އިންޑިއާއަކީ މުޅިދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ. އަސްކަރީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޓެކުނޮލަޖީ ގޮތުންނާއި، އިންސާނީ ވަސީލަތާއި، ހަޟާރަތުގެ ގޮތުންން ވެސް އިންޑިޔާއަކީ، ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކާއި އަދި ކުރިއަރާފައިވާ ގައުމުތަކާއި، އެއްސަފެއްގައި ފައި ހަމަކުރަމުންދާ ގައުމެކެވެ. ދުނިޔޭގައި، ނިޔުކުލިއަރ އަދި ބައިލޮޖިކަލު ހަތިޔާރު ގެންގުޅުމުގެ ޤާބިލުކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ދުނިޔޭގައި، ޖައްވީ ސުޓޭޝަން ތަކުގައި، ދައުރުވުމުގައިވެސް އިންޑިޔާގެ ‘އެސްޓްރޯ’ ސްޓޭޝަނަކީ، އެމެރިކާގެ ޖައްވީ ސުޓޭޝަން ‘ނާސާ’ އާއި، ވާދަކުރަމުންދާ ސުޓޭޝަަނެކެވެ.
އިންޑިޔާއަށް ލިބިފައިވާ ޤާބިލުކަމާއި، ތަމައްދުނާއި، ތަޙުޛީބު، ދުނިޔޭގެ އެހެންގައުމުތަކަށް ފޯރުކޮށްދިނުމުގައިވެސް، ދީލަތި ގައުމެކެވެ. މިގޮތުން އިންޑިޔާއަށް ލިބިފައިވާ ޤާބިލުކަމުގެ، ފައިދާ އެންމެ ބޮޑަށް ލިބޭގައުމަކީ އަވައްޓެރި ދިވެހިރާއްޖެއެވެ.
މިގޮތުން އިންޑިއާގެ ދީލަތިކަން ދިވެހިންނަށް ލިބިފައިވާ ދާއިރާތަކާއި ކަންތައް ތަކުގެ ތެރޭގައި، 1988 ވަނައަހަރު ނޮވެންބަރ 3 ގައި، ދިވެހި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާގައި، ދިވެހި ރާއްޖެ ސަލާމަތްކޮށް ދިނުމަށްޓަކައި، އިންޑިޔާގެ އަސްކަރިއްޔާއިން އެހީތެރިވެދީފައިވެއެވެ. މީގެ 15 އަހަރު ކުރިން އިންޑިޔާ ސަރުކާރުގެ ދީލަތި އެޙީގައި، މާލެގައިވަނީ ހޮސްޕިޓަލެއް ބިނާކޮށްފައެވެ. އަދި ފެކަލްޓީ އޮފް ހޮސްޕިޓާލެޓީ އެންޑް ޓޫރިޒަމްގެ ޢިމާރާތް އިންޑިޔާ ސަރުކާރުގެ ދީލަތިއެހީގައި، އިމާރާތް ކުރަމުންދެއެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާއާއި، ކަނޑުގެ ސަރަހަށްދު ބެލެހެއްޓުމަށް، އިންޑިޔާގެ އަސްކަރިއްޔާއާއި، ނެވިން އެހީތެރި ވެދެއެވެ. މިގޮތުން މީގެ 2 އަހަރުކުރިން އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ ފަރާތުން ވަނީ، ރާއްޖޭގެ ކަނޑު ސަރަހަށްދު ބެލެހެއްޓުމަށްތަކައި، ‘ހުރަވީ’ ގެނަމުގައި، މަނަވަރެއް ހަދިޔާކޮށްފައެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިވެ ދިނުމަށްޓަކައި، އިންޑިޔާގެ ޤާބިލު މުދައްރިސުން ދަނީ ދިވެހިރާއްޖޭގެ ސުކޫލުތަކުގައިވެސް ޚަރަކާތްތެރި ވަމުންނެވެ.
މިއަދު މަންޒަރު ބަދަލުވާން ފަށައިފިއެވެ. އޭރު ވަމުން ދިޔަ އެހީގެ ބަދަލު މިއަދު ދައްކަން ޖެހުނު ކަހަލައެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުންވެސް، އިންޑިޔާގެ ސަރުކާރާއި، އިންޑިޔާގެ ކުންފުނިތަކުން ވަނީ، ދިވެހިންގެ ހާލިތަކަށް ވަންނަން ފަށާފައެވެ. މިގޮތުން ޣިޔާސުއްދީން ސުކޫލުވަނީ، އިންޑިޔާގެ ކުންފުންނަކާއި ހާވާލުކޮށް ޕުރައިވެޓައިޒް ކުރެވިފައެވެ. އަދި އަ. ޖީ. އެމް. އެޗް ވަނީ 15 އަހަރު ދުވަހަށް އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލު ހިންގާ ކުންފުންނާއި ހަވާލުކުރެވިފައެވެ. އަދި ދިވެހި ރާއްޖޭގެ ލާމަރުކަޒީ އިދާރާތައް، ‘އީ- ގަވަމެންޓް’ ނިޒާމަކުން ގުޅާލުމަށް އިންޑިޔާގެ ރިއަލެންސު ކުންފުންނާއި ވަނީ ހަވާލުކުރެވިފައެވެ. އެންމެފަހު އެންމެން ‘ހޯބާ ލަވަމުން ދަނިކޮން’ ޖީއެމްއާރ ކުންފުންޏާއި އެއާރޕޯޓްވެސް ހިންގަން ހަވާލުކުރީއެވެ.
އިންޑިޔާގެ މިފަދަ ދީލަތިވެދުންތުގައި ކޮންމެސް ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ވާނެކަމާއި މެދު ޝައްކެއް ނެތެވެ. ދިވެހި މުސްކުޅި ޚަރުބަހެއްގައި އޮންނަ ފަދައިން، ‘އެދުމެއްނެތި ވެދުމެއް ނުކުރާނެއެވެ.’ އިންޑިޔާގެ މިފަދަ ވެދުންތަކުގައި، އެދުމެއްވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އިންޑިޔާއަކީ ދުނިޔޭގައި އެންމެ ގިނަ ދީންތައް ތަމުޞީލު ކުރަމުންދާ އެއްގައުމެވެ. ފަހަރެއްގައި، އިންޑިޔާގެ މަކަރުވެރި ރޭވުމެއްގެ ދަށުން، ދިވެހިރާއްޖެއަށް ބާޠިލު ދީންތައް ފަތުރައި، މިތަނުގައި، ބުދުކޯލުތަކާއި، ފައްޅިތައް އަލައިފާނެކަމުގެ ބިރުއެބަ އޮތެވެ. ދިވެހި ހުރިހާ ރައްޔިތުން އިންޑިޔާގެ ދީލަތި ވެދުންތަކާއިމެދު ވަރަށް ފާރަވެރި ނަޒަރަކުން ވިސްނަންޖެހެއެވެ.
އިންޑިޔާގެ މިފޮރުވިފައިވާ އެދުންތަކުގެ ކުލަތައްވަނީ ފެންނަން ފަށާފައެވެ. މިގޮތުން ސ. ހިތަދޫ މުޙިއްބުދީން ސުކޫލުގައި، ހިސްޓްރީ މުދައްރިސެއްގެ ގޮތުގައި، އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ ރާޖް ކުމާރު، އިސްލާމު ދީނަށާއި، ރަޞޫލާ ޞައްލަﷲއަލައި ވަސައްލަމަގެ ނަސަބު ފުޅަށް މަލާމާތް ކުރުމުގެ ސަބަބުން، ކުރީގެ ސަރުކާރުންވަނީ، މީނާ ޑީޕޯރޓް ކޮށްލާފައެވެ. ނަމަވެސް މިވަގުތު މީނާ މަސައްކަތް ކުރަމުންގެންދަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގައެވެ. އަދި ދާދި ފަހަކުން، ހއ. ކެލާގައި މަސައްކަތް ކުރަމުންދިޔަ އިންޑިޔާގެ މުދައްރިސަކު، ނަޞާރާ ދީން ފަތުރާކަމަށް ފަޅާއަރައިގެން އޭނާ ޑީޕޯރޓް ކޮށްލާފައިވެއެވެ.
ޅައުމުރަކީ، އިންސާނާގެ ތަރުބިއްޔަތުގެ އަސާސްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި، ފޯރުކޮށްދޭންޖެހޭ އުމުރެވެ. މުސްލިމު ގައުމުތަކަށް ޣައިރުން ވެރިވެ، އެބައިމީހުންގެ ރޭވުމުގެ ދަށުން، މުސްލިމުންގެ ފަށާތަޢުލީމާއި އިބުތިދާޢީ ތައުލީމުގެ ތެރެއަށް، ވަދެ އެބައިމީހުންގެ މަންހަޖު ފަތުރަމުންދާކަމީ މުސްލިމުން ވިސްނަންޖެހޭކަމެކެވެ. މިގޮތުން ސަރުކާރުން ވަނީ ޣިޔާސުއްދީން ސުކޫލު ހިންގުންވަނީ އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ‘ޝްރީ އެޑިޔު ކެއަރ ޕުރައިވެޓް ލިމިޓެޑް’ އާއި ހަވާލުކޮށް ހިންގަން ފަށާފައެވެ. މިއީ ޣައިރުންގެ ވަރަށް ބޮޑު އެޖެންޑާއެކެވެ. އެބައިމީހުންގެ ބޭނުމަކީ، ޅަފަތުގެ ދައުރު، އިސްލާމްދީނާއި ދުރުކޮށް ކަތި މަގުތަކަށް ރުކުރުވާލުމެވެ. ސުވާލަކީ ދަރުމަވަންތަ ސުކޫލު ނުވަތަ މަޖީދިއްޔާ ސުކޫލު ‘ޝްރީ އެޑިޔު ކެއަރ ޕުރައިވެޓް ލިމިޓެޑް އާއި ހަވާލު ނުކުރީ ކީއްވެގެން ހެއްޔެވެ.؟ ބޭނުމަކީ އިންޑިޔާއާއި ގުޅިގެން ދިވެހި މުސްލިމު ދަރިވަރުންގެ ޅަފަތުގެ ތަރުބަވީ މަންހަޖު އޮޅުވާލުމެވެ.
އިންޑިޔާގެ އެދުންތައް ދިވެހި ރާއްޖެއިން، ޙާޞިލުކުރަމުން ގެންދެއެވެ. އެބައިމީހުންގެ އެދުމަކީ ދިވެހިން އިސްލާމު ދީނާއި ދުރުކުރުމެވެ. މިގޮތުން މިއަހަރު އިންޑިޔާ ފިލުމީ އެވޯރޑުގެ އިނާމު ދިނުމުގެ ހަފުލާ ނުވަތަ އިންޑިއަން ގޯލުޑަން އެވޯރޑް ރާއްޖޭގައި ބާއްވާގޮތަށް ނިންމާފައިވެއެވެ. މިހާރު ތިޔަބޭފުޅުންނަށް އިންޑިޔާ އެދުމަކީ ކޮބައިކަން އެބަހާމަވެއެވެ. ބޭނުމަކީ ދިވެހިންގެ ތެރެއަށް އެބައިމީހުންގެ ގޮތްތައް ގެނެސް، ދިވެހިން ޣައިރު ދީން ކުރުވުމެވެ. އިންޑިޔާގެ ދީލަތިކަމުން ރާއްޖެއަށް ބާޠިލު ދީންތައް ގެންނާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މިކަމާއި މެދު ދިވެހި ރައްޔިތުން ވިސްނަވާ ފާރަވެރިކަމާއެކު، ސަމާލުވެތިއްބަވާށެވެ. އަދި މީގެ އިތުރުން މިހަފްތާގައި ސަލްމާން ޙާން ރާއްޖެ ގެނެސް އެބޭއްވި ފެސްތީވަލްގައި އިންޑިއާގެ ދީނީ ނެށުންތައް ދައްކައިދީ ހެދިއިރު އޯޑިއަންސްގައި ތިބީ ދިވެހިންނެވެ. އަލިފާނަށް ހަމްދު އަޅާ ހެދިއިރު ސަލްމާން ޙާން ބަލަން އައިސް ތިބި އެތައް ދިވެހިންނަށްވެސް އެކުޅި ސަމާވަނީ ކިތަންމެ ރަނގަޅަށްވެސް ފެނިފައެވެ.
އަޅުގަނޑުމެން ދިވެހިން މިނިވަން ދުވަސް ފާހަގަ ކުރަމުން ކިތަންމެ ހަރަކާތެއް ހިންގިޔަސް އަޅުގަނޑުމެން މަޑުމަޑުން އަޅުވެތިކަމުގެ ދާނެއްގައި އެބަ ބައިންދައެވެ. އަޅުގަނޑުމެން ދިވެހިންނަށް އަންގާވެސް ނުލައި އެހީތައް ވަމުން އޭގެ ބަދަލުގައި އޭގެ ދެގުނަ އެދަނީ ނަގަމުންނެވެ. ހޭވެރިވާށެވެ.