27ޖޫން 2008ވީ ހުކުރު ދުވަހުގެރޭ ދިވެހިރާއްޖޭގެ އެކިއެކި ސްކޫލް ތަކަށް ނިސްބަތްވާ ގިނަޢަދަދެއްގެ ޓީޗަރުން މާލޭ އިންގްލިޝް ސްކޫލްގެ ހޯލްގައި ބައްދަލުވުމެއްބާއްވައިފިއެވެ. ދިވެހިރާއްޖެއަށް ނިސްބަތްވާ އެންމެހާ ޓީޗަރުންގެ ފަރާތުން ބޭއްވި މިބައްދަލުވުމަކީ ޓީޗަރުންނަށް ލިބޭ އުޖޫރައިން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ދަތިވެފައިވާތީ، މުސާރަބޮޑުކޮށްދިނުން އެދި ސަރުކާރަށް ދަންނަވާވެސް އެއްވެސްކަހަލަ ޙައްލެއް ނުފެނިގެން މިކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކުރާނެކަމެއް ކަނޑައެޅުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ޓީޗަރުން ނިންމާފައިވަނީ އެމީހުންގެ މުސާރަ ބޮޑުކޮށްނުދޭނަމަ އަންނަ ޖުލައިމަހުގެ 1ވަނަދުވަހުން ފެށިގެން ޓީޗަރުންގެ އެދުން ފުއްދަވާ ދެއްވަންދެން ޚިދުމަތަށް ނުނުކުމެ ގޭގައި މަޑުކުރެއްވުމަށެވެ.
ދުވަހުން ދުވަހަށް ރާއްޖޭގައި ތަކެތީގެ އަގާއި ޚިދުމަތުގެ އަގު އުފުލެމުންގޮސް މިއަދު ދިވެހި ރައްޔިތުން ތިބީ ހަދާންގޮތް ހުސްވާހިސާބުގައެވެ. ބައެއް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ހިތުހުރި ވަރަކަށް މުސާރަ ބޮޑުކޮށް ރައީސް މައުމޫނުގެ ރިޔާސީ ކެމްޕޭންއަށް ގެންދަވަނީ މަގުފަހި ކުރައްވަމުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ، އަތޮޅުވެރިން، ކަތީބުންގެ މުސާރަ އިންތިހާއަށް ބޮޑުކޮށްފައިވެއެވެ. ޤައުމު ބިނާކުރުމުގެ އެންމެބޮޑު ޒިންމާއެއް އުފުއްލަވާ ޓީޗަރުން މަހަކު ހަތަރުވަރަކަށް ހާސް ރުފިޔާ ލިބިގެން ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދު ކުރެވޭނެ ގޮތެއްނޯންނަތާ ދުވާލުދާ ހަތަރުދަމުގެ ގިނަވަޤުތު ހުސްވެގެން ތިބެޖެހެނީ އެމީހުންގެ ދާއިރާއަށް ހުސްވެގެނެވެ. ޓީޗަރުންނަކީ އިތުރު ވަޤުތަކަށް މުސާރައެއް ލިބޭ ބަޔަކަށްނުވެއެވެ.
މިއަދު މާލޭގައި ވަރަށް ޚާއްޞަކޮށް ދިރިއުޅެމުންދާ ގިނަމީހުން ނަކީ ދިރިއުޅެންޖެހޭ ކޮޓަރިވެސް ކުއްޔަށް ހިފައިގެން އުޅެންޖެހޭ ބަޔަކަށްވާއިރު ރަނގަޅު ފެންވަރުގެ އެއްކޮޓަރީގެ އެޕާޓްމަންޓްއެއްގެ އަގުވެސް ދިހަހާސް ރުފިޔާއަށް މިވަނީ އަގުއުފުލިފައެވެ. ހަމައެއާއެކު ހުރިހާކަމަކަށް މާލެ ދަތުރުހަދައިގެން އަންނަންޖެހޭ ރަށްރަށުގައި ދިރިއުޅޭ ޓީޗަރުން ކުރަންޖެހޭ ޚަރަދަކީވެސް މިގޮތުން ވަކިން ކުޑަޚަރަދަކަށް ނުވެއެވެ. ޓީޗަރުންގެ ދުވަހުގައި ސަރުކާރުގެ ފަރާތުން ޓީޗަރުން ވަރުގެ އަގުހުރި، ޓީޗަރުންވަރުގެ މުހިންމުބައެއް ނެތްކަމަށް ހާމަކުރިނަމަވެސް، ޓީޗަރުންގެ އަގަކީ ކޮބާކަމާމެދު ސުވާލު އުފެދޭ ހިސާބަށް ކަންތައްމިވަނީ ގޮއްސައެވެ.
ސްކޫލްތަކުގައި ކިޔަވާ ދިނުމުގެ އިތުރުން ލިބޭ ކުޑަކުޑަ ހުސްވަޤުތު ކޮޅުގައިވެސް ޓީޗަރުންނަށް ޖެހިފައިވަނީ ކޮންމެވެސް ގޮތަކުން އިތުރަށް ފައިސާ ހޯދޭނެ މަގެއް ހޯދަން ޖެހިފައެވެ. ޤައުމުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެބޮޑު ޒިންމާއަދާކުރަންޖެހޭ ޓީޗަރުންގެ ސިކުނޑި ހާސްކަމެއްގައި ވާނަމަ އެބައިމީހުންގެ ފުރިހަމަ ބޭނުން ހިފޭނީ ކޮންފަދައަކުން ބާއެވެ.؟
ޓީޗަރުންގެ ފަރާތުން މިނިންމި ނިންމުމަކީ ގޯސްނިންމުމެއް ނޫންކަމަށް ޢާއްމުންގެ ގިނަބަޔަކު ބުނެއެވެ. ކޮންމެކަމެއްވެސް މިއަދު ނިންމަން މިޖެހެނީ މިފަދަ ޙާލުންނެވެ. މިފަދައިން ޓީޗަރުން ޢަމަލުކޮށްފިނަމަ އޭގެ ގެއްލުން ސަރުކާރަށް ނުފެނުނަމަވެސް، ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ގެއްލުން ލިބޭނެއެވެ. އެހެންނަމަވެސް، މިގޮތުންވެސް ޓީޗަރުންނަށް ލިބިދޭންޖެހޭ ޙައްޤެއް ހޯދަން މިހާރުވެސް މާލަސްވެއްޖެކަމަށް އެތައް ބެލެނިވެރިންނެއް އެއްބަސްވެއެވެ. ޓީޗަރުންގެ މިއަޑު ސަރުކާރުން އަހާނެބާއެވެ؟