲއެވެ!
ދެބައިކަނޑަށް ދާއިރު ޝެލްޓޮކްސް ނުވަތަ ކުލޮރިނާއި ލައްފިލުވާގެ އަސަރުން ނެގި އެން އޮޑީގެ ދެބައިކުޅަ އެއްބައި މަރުވެ ދިޔަޔަސް އެއީ މައްސަލައެއް ނޫންތާއެވެ! އަދި އެން ދެމި ތަނުން ކިތަންމެ ފުރާނައެއް މަރުވެ ދިޔަ ކަމުގައި ވީނަމަވެސް އެއީ މައްސަލައެއް ނޫންތާއެވެ! ކަމުގެ ޙަޤީޤަތަކީ، މަސްވެރިޔާއަށް އެންކޮޅު ލިބިއްޖެއެވެ. މަސް ބޭނިއްޖެނަމަ، މާރުކޭޓަށް ވިއްކައިލުމުން ރުފިޔާ ލިބުނީއެވެ. މަސްވެރިޔާއަށާއި، އެން ދެމުމަށް ޙަރަދުކޮށް އާލާތްދިން އޮޑިވެރިޔާއަށް ވެސް ރުފިޔާ ލިބުނީއެވެ. މި ދެންނެވި ގޮތަށް އެން ދެމުމުން މިއިން އެއްވެސް ފަރާތަކަށް ލިބޭ އެއްވެސް ގެއްލުމެއް އެބަ ފެނިވަޑައިގަނޭތޯއެވެ؟
ލިބިފައިވާ ޚަބަރު ދޮގުކަމުގައި ނުވާނަމަ، ދިވެހިރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއިން “ރަސްއައިން” މިނަމުގައި ނުކުތް ފޮތެއްގައި މިކަމާއި ބެހޭގޮތުން ފިކުރުކޮށް ޚިޔާލުކުރެވޭ، ކުރާ ފަރާތަކުން މިކަމާއި ކަންބޮޑުވެ، ލިއުނު ލިއުންވެސް ކަންފަތަށް އެޅި ފެނަށް މިއޮތީ ވެފައިތާއެވެ؟ ކެޔޮޅު މީހާއަށް އައިން ނުފެނުނީތީ ވެސް ކަންނޭނގެއެވެ!
ވެއަތުވެ ދިޔަ ތާނގައި، ކަންވީގޮތާއިމެދު ވިސްނައި ފިކުރުކޮށް، އިޞްލާޙުގެ މަގު ހޯދަން ވެއްޖެ ކަހަލައެވެ! މިހެން މި ދެންނެވީ، މިކަމުގެ އާޚިރު ނަތީޖާގެ “ހިތިކަން” ހިތަށް ފެންނަލެއް ބޮޑު ކަމުންނެވެ! އާދޭހެވެ! މިކަން މިގޮތަށް ހިނގައި، ރާއްޖޭގެ އެއްވެސްހިސާބަކުން ލޮނުކަމެއް ނުލިބޭތަން އަތުވެއްޖެނަމަ، ސަހަރޯއެވެ! އެ ވައްޓާލެވުނީ، އަމިއްލަ ރިހޭ ފައިމައްޗަށް ފޮޔެވެ! އެފަދަ ދުވަހަކުން ވަގުތީ ފައިދާއެއް އަދި އެހެން ފައިދާއެއް ވެސް އޮންނާނީ ނުކޮށްފައެވެ!