ހަމީދު
މިދިޔަ އަހަރު ހުޅުވުނު އަންހެން ކުދިން ކިޔަވަމުން އަންނަ ދެވަނަ ސަރުކާރު ސްކޫލު ކަމުގައި ވާ ހިރިޔާ ސްކޫލަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ދިވެހި ޓީޗަރަކާ މެދު ހުރިހާ ސަރުކާރު ސްކޫލުތަކުގެ ބެލެނިވެރިންގެ ޖަމްއިއްޔާ އިން ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ ގެ އިސްވެރިންނާ ބައްދަލުކޮށް ނުރުހުން ފާޅުކޮށްފައެވެ.
މަުއުލޫމާތު ލިބިފައިވާ ގޮތުގައި މި ދިވެހި ޓީޗަރާ މެދު ބެލެނިވެރިން ހިތްހަމަ ނުޖެހެން ދިމާވި ސަބަބަކީ މި ޓީޗަރުގެ ބަރަހަނާ ފޮޓޯތަކެއް މިދިޔަ އަހަރު ލީކްވި ކަމަށް ބުނެވޭ މައްސަލަ އަކާ ގުޅިގެނެވެ. ޖިނާއީ ކޯޓުގައި މިދިޔަ އަހަރު މި މައްސަލަ ވަނީ ބެލިފައެވެ، އަދި މައްސަލަ ނިމުނީ މި ޓީޗަރުގެ މައްޗަށް ކުއް ސާބިތު ނުވެއެވެ.
މި ޓީޗަރު ކުށެއްނެތް ކަމަށް ޖިނާއީ ކޯޓުން ހުކުމް ކުރަމުން އޭނާގެ ވަޒީފާ ދިނުމަށް ވަނީ އަމުރު ކޮށްފައެވެ. އެއިރު އޭނާ މަސައްކަތް ކުރަމުން ގޮސްފައި ވަނީ ދަރުމަވަންތަ ސްކޫލުގައި ދިވެހި ޓީޗަރެއްގެ މަގާމުގައެވެ.
މީޑިއާއަށް ހިރިޔާގެ ޕީޓީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި މީނާ ދަރުމަވަންތަ ސްކޫލުން ހިރިޔާ އަށް ބަދަލުކުރެވިފައި ވަނީ މި މައްސަލަ އާއި ގުޅިގެން އޭނާއަށް އޭނާ ގެ ދަރިވަރުންނާ ކުރިމަތިލާން ނުކެރޭނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވެސް ވަނީ އޭނާ އެ މަގާމުގައި ބަހައްޓަން ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް އެ މިނިސްޓްރީގެ ޕީއެސްގެ އާމާންދު އަލީގެ ނުފޫޒުން އެ ޓީޗަރަށް ހިރިޔާ ސްކޫލުން ވަޒީފާ ދިނީ ކަމަށް ހިރިޔާގެ ޕީޓީއޭ އިން މީޑިއާއަށް މައުލޫމާތު ދެއްވާފައި ވެއެވެ.
އާމާންދު އަލީ އެ ޓީޗަރު އެ ސްކޫލަށް ނެރެން އެއުޅެނީ ކޮން މަގުސަދެއްގައި ކޮން ކަމެއް ހާސިލުކުރަން ކަމެއް ނޭނގޭ ކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ. އެ ޓީޗަރު އަދި ވަޒީފާ އަށް ނިކުންނަން ފަށައިފައި ނުވި ނަމަވެސް ހިރިޔާގެ ޓީޗަރެއްގެ ގޮތުގައި އޭނާ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.
އާމާންދު އަލީ އެކި ފަހަރު މަތިން ހިރިޔާގެ ޕްރިންސިޕަލަށް ސިޓީގެ ޒަރިއްޔާއިން އެ ޓީޗަރ ވަޒީފާ އަށް ނެރުމަށް އަމުރުކޮށް މަޖުބޫރު ކުރުވަން އުޅެފައިވާ ކަމަށް ހިރިޔާގެ ޕީޓީއޭއިން މައުލޫމާތު ދިނެވެ.
މި ޓީޗަރުގެ ފޮޓޯތައް ބުނެވޭ ގޮތުގައި ވަނީ ވަރަށް ބޮޑަށް ލީކްވެ އެންމެނަށް އާންމު ވެފައެވެ. އަދި މީނާ ސެކަންޑަރީ ދިވެހި ޓީޗަރެއްގެ ގޮތުގައި ހުންނަންޖެހޭ ޝަރުތުތައްވެސް ހަމަ ނުވާ ކަމުގައި ހިރިޔާގެ ޕީޓީއޭ އިން ވަނީ މީޑިއާ އަށް މައުލޫމާތު ދީފައެވެ.