ނިމިގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި އިންތިޚާބު ވެގެންދިޔައީ ތަފާތު އެތަކެއް ސަބަބު ތަކަށްޓަކައި އެހެން ޕާޓީތކަށް ނަމޫނާއަކަށް ވެގެން ދިޔަ އިންތިޚާބެއްގެ އިތުރުން ދިވެހިންނަށް އެކަމަކުން ވަރަށްގިނަ ސިޔާސީ އިބުރަތްތަކާއި އެބައިމީހުންތެ މުޖްތަމަޢު އަށް ސިޔާސީ އައު ކަންތަކެއް ތަޢާރަފުވެ އަދި އެކަންތައްތަކުން ރައްޔިތުންނަށް މަޢުލޫމާތުތަކެއް އުނގެނުމަށް ލިބުނު ފުރުސަތްތަކަކަށެވެ.
ދިވެހިރާއްޖެފަދަ ދިގުމުއްދަތެއްގައި ޚުދުމުޚުތާރު ވެރިޔެއްގެ ވަކިގަނޑުގެ ތެރޭގައި އޮތް ތަނެއްގައި އިއްޔެ ވެރިޔާގެ ސިޔާސަތަށް ރައްޔަތަކު ފާޑެއްކިޔުމަކީ އޭނާގެ ފުރާނަޔަށް ބިރަކަށްވެފައި މިއަދު ހަމަ އެވެރިޔާގެ ޒަޢާމަތުގައި އެވެރިޔާއަށް ނަފުރަތުކޮށް ގައުމީޓީވީއިން އޭނާ އޮރިޔާންކުރުންވެސް އެއީ ހަމަޔަޤީނުންވެސް ގައުމަކަށް އަންނާނެ އެންމެބޮޑު ސިޔާސީ އިންގިލާބު ކަމުގައި ނުވެނުދާނެ ކަން ކަށްވަރެވެ.
އަދި ޑިމޮކްރަސީގެ ރޮނގުން ކުއްލިއަކަށް އެއްފަހަރުން ދުނިޔޭގައި އޮތް އެންމެބޮޑު ޑިމޮކްރަސީއާއި އެއްގޮތަށް ޕާޓީގެ ޕްރައިމަރީއެއް ޢާންމުކޮށް ހުޅުވާލައި ބަހުޝްކޮށް އެކަކު އަނެކުންގެ ފަތިފުށް ރައްޔިތުންނަށް އެނގި ރަނގަޅީ ކާކުތޯ ބަލާ ބަހުޝްކުރެވޭނެ ފުރުސަތެއް ލިބިގެންދިޔުން އެއީ އެބަޔަކަށް ޑިމޮކްރަސީގެ ރޮނގުގައި ހާސިލްކުރެވިދާނެ އެންމެބޮޑު އެއް ކާމިޔާބުކަމުގައި ސިޔާސީ ފިލޯސަފަރުންގެ މެދުގައި ދެބަހެއް ނުވާނެއެވެ. އަދި އައުޤާނޫނު އަސާސީ ފާސްވުމުގެ ކުރިން ޑިމޮކްރަސީގެ އެންމެމަތީ ހަރުފަތުގައި މިފަދަ ކަމެއް ރާއްޖެފަދަ ޤައުމެއްގައި ވުން އެއީ މައުމޫނަށް ލިބިގެންދިޔަ މަލާމާތެއްކަމުގައެވެ.
އެންމެ ފުރަތަމަ ޕާޓީތަކުގެ އެތެރޭގައި ބޭއްވޭ އިންތިޚާބުތަކުގެ އަސާސަށް ބަލާލުމުން އެނގެނީ އެއީ ޙަގީގީ ޑިމޮކްރަސީއަކަށް ވަކާލާތުކުރާ ގައުމެއްގައި އުފެދިފާއޮންނަ ސިޔާސީ ޕާޓީތަކުގައި ކޮންމެހެން ހުންނަންޖެހޭނެ ލާޒިމު ސިފައެއްކަމުގައެވެ. އާދެ! އެމްޑީޕީގައި މިބޭއްވުނު އިންތިޚާބަށް ކިޔާއުޅެނީ އިންޓާނަލް ޑިމޮކްރަސީ ނުވަތަ އެތޭރޭގެ ޑިމޮކްރަސީއެވެ. އެހެނީ ޙަޤީޤީ ޑިމޮކްރަސީއެއް ގައުމަކަށް ގެނެވޭނީ އެބަޔެއްގެ އެތެރޭގައިވެސް ޑިމޮކްރަޓިކް ސަގާފަތެއް އޮންނަ ބައެއްކަމުގައި ވުމުންނެވެ. އެމްޑީޕީގެ އެނިންމުގެ ސަބަބުން އެޕާޓީވެގެން އެދިޔައީ ދިވެހިރާއްޖޭގައި އޮތް ޙަގީގީ ޑިމޮކްރަޓިކް ޕާޓީއަށެވެ.
އެއީ ދިވެހިރާއްޖޭގައި އެޕާޓީއެއްގައި ރާއްޖޭގެ ހުރިހާކަންކޮޅެއްގައި ގޮފިތައްހެދި އެތައްހާސް މެމްބަރުންނެއްތިބެ ލީޑަރޝިޕުކަމަށް ޢާންމުކޮށް ކުރިމަތިލައި ސީދާ ގޮތުން ވާދަކޮށް ލީޑަރޝިޕް އަށް މީހުން ޢައްޔަން ކުރެވިފައިވާ އެހެން ޕާޓީއެއް އަދި ނެތުމުންނެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މާކައަވަހަށް އެފަދަ ޢާންމުކޮށް ހުޅުވާލެވިފައިވާ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފެތުރިފާވާ ޕްރައިމަރީ އިންތިޚާބެއްގައި ބައިވެރިވާނެ ޕާޓީއެއްވެސް އޮންނާނެކަމުގެ ކުލަވަރެއްވެސް އަދި ނެތުމުންނެވެ.
ދުނިޔޭގައި މިކަން ތަފާތު ގޮތްގޮތަށް ކޮށް އުޅެއެވެ. ގިނަ ގައުމުތަކުގައި ވަކީން ޚާއްސްކޮށް ބަރުލަމާނީ ނިޒާމުތަށް އޮންނަ ޤައުމުތަކުގައި މިކަން ކޮށް އުޅެނީ ޕާޓީގެ އިސް މަގާމުތަކުގައި އުޅުއްވާ ބޭފުޅުންގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބައެއް ގައުމުތަކުގައި ޕާޓީގެ މައި ބޮޑު އެއްވުމުން މެމްބަރުން މީހަކު ހޮވަނީއެވެ.
މިކަމުގައި އެންމެ ކުރިއަރާފައިވާ އެމެރިކާގައި އޮންނަނީ ރާއްޖޭގައި މިބޭއްވުނުފަދަ މެމްބަރުންގެ ސީދާ ވޯޓަކުން ނަމަވެސް ސުޕަ ޑެލިގޭޓުންގެ އާނ ބަހެއް ލިބިގެނެވެ. މިހެންވުމުން މެމްބަރުން ބޭނުންނުވާމީހާ ސުޕަޑެލިގޭޓުންނަށް އައްޔަންކުރެވިދާނެއެވެ. މަޢުނަޔަކީ ދިވެހިރާއްޖޭގައި މިބޭއްވުނު ޕްރައިމަރީއަކީ މާރަނގަޅު ނިޒާމެއްކަމުގައެވެ. އެއީ މެމްބަރުން ވަކިގޮތެއް ކަނޑައެޅުމަށްފަހު ޕާޓީގެ ބޮޑުންނަށް އެނިންމުމާއި އިދިކޮޅަށް ކަމެއް ނުނިންމޭކަމެވެ.
ކޮންމެއަކަސް، އެމެރިކާގެ މިނިޒާކުގައި ނުވަތަ ރާއްޖޭގައިވެސް މިބޭއްވުނު ޢާންމުކޮށް ހުޅުވާލެވިފައިވާ ބަޙުސައް ބިނާވެފައި އޮންނަ ވާދަވެރި ތަމްޙިދީ ނުވަތަ ޕްރައިމަރީއެއްގެ ގިނަ އެތައްބައިވަރު ކަންތަކެއް ހުންނައިރު ބިރުބޮޑު އެއްކަމެއް ކުރިމަތި ވެއެވެ. އެއީ ތަމްޙީދީ މަރުޚަލާގައި ވާދަވެރިކަން އިތުރުވި ވަރަކަށް މެމްބަރުންގެ މެދުގައި ބައިބައިވުމުގެ ފުރުސަތުބޮޑުވެ އެކަން ދިގުދެމިގެންގޮސް އިންތިޚާބުގައި ކާމިޔާބުކުރުމަށް ކުޑަނަމަވެސް ހުރަހަކަށް ވެދެއެވެ.
މިހެންވެ ޕާޓީގެ އެތެރޭގެ ނިޒާމުތައް ރާވާއިރު އެފަދަ ކަމަކަށް ފުރުސަތު ނުދިނުމުގެ ގޮތުން ޕާޓީގެ އިސްމެމްބަރުންގެ ގޮތުގައި ގުޅުންބަދަހިކޮށް ބަލިވި މެމްބަރުން " އިއްޒަތްތެރި ކަމާއެކު " ބަލިގަބޫލުކުރައްވައި މޮޅުވި ކެންޑިޑޭޓުގެ ފަހަތުގައި ވަރަށް ސާބިތު ކަމާއިއެކު ހުރުމަށް ލާޒިމްކުރެއެވެ. އަދި މިކަން ކުރާނެކަމަށް ކެންޑިޑޭޓު ކެމްޕޭން ފެށުމުގެ ކުރިން ސްޓޭޓްމަންޓެއްގައި ސޮއިކުރައްވާ ޕާޓީއަށް އެޔަޤީންކަން އަރުވަންޖެހެއެވެ.
ކޮންމެޔަކަސް މިހާރު އެމްޑީޕީ އެޙާސިލުކުރި މަރުހަލާއިން އެނބުރެން ދެން އޮތީ ވަރަށް މުހިންމު ގޮންޖެހުންތަކަކާއި ކުރިމަތި ލުމެވެ. އެއީ އެޕާޓީގެ އެތެރޭގެ އޮނިގަނޑު އަލުން އަތުރާލައި ކުރިޔަށް އޮތް އިންތިޚާބުތަށް ފުރިހަމަގޮތުގައި ކާމިޔާބުކުރުމަށް ރޭވުންތައްރާވައި ސިޔާސަތުތަށް މުތޯލިޔާކޮށް ރައްޔިތުންގެ މަގުބޫލުކަން ހޯދުމެވެ. އެޕާޓީއަކީ ރާއްޖޭގައި އޮތް އެންމެބޮޑު ޕާޓީއަށްވާއިރު އަދި އެޕާޓީގެ އެތެރޭގައި ފަރުދާގެ ފުރަގަހުގައި ފަންނީ ވަރަށްގިނަ ބޭފުޅުންތަކެއް ތިބިކަމީ އެޕާޓީއަށް އެފަދަ ގޮންޖެހުންތަކާއި ކުރިމަތިލެވޭނެކަމުގެ އެންމެބޮޑު ދަލީލެވެ. މިކަން ކާމިޔާބުކަމާއި އެކު ކުރުމަށްޓަކައި އެޕާޓީއަށް ބޭނުންވަނީ އެފަދަ ދުނިޔޭގެ އެހެން ޕާޓީފަދައިން ކެތްތެރިކަމާއި ހަރުދަނާ ލީޑަރޝިޕްއެކެވެ.
މިފަދަކަންތަކުގެ ވައްޓަފާޅި އޮންނަނީ މެމްބަރުން ވަކިބަޔަކު އައްޔަންކުރުމަށްފަހު ޕާޓީގެ ޙައްގުގައި ދެންތިބި ހުރިހާ މީހުން ވަރަށް ސާބިތުކަމާއި އެކު ތިބެ އެ ހޮވިވަޑައިގެން ބޭފުޅުންނާއި އެކު ކުރިޔަށް ދިއުމެވެ. ޑިމޮކްރަސީއޭ ބުނެ ވަކާލާތުކުރާ އެއްވެސް މީހަކަށް އެ އައްޔަންކުރެވުނު މީހުންނަކީ ކާމިޔާބުގެ ޙައްގުވެރިންނެކޭ ނުބުނެވޭނެއެވެ. ޙަޤީޤީ ކާމިޔާބުވެރިންނަކީ އެބަޔަކު އެއައްޔަންކުރި ބަޔަކު ބޭނުންކޮށްގެން މަދުވަސީލަތްތަކާއިއެކު އެޕާޓީ ވެރިކަމަށް ގެންނަމެމްބަރުންނެވެ.
މިގޮތުން ޕާޓީގެ މެމްބަރުން އެނިންމެވި ނިންމުން ހެޔޮގޮތުގައި ބަލައިގަނެ ރިޔާސީ ކެންޑިޑޭޓް އަންނި އާއި އައު ޗެއަރޕާސަން މާރިޔާ އާއިއެކު ޕާޓީގެ އެންމަހާ މެމްބަރުން އެކަތިގަނޑަކަށްވެ އަމިއްލަ ދަހިވެތިކަންދޫކޮށްލައި އެކުގައި މަސައްކަތް ކޮށްފިނަމަ ދެންކުރިމަތިވާ ހުރިހާ އިންތިޚާބެއްވެސް އެމްޑީޕީއަށް ކާމިޔާބު ކުރުމަކީ މާއުނދަގޫ ކަމަކަށް ނުވާނެއެވެ.