14 ބުރީގެ އޮފީސް އިމާރާތެއްގެ ގޮތުގައި "ވެލާނާގެ" މިއަދު ހުޅުވައިފިއެވެ.
ކުރީގެ ރައީސް އަދި މިނިވަން ދުވަހުގެ ބާނީގެ އިބްރާހީމް ނާސިރުގެ ގެކޮޅު ކަމުގައިވާ "ވެލާނާގެ" 14 ބުރިއަށް އިމާރާތްކޮށް ސަރުކާރުގެ އޮފީސްތަކުގެ އިމާރާތެއްގެ ގޮތުގައި ރަސްމީ ގޮތުން ހުޅުވައި ދެއްވީ ނާސިރުގެ ވެރިކަމުގައި ތަފާތު އިސް މަގާމުތައް ފުރުއްވި އަދި މިހާރު ދައުލަތަށް ގިނަ ދުވަހު ހިދްމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައި ހުންނެވި އިބްރާހީމް ރަޝީދު (ކަރަންކާ ރަޝީދު) އެވެ.
ވެލާނާގޭ ކުރިމަތީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ނަޝީދާއި ކެބިނެޓް މެމްބަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން 'ވެލާނާގެ' އިމާރާތުގައި މަސައްކަތް ކުރައްވާ އޮފީސްތަކުގެ މުވައްޒަފުންވެސް ހިމެނެއެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން އިބްރާހީމް ރަޝީދު ވެލާނާގެ އާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެވެ.
ވެލާނާގޭގައި ސަރުކާރުގެ 11 އޮފީހުގެ އިތުރުން ޖަލްސާ ކުރާ މާލަންތަކާއި ކުރީގެ ރައީސް އިބްރާހިމް ނާސިރުއަށް ހާއް ސަ ކޮޓަރިކޮޅާކާއި ނަމާދުކުރާ ކޮޓަރިއެއްގެ އިތުރުން ކެންޓީނަކާއި ފިހާރައެއްވެސް ހިމެނެއެވެ. 2006 ވަނަ އަހަރު ކުރީގެ ރައީސް ވެރިކަމުގައި ފެށި 'ވެލާނާގެ' ހަދާނިމިފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގައެވެ.