ރައްޓެއްސަކާބައްދަލުވުމުން ޙާލުއަހާލީމެވެ. އޭނާ ބުންޏެވެ. ޙާލު ރަނގަޅެވެ. ހާލުރަނގަޅުކަމަށް ބުނިނަމަވެސް އޭނާގެ މޫނުމަތީގައިހުރި އުދާސްކަމެއްގެ ސަބަބުން އިތުރު ސުވާލެއް ކޮށްލެވުނެވެ. އަނެއްކާ ހުރިހައި ކަމެއް ރަނގަޅުތަ؟ އެކުވެރިޔާ ކަރު އެލުވާލާފައި ބުނެލިއެވެ. ވަރަށް މަދުކަމެއްފިޔަވާ ގިނަކަންތައްތައް ވަރަށް ގޯސް. އަހަރެން އަނެއެއްކާވެސް އިތުރު ސުވާލެއް ކުރީމެވެ.
އެންމެ ބޮޑަށް ގޯސްވެގެން ތިއުޅެނީ ކޮންކަމެއް؟. އަޅެ އަހަރެންގެ ގާތުގައިވެސް ބުނެބަލަ. އޭރޫންނެއްނު، މަށަށްވެސް އެހީއެއް ވެވޭނި. މިހެން ބުނުމުން އެކުވެރިޔާ ފުން ނެވާއެއް ދޫކޮށްލުމަށްފަހު ބުންޏެވެ، މީ ވަރަށް ދިގުވާހަކައެކެވެ. އެހެންވީމާ ކޮންމެވެސް ތާކު އިށީންނަމާ ހިނގާށެވެ. އެއިރު އަހަރެމެންނަށް ތިބެވުނީ ރޯމަސް މާރުކޭޓާ ހަމައިގާކަމުން އަހަރެން ބުނީމެވެ. ހިނގާ ކަނޑުތޮށިމަތީގައި ޖައްސަލަމާ.
އެކުވެރިޔާ އެނާގެ ވާހަކަފެށިއެވެ. އަހަރެން މިއުޅެނީ ކުރިން ހިފައިގެން އުޅުނު ކޮޓަރިން ނިކުންނަން ޖެހިގެނެވެ. އެއީ އިންތިހާޔަށް އެތާގެ ކުލި ބޮޑުކުރީމައެވެ. ކުރިން އަހރެމެން އެތާގައި އުޅެމުން އައީ ހަތަރުހާސް ފަސްސަތޭކަ ރުފިޔާއަށެވެ. ނަމަވެސް މިދިޔަމަހު ގޭގެ ވެރިން އަހަރެމެންނަށް އެންގީ މިހާރު ކޮޓަރީގެ ކުއްޔަކީ ހަހާސް ރުފިޔާ ކަމަށެވެ. މިވަރުން ދެން ކެތްކުރާނީ ކިހިނެއްހެއްޔެވެ.
ރޭދުވާ އެއްކޮށްލައިގެން ކުރާ މަސައްކަތުން މި ލިބެނީ ހައެއްކަހާސް ރުފިޔާއެވެ. އެ ފައިސާއިން ހަހާސްރުފިޔާ ތަނުގެ ކުއްޔަށް ދައްކާފައި ކައިގެން ބޮއިގެން ދެކުދިންނާ އަތްނބަކާ ގޮވައިގެން އުޅޭނެ ގޮތެއް އަޅެ އަހުމަދު ބުނެބަލާށެވެ. އަހަރެން ބުނީމެވެ. ތިޔަބުނީ ހަމަ ވަރަށް ރަނގަޅުވާހަކައެކެވެ. ތިޔަވަރުގެ ކުއްޔެއެއް ދައްކައިގެން އަތާ އަނގަޔަކާ ދިމައެއް ނުކުރެވޭނެއެވެ. އެހެންވިއްޔާ ދެން މިހާރު ތިޔަ އުޅެނީ ކޮންތާކުހެއްޔެވެ. އެކުވެރިޔާ ބުންޏެވެ.
މިހާރު މިއުޅެނީ ދުރުތާ ތިމާގެ މީހެއެއްގެ ގޭގައެވެ. އެއިވެސް ގެޔަކަށްވުރެބޮޑަށް ހުރަގެޔެކޭ ކިއްޔާ ރަނގަޅުވާނެއެވެ. އަށްފޫޓު އަށްފޫޓުގެ ކޮޓަރިއަކާ ދެފޫޓު ތިންފޫޓުގެ ފާޚާނާއެކެވެ. ދެން އަށްފޫޓު ހަތަރުފޫޓުގެ "ބޮޑު" ސިޓިންރޫމެކެވެ. މީ މިހާރު އަހަރެމެން އުޅޭ ދުނިޔޭގެ ބޮޑުމިނެވެ. އެތާގައި މިހާރު މިއުޅެނީ މިބުނި އެކުވެރިޠާގެ 3 ކުދިންނާ އެދެމަފިރިންނާ، އަހަރެމެންގެ ހަތަރުމީހުންނެވެ. އަޅެފަހެ މިފަދަތަނަކަށް ގެޔަކަށްވުރެ ހުރަގެޔެކޭ ކިއުން ރަނގަޅެއްނުވާނެހެއްޔެވެ. އެކުވެރިޔާ ކިތައްމެ ސަމާސަގޮތަކަށް ބުނިނަމަވެސް އެއީވެސް ހަމަ ހަގީގަތެވެ. މިއަދު ަހރެމެންގެތެރެއިން ގިނަބަޔަކު ދިރިއުޅެމުން މިދަނީ ވަރަށް ނިކަމެތި ދަށްފަންތީގެ ދިރިއުޅުމެކެވެ. އޭގެ ސަބަބުން ނިކުންނަ އިޖުތިމާޢީ ބަލިތައްވެސް ނުހަނު ގިނަވެއްޖެއެވެ.
އަނެއްކާވެސް އެކުވެރިޔާ ކުރެން އހާލީމެވެ. ދެން އެހެން ތަނެއް ލިބޭތޯ މަސައްކަތެއް ނުކުރަން ހެއްޔެވެ. އޭނާ ބުންޏެވެ. މަސައްކަތް ނުކޮސް ހުންނާނެހެން ހީވެހެއްޔެވެ. މިހާރު ރެޔާދުވާލު މިކުރާކަމަކީ މާލޭގައި ނެރޭހައި ނޫސްތައް ގަނެގެން އެކުވެރިޔެއްގެ ހެޔޮކަމުން އަޅައިދީފައިވާ ފޯނުކާޑެއްގެ ބޭނުންކޮށްގެން ނޫހުގައި ހުންނަ ކުއްޔަށް ކޮޓަރި ދޫކުރާ ކަމަށް ބުނެފައިހުންނަ ނަމްބަރުތަކަށް ގުޅަނީއެވެ. މިކަންވީ އަދި ކުރިން ިމދިމާވި ކަންތަކަށްވުރެ އަދި މާބޮޑުކަމަކަށެވެ. ނަމްބަރަށް ގުޅާލުމަށްފަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް އެބަހުރިތޯ އަހާއިރަށް އާއެކޭ ބުނެއެވެ. ކުލި ކިހާވަރެއްތޯ އެހުމުން އެކޮޅުން ބުނަނީ ފަސްހާސްކަމަށެވެ.
އަހަރެން ހިތުހައި ޖެހުނެވެ. ފަސްހާސްރުފިޔާވެސް އެންމެ ކޮޓަރިއަކަށް ހާދަ ބޮޑެވެ. އެހެންނަމަވެސް އިތުރަށް ސާފުކޮށްލުމުން ދެންލިބޭ ޖަވާބަކީ އެޑްވާންސްކޮށް ހަމަސްދުވަހުގެ ކުލި ދައްކަން ޖެހޭނެ ވާހަކައެވެ.އެއީ ތިރީސްހާހެވެ. އެހާހިސާބުން ބޮލަށް އެނބުރުން އަރައިގެން އިތުރަށްވާހަކަ ނުދެއްކިގެން ފޯނުބާއްވަނީއެވެ. އަޅެ ފަހެ މީހަކު އަޖާއިބެއް ނުވާނެހެއްޔެވެ. މިއުޅެނީ ބޯހިޔާކޮށްލާނެ ތަންކޮޅެއްހޯދާލާށެވެ. ނިކަމެތިވެ ފައިދަށަށްވެއްޓި ސަލާންޖަހާ ހިސާބަށް ގޮސްގެން ގުޅާލުމުން ލިބޭ ޖަވާބަކީ މިއީއެވެ.
އެކުވެރިޔާ އޭނާ ކޮޓަރިހޯދަން މަސައްކަތް ކުރާގޮތުގެ ވާހަކަ އެއްނޭވާއިން އަމުނާލިއެވެ. އަހަރެން ބުނީމެވެ. ތީ ހަމަ ހަގީގަތުގައިވެސް މިހާރު ރޯގާޔަކަށް ވެފައިވާ ކަމެކެވެ. ދެރައީ މިފަދަކަންތަކާ އަޅާލާނެ ސަރުކާރުގެ އިދާރާއެއް ނެތީމައެވެ. ނުވަތަ މިކަމަށް ހަރުދަނާ ގަވާއިދެއްހެދި އެފަދަ ގަވާއިދެއް ތަންފީޒު ުކުރެވޭތީއެވެ.
މީހެއްގެ މުސާރަޔަށް ތަފާތު އެކި މަސައްކަތް ތަކުން ހައެއްކަހާސްރުފިޔާ ލިބޭއިރު ބޯހިޔާވަހިކަން ހޯދަން ކުއްޔަށް ހިފާ ކޮޓަރީގެ އަގަކީ ފަސްހާސް ނުވަތަ ހަހާސް ރުފިޔާއަށް ވެފައި އިތުރު ހަމަހަށް އެޑްވާންސް ދައްކަންވެއްޖެނަމަ ދެންވާނީ ކިހިނެއްހެއްޔެވެ؟ ހަމަގައިމުވެސް އހަރެމެންގެ ތެރޭގައި މިތިބަ އުޅެ އާދައިގެ ރައްޔިތުންގެ ކިބައިގާ އެފަދަ ފުދުން ތެރިކަމެއް ނުހުންނާނެއެވެ. އަޅެ ކުއްޔަށް ކޮތަރި ދޫކުރާފަރާތްތަކުންވެސް މިކަމާ ކޮންމެވެސް ވަރަކަށް ވިސްނާލާނަމަ ކޮންފަދަހެއްޔެވެ.
މިހާރު ބޯހިޔާވަހިކަން ހޯދުމަށް މިޖެހެނީ އެމީހެއްގެ އިއްޒަތުންނަފަސު ލަދުވެތިކަމާ ނިކަމެތި ަމުގެ ތެރެޔަށް ވައްޓާލައިގެންނެވެ. އިންސާނީ ކަރާމާތް ވެއްޔާއި މޮޑެލައިގެންނެވެ. ހަމަތިމާފަދަ އަނެއް އިންސާނާގެ ފައިދަށަށްވެއްޓި ސަލާންޖަހައިގެން ފައިސާކޮޅެއް ހޯދައިގެންނެވެ. އެޑްވާންސް ނަގާމީހުންގެ މަގްސަދަކީ ގޭގެ ކޮޓަރި ކުއްޔަށް ހިފާމީހުންގެ އަތުން އެއްފަހަރާ ގިނަ ފައިސާތަކެއް ނަގައިގެން ގޭގައި ނުނިމިހުރި ބައި ނިންމާލުންހެއްޔެވެ؟
ނުވަތަ ކޮޓަރި ހިފާފަރާތުން ބަރާބަރަށް ކުލިނުދައްކަފާނެތީހެއްޔެވެ؟ މިކަމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް ސަބަބުތަކެއްވެދާނެއެވެ. އެކަމަކު މިހުރިހާ ސަބަބެއް މިހެން ހުރިނަމަވެސް އެނގޭ ކަމަކީ ބޯހިޔާވަހި ކަމަކީ އިންސާނި އަސާސީ ޙައްގެއްކަމެވެ. އެއީ ވިޔަފާރިއެއްނޫންކަމެވެ. މިއަދު މިފެންނަނީ މިކަން ވިޔަފާރިޔަކަށްވެގެން ގޮސް އެންމެ ފައިދާބޮޑު ވިޔަފާރީގެ ތެރެއަށް މިކަން ވަދެގެންދާތަނެވެ. ގެދޮރު ހަދާ ފަރާތްކުންވެސް ނުހަނު ބޮޑެތި ލޯނުތައް ބޮޑު އިންޓްރެސްޓާއެކު ނަގައިގެން އެހަދަނީ އެކަމުން ފައިދާ ހޯދުމަށެވެ.
ގެދޮރު ހަދާމީހުންނަކަށްވެސް މިއަދަކު ސަހަލުގޮތަކަށް އެކަންކުރެވޭކަށް ނެތެވެ. ލުއިފަސޭހަގޮތަކަށް މިކަމަސް ލޯނުލިބޭނެ އުސޫލެއްވެސް ނެތެވެ. ތަކެތީގެ އަގުތަށް ހުރީ އިންތިހާޔަށް މައްޗަށް ގޮސްފައެވެ. މަސައްކަތުގެ އަގުވެސް އެހާމަތީގައެވެ. މިހުރިހާކަމެއް މިހެން ހުރިނަމަވެސް މިކަމުގައި ސަރުކާރުގެ ފަރާތުން ތަންކޮޅެއް ހަރުދަނާ އުސޫލުތަކެއް ގާއިމްކުރެވެން ވެއްޖެއެވެ. ކުއްޔަށް ކޮޓަރިދިނުމުގައި ގެންގުޅެނެ މިންގަނޑުތަކެއް ކަނޑައަޅާ އެކަމަށް ޢަމަލީ ސިފަގެންނަން ވެއްޖެއެވެ. އެކި ފެންވަރަށް ހެދިފައި ހުންނަ ކޮޓަރިއަށް އެންމެ ބޮޑުކޮށް ކިޔޭނެ ކުއްޔެއްވެސް ކަނޑައެޅެންވެއްޖެއެވެ. ރައްޔިތުންގެ ޙައްގުގައެވެ. ގައުމުގެ ކުރިމަގަށްޓަކައެވެ.
ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ފުދޭ ތަނަކަށް މިއަދު އޮތީ މާލެއެވެ. އެހެންކަމުން މުޅި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައިމީހުން ދިރިއުޅެމުން މިދަނީ މި ކުޑަކުޑަ ރަށުގަޔާ އެރަށަށް ނިސްބަތްވާ އިތުރު ދެބައިގައެވެ.
ކޮންމެއަކަސް މި އަދު އަހރެންގެ އެކުވެރިޔާޔާ ބައްދަލުވިކަމުން މި ދެއްކުނީ ހަމަ ވަރަށް މުހިންމު ވާހަކައެކެވެ. މީ ހަމަ ކޮންމެހެންވެސް ދައްކަން ޖެހިއްޖެ ވާހަކައެކެވެ. ހަރުއަޑުންނެވެ. ފާޅުކަން ބޮޑުގޮތެއްގައެވެ. އެހެންނޫނީ މިކަމަކަށް ހައްލެއްނެތެވެ. އެވަރުންވެސް ހައްލުވާނެކަމުގެ އުންމީދެއްނެތެވެ. ކުރާނެކަމެއްނެތެވެ. ފުރާނަހުއްޓަކާ ވަޅެއްނުލާނެއެވެ. ނިކަމެތި ރައްޔިތުން މިތިބަ ހަފުސްވަނީއެވެ. ތަނުގެ ކުލި އިންތިހާޔަށް ބޮޑުވެ އެޑްވާންސް ރޯގާޔަކަށްވެ ނިމިއްޖެއެވެ.
v. ragalhu vahaka MAG heevaakahala mee eyna gengulhey mulhi gaumu miogen badajeheny mibey bongresh baavany kekurany
