މުޙައްމަދު ރިޔާޟް
އެބަހަކަށްޓަކާ އަޅުގަނޑުމެން ފަޚުރުވެރިވާ ދިވެހިބަހަކީ އިންޑޯ އާރިއަން ބަހުން އުފެދުނު ސެންސްކިރުތު ބަހުން އުފެދުނު އެތަކެއް ބަސްތަކުގެ ތެރެއިން އުފެދުނު ބަހެއްކަމަށް ބަހުގެ މާހިރުން ބުނެއެވެ. ދިވެހި ބަސް އުފެދުނުތާ މިހާރު ގާތްގަނޑަކަށް ދެހާސް ފަސްސަތޭކަ އަހަރަށްވުރެ ގިނަދުވަސް ވެދާނެއެވ .
ނަމަވެސް ސެންސްކިރުތު ބަހުން އުފެދުނު އެހެން ބަސްބަހާ ޚިލާފަށް ދިވެހި ބަހުގައި ޚާއްޞަ ސިފަތަކެއް އެކުލެވިގެނވާކަން ފާހަގަ ކުރެވެއެވެ. ސެންސްކިރުތުން އުފެދުނު އެހެން ބަސްތަކާ ދިވެހި ބަހާ ހުރި ތަފާތުތަކަކީ، ސެންކިރުތު ބަހުން އުފެދުނު އެހެން ބަސްތަކާ ޚިލާފަށް ދިވެހިބަހަށް ތަފާތު އެތަކެއް ބަސްތއްވަދެ މައްސުނި ވެފައި ވުމެވެ. އޭގެތެރޭގައި ސިނގަޅަ ބަހާއި ތަމަޅަ ބަހާއި ޕާލީ ބަހުގެ އިތުރުން ޕޮޝްތޯ ބަހާއި ފާރިސީ ބަސް ހިމެނެއެވެ. އަދި ވަކިން ޚާއްޞަކޮށް، ރާއްޖެ އިސްލާމްވީ ހިސާބުން ފެށިގެން ދިވެހި ބަހަށް ވަނީ ޢަރަބި ބަހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
ކަން މިހެން އޮތްނަމަވެސް ދިވެހި ބަހަކީ އަޅުގަޑުމެން ފަޚުރުވެރި ވާންޖެހޭ މިންވަރަކަށް މުއްސަނދި ބަހެއް ކަމަށް ބަހުގެ މާހިރުންވެސް ގަބޫލު ކުރެއެވެ. އާދެ! އަލްއަމީރު މުޙއްމަދު އަމީން ވިދާޅުވެފައިވާ ފަދައިން “އަސަރު ގަދަ، ތަނަވަސް” ބަހެއްކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މިގޮތުން ދިވެހި ބަހަށް ލިބިފައިވާ މުއްސަނދި ކަމުގެ ތެރޭގައި ދިވެހި ބަހުގައި ހިމެނޭ ތަފާތު އަޑުތައް ހިމެނެއެވެ.
ދުނިޔޭ ކޮންމެ ހިސާބެއްގައި ކޮންމެ ބަހަކުން ވާހަކަ ދެއްކިއަސް ވަރަށް މަދު ފަހަރެއްގައި މެނުވީ އެބަހެއްގައި ބޭނުންކުރާ އަޑުތައް އަޅުގަނޑުމެންގެ މި ދިވެހި ބަހުގައި ހުރެއެވެ. އިގިރޭސިބަހާއި ޢަރަބިބަސް ނުވަތަ ހިންދީ ބަހާއި ތަމަޅަބަސް ކަމުގައި ވީނަމަވެސް މިހުރިހާ ބަސްތަކުގައި ހުންނަ ތަފާތު އަޑު ދިވެހި ބަހުގައި ހުރެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ތަފާތު ބަސްތައް ދަސްކޮށް އެބައެއް ވާހަކަ ދައްކާގޮތަށް ވާހަކަ ދެއްކުމަކީ ދިވެހިންނަށް މާއުދަގޫ ކަމެއް ކަމުގައި ނުވެއެވެ. ވަކިން ހާއްސަކޮށް ދިވެހިންގެ ތެރޭގައި ބޭނުން ކުރެވެމުންއަންނަ “ށ” އަކީ އޭގެ ޙަޤީޤީ އަޑު އެހެންއެއްވެސް ބަހެއްގައި އޮންނަ އަޑެއްނޫނެވެ. އާދެ! ޢަރަބިން އަރަބިބަހުގެ “ޟާދު” އަށް ފަޚުރުވެރިވާފަދައިން އަޅުގަޑުމެން “ށ” އަށް ފަޚުރުވެރިވަމެވެ.
ދުނިޔޭގެ އެހެން ބަސްތަކުގެ ބަސްކޮށާރުވެސް އެބަސް ބޭނުންކުރާ ބައެއްގެ މާހައުލާ ގުޅޭގޮތުން ތަރައްޤީވެފައިވާ ފަދައިން ދިވެހިބަހުގެ ބަސްކޮށާރު ވެސް ބިނާވެ ތަރައްޤީވެފައިވަނީ ދިވެހިންގެ މާހައުލުން ފެންނަންހުރި ނުވަތަ ބޭނުން ކުރާ ތަކެތީގެ މައްޗަށެވެ. މިގޮތުންބަލާއިރު ދިވެހިރާއްޖޭގެ ބޮޑުބައިގައި ކަނޑު އެކުލެވިގެންވާތީ ހުރިހާ ހިސާބަކަށް ކަނޑު މިހެންކިޔުމުގެ ބަދަލުގައި ކަނޑުގެ އެކި ހިސާބުތަކަށް އެކިންނަން ކިޔާފައި ހުރެއެވެ. މިސާލެއްގެ ގޮތުން މާކަނޑު، ކަނޑުއޮޅި، އެތެރެވަރި، ތަންބޭރު، ފަޅު، ވިލު، ފަރު، މޫދު މިހެންގޮސް އެތަކެއް ނަން ދެވިފައިހުރެއެވެ. ހަމަމިގޮތަށް ދިވެހި ޤައުމީ ގަސްކަމުގައިވާ ދިވެހި ރުކުގެ ބައިތަކަށާއި ރުކުގައަޅާ މޭވާއަށްވެސް ތަފާތު އުމުރުގައި ތަފާތު ނަންތަށް ކިޔާފައި ހުރެއެވެ. މިގޮތުން ބަލާއިރު ގޮބޮޅި، މިރި، ކިހާއް، ކުރުބާ، ގަބުޅި، ކާށި، ކުރޮޅި މިއީ ހައްތާވެސް ރުކުގައަޅާ މޭވާއަށް އޭގެ ތަފާތު އުމުރުފުރާތަކުގައި ކިޔާއުޅޭ ނަންތަކެވެ.
ނަމަވެސް އަޅުގަޑުމެންގެ މާހައުލުން ނުފެންނަ އެއްޗެއްވިއްޔާމިއާ ތަފާތެވެ. މިސާލެއްގެ ގޮތުން ޢަރަބިބަހުން ޖަމަލަށް އެގެ އުމުރާގުޅޭގޮތުން ތަފާތު ނަންތައް ކިޔާފައި ހުރެއެވެ. އަދި އިގިރޭސިބަހުން ސްނޯގެ އެކިބާވަތްތަކަށް ތަފާތު އެކިނަންތައް ކިޔާފއި ހުރެއެވެ. ނަމަވެސް އަޅުގަޑުމެންގެ ބަހުން އެއަށް ކިޔަނީ ހަމައެކަނި ޖަމަލު ނޫނީ ސްނޯއެވެ.
ދިވެހިމާހައުލުގައި ކުރިން ބޭނުންކުރި ބައެއްތަކެތި މިހާރަކަށްއައިސް ބޭނުންކުރަމުން ނުދާތީ އެތަކެއްޗަށް ކިޔާނަންތައްވެސް މިހާރަކަށްއައިސްވަނީ ވަރަށްބޮޑަށް ބީރައްޓެހިނަންތަކަށްވެފައެވެ. ނުވަތަ ހަދާންނެތިގެން ގޮސްފައެވެ. މިސާލެއްގެ ގޮތުން ކުރީޒަމާނުގައި އުދުނުން އަލިފާން ނަގަން ގެންގުޅުނު ގިނިފަތި، ދަގަޑުތަޅަން ބޭނުންކުރަމުންދިޔަ ގިރުބާ، މިނެކިރަން ބޭނުން ކުރަމުންދިޔަ ރާތާ، ނާޅި، ލާހި، އަޑުބައި، މިންނަގަން ބޭނުންކުރި މުށް، ރިޔަން ފަދަ ތަަކެއްޗަކީ މިޒަމާނުގައި ވަރަށް ބިރައްޓެހި ނުވަތަ ނުދަންނަ ތަކެއްޗަށްވަނީ ވެފައެވެ. ނަމަވެސް މިއީ ވަރަށްވެސް ފުރިހަމަ ދިވެހި ނަންތަކެކެވެ.
އަދި ޒަމާނުއްސުރެ ދިވެހިބަހުން ބޭނުން ކުރެވެމުން “ވިލޭރޭ” މިހާރު ބޭނުންކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި މިހާރު ބޭނުންކުރަނީ ދުވަހުގެރެއެވެ. ކަންމިހެން ހުރުމާއެކު ޒަމާނުއްސުރެ އަޅުގަޑުމެން ބޭނުންކުރަމުންއައި ދިވެހިބަހަކީ ހަމައެކަނި އެކަކު އަނެކަކާ ވާހަކަ ދައްކާ އުޅުމުގެ ވަސީލަތަކަށްވުރެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުންއައި އެއްޗެކެވެ. މުއްސަނދި އަދަބިއްޔާތަކާއި ދިގު ތާރީޚެއް އޮތް އެއްޗެކެވެ. އާދެ! ގަބޫލު ކުރަންޖެހޭ ޙަގީގަތަކީ ޒަމާނުއްސުރެ ދިވެހިން ވާހަކަ ދައްކަމުން އައި ދިވެހި ބަހަކީ އޭގެ ޒާތުގައި ވަރަށް މުއްސަނދި ބަހެއްކަމެވެ.
ދިވެހި ބަހަކީ މުއްސަދި ބަހެކޭބުނެވޭ އަނެއް ސަބަބަކީ ބޭރު ބަސްބަހުން ނުބުނެވޭއެތަކެއް ޖުމުލަތަކެއް އޭގެ އެންމެ ފަށުވިކަމާއެކު ދިވެހިބަހުން ބުނެލެވޭ ކަމެވެ. މިސާލަކަށް “ކަލެއަކީ ކަލޭގެ މަންމަގެ ކިތައްވަނަ ދަރިފުޅުހޭ” އިގިރޭސަބަހުން ނުވަތަ އެހެން ބަހަކުންވިޔަސް އެހާ ފަށުވިކޮށް ބުނެވުމަކީ ވާނެކަމެއްނޫންކަން ޤަބޫލުކުރަންޖެހެއެވެ. އަދި ހަމައެހެންމެ ޖުމްލަ ލިޔާއިރު ދިވެހިބަހުގައި ހުންނަ އާދަޔާ ޚިލާފު އެއްކަމަކީ އެހެނިހެން ބަސްބަހުގައި ހުންނަ SUBJECT- VERB - OBJECT ނުވަތަ ނަމާއި ކަން އަދި ކަންކުރާ ދިވެހިބަހުން ލިޔާއިރުގައި އިސްފަސްކޮށް ބޭނުން ކުރިއަސް ބަހުގެ ޤަވާއިދަށް ބަލާއިރު ރަގަޅުވެއެވެ. މިސާލަކަށް މުހައްމަދު ދިޔައީ ހިގާލަން ހަމަމިޖުމްލަ ހިގާލަންދިޔައީ މުހައްމަދު މިހެން ބުނުމަކުން ބަހުގެ ޤަވާއިދަށް ނުވަތަ މާނަޔަށް އެއްވެސް ބަދަލެއްނާދެއެވެ.
ނަމަވެސް ޤައުމު ތަރައްގީވެ ކުރިއަރާގޮސް ތަޢުލީމް އާއްމުވެ އެންމެން ޓެކްނޮލޮޖީ ބޭނުން ކުރަންފެށި ހިސާބުން ދިވެހިބަހަށްވެސް ދިވެހިންގެ މާހައުލުގައި ނެތް އެތަކެއް ނަންތަކެއް ވަނީ ތަޢާރަފުވެފައެވެ. އަދި އެނަންތަކަށް ބޭނުންކުރާނެ ދިވެހި ލަފުޒުތަކަކަށްވަނީ ބޭނުންވެފައެވެ. އަދި ތަރައްޤީއާއިއެކު އަތްފޯރާފަށަށްއައި އެތަކެއް ކަންކަމާ ތަކެއްޗަށް ކިޔާނެ ބައެއް ނަންތަށް ނެތުމުން އެންމެ ފަހުން އެތަކެއްޗަށް ނުވަތަ ކަންކަމަށް އިގިރޭސިނަންތަށް ބޭނުންކުރަން ވަނީ މަޖުބޫރުވެފައެވެ. އަދި މިފަދަ ނަންތަށްވަނީ ދިވެހިބަހުގެ ބައެއްގެ ގޮތުގަވަނީ ހިމެނިފައެވެ. މިގޮތުން ކޮމްޕިއުޓަރ ޑޮކްޓަރ މޮބައިލް ފޯނު ޓެލެވިޜަން، ރޭޑިއޯ ފަދަ ނަންތަށް މިހާރުވަނީ ދިވެހިވެ ދިވެހިބަހުގެ ތެރެއަށް ވަދެފައެވެ. ބައެއް މީހުންދެކޭ ގޮތުގައި ބަސްތަރައްޤީވާނީ މިގޮތަށް ބޭރުބަސްތައްވެސް ދިވެހި ބަހުގެ ތެރެއަށް ވަދެގެންނެވެ. އަދި އެމީހުން ޤަބޫލުކުރާ ގޮތުގައި މާޒީގައި ކަންހިގާފަ ހުރީވެސް އެފަދަ ގޮތަކަށެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދިވެހި ބަހުގެ ތެރެއަށް ބޭރުބަސްތައް ވަނުމަކީ ކުރިމަގުގައި ބަހަށް ދިމާވެދާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި މިފަދަ އެތައް މައްސަލަތަކެއް ބަހަށް ކުރިމަތިވުމާ ގުޅިގެން ބަސްވަނީ އިތުރު ތަރައްގީއަކާއި އާ އުސްމިން ތަކަކަށް ވާޞިލްވުން އެދި އަޅުގަނޑުމެން، އާދެ! ބަހުގެ އަހުލުވރިންގެ ގާތު ފަށްފަށުން އެދެން ފަށާފައެވެ
.
އާދެ! ފަހަކަށް އައިސް ދިވެހި ބަހަށް ވަނީ ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައިކަން ގަބޫލު ކުރަން ޖެހެއެވެ. މިގޮތުން ބަލާއިރު މިހާރުން މިހާރަށް ބަސް އިތުރަށް ދިރުވުމަށް ނުވަތަ ތަރައްގީ ކުރުމަށް އެކަށިގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، މާދުރުނޫން ކުރިމަގެއްގައި ދިވެހި ބަސް ނެތިގެން ހިނގައިދާނެ ކަމަށް ހިތަށް އަރައެވެ. މިގޮތުން ބަހަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ކުރުގޮތަކަށްނަމަވެސް ބަލާލާނަމެވެ. އާދެ! ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ބަސް ބޭނުންކުރާ މީހުންގެ އަދަދު މަދުކަމެވެ. ބަސް ބޭނުންކުރާ މީހުންގެ މަދުވުމަކީ، އެބަހެއް ނެތިދިއުމުގެ ފުރުސަތު ބޮޑުވާނޭ ކަމެކެވެ. މިއާއެކު ޚިޔާލަށް އަންނަނީ އަޅުގަޑުމެންގެ މި ދިވެހިބަހުން ވާހަކަދައްކަން މިތިބި ގާތްގަޑަކަށް ހަތަރު ލައްކައެއްހާ މީހުންނެވެ. މިތާގައި މަލިކުގެ “މަހަލް’’ ބަހުގައި ވާހަކަދައްކާ މަދު މީސްކޮޅު ނުހިމަނަމެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރަށްވެސް މަދު މީސްކޮޅެކެވެ
.
ބަހަށް ދިމާވެފައި ގޮންޖެހުން ތަކަށް ބަލާއިރު ދިވެހި ބަހަށް ދިވެހި މުޖުތަމައުގައި ދެވިފައި އޮންނަ މަގާމަކީވެސް ބަސް ދެމިއޮތުމަށް ވަރަށް މުހިއްމުއެއްޗެކެވެ. އާދެ! ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ލިޔެފައިވާގޮތުން ދިވެހިބަހަކީ ދައުލަތުގެ ރަސްމީބަހެވެ. މިއާއެކު ދަންނަވަން ޖެހެނީ މިފަހަކަސް އައިސް މުޅިދުނިޔޭގައިވެސް އިނގިރޭސި ބަހަކީ ވިޔަފާރިއާއި އެހެނިހެން މުއާމަލާތް ކުރުމުގައި ބޭނުންކުރާ “ފަސްޓް ލެންގުއޭޖް” އެވެ. ނުވަތަ ފުރަތަމަބަހެވެ. ޚާއްސަކޮށް އަމިއްލަ ބޮޑެތި ވިޔަފާރި ތަކާއި ސިނާއަތްތކުގައެވެ. މިގޮތުން ދިވެހި ކުންފުނިތަކުގެމެދުގައި ކުރެވޭ މުޢާމަލާތުތައްވެސް މިކަމުން އިސްތިސްނާ ނުވެއެވެ. ވަކިން ޚާއްސަކޮށް ލިޔެކިޔުމުން ކުރުވޭ މުއާމަލާތްތަކުގައި ބެނުންކުރެވެމުން ދަނީ އިނގިރޭސިބަސް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އަނެއްކަމަކީ ނޭގިތިއްބަސް ސިޔާސީ އިޖްތިމާއީ އަގްތިސާދީ އެތައް ސަބަބުތަކެއް އަޅުގަނޑު މަޖުބޫރު ކުރުވާފައި ވަނީ އިނގިރޭސިބަސް ބޭނުން ކުރުމަށެވެ. އެބަހުގެ ރޯލު މުޖުތަމައުގައި ފުޅާވަމުން މިދަނީ އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގައި ދެބަހުން ވާހަކަދައްކާ މުޖުތަމައެއް އުފެދުމާ ދިމާއަށް ހެންވެސް ހިވާން ފަށައިފިއެވެ. މިހީއަކީ ރަގަޅު ހީއަކަށް ވެއްޖެނަމަ ދިވެހިބަސް މިދަނީ ނުރައްކަލަ ދިމާއަށް ބުނުމުގެ ޖާގަ އެބައޮތެވެ. އާދެ! ތާރީޚަށް ބަލާއިއިރު މިގޮތަށް ދެބަހުން ވާހަކަދަައްކާ މުޖުތަމަޢެއް އުފެދިއްޖެ ނަމަ ފަހުން ތަޢާރަފްވި ބަސް މާދަރީބަހުގެ މައްޗަށް ގަދަކޮށްލުމަކީ ގަބޫލުކުރަންޖޭ ހަގީގަތެކެވެ.
ދިވެހި ބަހަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ ދިވެހި ބަހުގެތެރޭގައި ހިމެނޭ ތަފާތު ބަހުރުވަރުވަ ތަކަކީ ބަހަށް ލިބިފައިވާ ވަރަށް ބޮޑު މުއްސަނދި ކަމެއްކަމަށްވީހިނދު، އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ތަފާތު ބަހުރުވަތައް ދިރުވުމަށްޓަކާވެސް މަސައްކަތްތަކެއްވެސް ކުރަންޖެހިފައިވާ ކަމެވެ. މިހެނީ އެބަހުރުވަ ތަކަކީ ސަގާފަތުގެވެސް އެއްބައެވެ. އަމިއްލަވަންތަކަމުގެވެސް އެއްބައެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތަށް ބަލާއިރު މިދެންނެވި ބަހުރުވަތަކަށް އެއްވެސް ކަހަލަ ސަމާލުކަމެއް ދީފައި ވާތަނެއް ނުފެނެއެވެ. ބަހުރުވަތައް ބޭނުންކުރެވޭތަން ފެންނަނީ އެބަހުރުވައެއް ނިސްބަތްވާ ސަރަހައްދެއްގެ އަހުލުވެރިން އެކަކު އަނެކަކާ ވާހަކަ ދެއްކުމަށްޓަކައި އެކަންޏެވެ. މިހެން މިކަން ވާނަމަ، މިއީވެސް ބަހަށްލިބޭ އިތުރު ނިކަމެތި ކަމެކެވެ. މިހެން މިދެންނެވީ މިފަދަ ބައެއް ބަހުރުވަ ތަކުގެ ބަސްކޮށާރާއި ބަސްމޮށުންތެރިކަމާއި ވާހަކަ ދެއްކުމުގެ ވައްޓަފާޅިއަށް ބަލާއިރު، “ރަސްމީ ދިވެހި ބަހަށް” ވުރެ ފުރިހަމަ ބަހުރުވަތައް ހުރިކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ދިވެހި ރާއްޖޭގެ ތަޢްލީމު ބިނާވެފައި މިއޮތީ ދިވެހި ބަހަށްވުރެ އިގިރޭސި ބަހަށް އަހަމިއްޔަތު ދެވޭ ގޮތަށެވެ. އެހެން ގޮތަކަށް ދަނަނަވާލާނަމަ، ދިވެހި ރާއްޖޭގެ ރަސްމީ ބަސް ކިޔަވައިދެވެނީ މާދަރީ ބަސް ދެމެހެއްޓުމަށް ބާރު ލިބޭ ގޮތަށްވުރެ ބޮޑަށް އެހެން ބަހަކަށް ބަދަލުވުމަށް ބާރު ލިބޭ ގޮތަށެވެ. ވުމާއެކު، ބަސް އޭގެ އެންމެ މުއްސަނދި ކަމާއެކު ދަމަހައްޓަން ބޭނުންވާނަމަ، ތަޢްލީމީ ނިޒާމުގައި މިހާރަށްވުރެ ބޮޑަށް ދިވެހި ބަހަށް ސަމާލުވާން ޖެހޭނެއެވެ. މާދަރީ ބަހުން ވާހަކަ ދެއްކުމުގެ ގާބިލްކަން ސްކޫލް ތަކުގެ ދަރިވަރުންނާއި ޒުވާނުންގެ ކިބާގައި އަށަގަންނުވަން ޖެހޭނެއެވެ. ބަހުގެ މާހިރުން ވިދާޅުވާ ގޮތުގައި، ބަހެއް ނެތެމުން ދާއިރު ވަރަށް އާދައިގެ ލަފުޒުތައްވެސް އެހެން ބަސްބަހުން ބޭނުން ކުރާނެއެވެ. މިކަން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި މިދަނީ ފެންނަމުންނެވެ. ދިވެހި ބަހުން ރީތިކޮށް ފަސޭހަ ކަމާއެކު ބޭނުން ކުރެވެން ހުންނަ ލަފުޒު ތަކާއި ޖުމްލަތައް އިގިރޭސި ބަހުން ބޭނުން ކުރުމަކީ ވަރަށް ޢާއްމު ކަމަކަށް ވެއްޖެއެވެ. މިގޮތުން ހަފުތާގެ ދުވަސްތަކާއި ގަޑި ބުނުމާއި ހިސާބު ޢަދަދު ކިޔުމުގައި ދިވެހި ބަސް ބޭނުން ކުރާތަން މަދުން ނޫނީ ނުފެނެއެވެ. މިއީ ރީތި ދިވެހި ބަހަށް ދިމާވެފައިވާ ވަރަބޮޑު ގޮންޖެހުމެކެވެ.