ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުން އަންނަ ކަމުގެ އިޝާރާތް ތަފާތު ގޮތްގޮތުން ތަފާތު ބޭފުޅުން ދެއްވަން ފަށައިފިއެވެ.
ދާދިފަހުން ވައިކަރަދޫ ދާއިރާގެ މެންބަރ އަލީ އާރިފް އާއި ވިލިމާފަންނު ދާއިރާގެ މެންބަރ އަހުމަދު ނިހާން ހުސެއިން މަނިކު ރާޢްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން "ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓެއް މަޖިލީހުން ނަގާނެ" ކަމުގެ އިންޒާރުވަނީ ދީފައެވެ. ހަމަ މިމޭރުމުން ގައުމީ ޕާޓީގެ ލީޑަރ، ޑރ. ހަސަން ސައީދު ވެސް ވަނީ ވަހަކަދައްކަވާފައެވެ. ޑރ ހަސަން ސައީދު އިއްޔެރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ކުރެއްވި ގާނޫނީ ހުވައާއި ޚިލާފަށް އެތައް ކަންތައްތަކެއް ކުރައްވާފައިވާކަމަށާއި، ގާނޫނީ އިމުން ބޭރުވެފައިވާތީ އެމަނިކުފާނުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓް ނެގުމަށް މިހާރު ލާޒިމްވެއްޖެ"ކަމަށެވެ.
ދާދިފަހުން ގެމަނަފުށީ ދާއިރާގެ މެންބަރ އިލްހާމް އަހުމަދ ވިދާޅުވެފައިވަނީ ''ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓް ނެގުމަށް ބޭނުންވާ އަދަދު މިހާރު ހަމަވެއްޖެ" ކަމަށެވެ. އަދި އިލްހާމް އިތުރައް ހާމަކޮށްފައިވާގޮތުގައި "ރައްޔިތުންގެ މަޖިލީސް މެދުކެނޑުމަށްފަހު، އަލުންފެށުމާއެކު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަޖިލީހަށް ހުށަހަޅާނެކަމަށާއި، އިދިކޮޅު ކޯލިޝަނާއި، ކޯލިޝަނަށް ތާއީދުކުރައްވާ މިނިވަން މެންބަރުންގެ އިތުރުން، އެމްޑީޕީގެ މެންބަރުންގެ ތެރެއިން ރައްޔިތުންނަށާއި، ގައުމަށް އިޚްލާސްތެރި މެންބަރުންނާއެކު، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތު މިހާރުއެބައޮތް" ކަމަށެވެ.
މިފަދަ ގޮތަކަށް ސިޔާސީ ބޭފުޅުންގެ ވާހަކަތައް ހުރިއިރު ސަރުކާރާއި އިދިކޮޅު އިއްތިހާދުގެ ބޭފުޅުންދަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދުގެ 'އިސްތިއުފާ'އަށް ގޮވަމުންނެވެ.