ފުލުހުންނާ ސިފައިން ގެތެރެއިން ރަނގަޅު ނުރަނގަޅު މިއީ އަކީ އަޅާ ކިޔޭނެ އެއްޗެކޭ އަޅުގަނޑު ދަންނަވާ ހިތެއް ނުވެއެވެ. ފުލުހުންގެ އިދާރާ އާއި ސިފައިންގެ އިދާރާއަކީ ތަފާތު ދެގޮތަކަށް ޙަރަކާތްތެރިވާ މުޅިން ވަކި ދެ މުއައްސަސާއެކެވެ. ފުލުހުންނަށް ދެވޭ ތަމްރީނާ ސިފައިންނަށް ދެވޭ ތަމްރީނަކީވެސް ވަރަށް ތަފާތު ތަމްރީނު ތަކެކެވެ. ދިވެހި ރާއްޖޭގައި ފުލުހުން 'ގޯސް'ވެފައި 'ސިފައިން' ރަނގަޅުވަނީ ވަކި ކޮންގަތަކުން ބާއެވެ.
ސިފައިންނާއި ފުލުހުން ވަކި ނުވެ އޮތްދުވަސްވަރު މުޅިޤައުމުގައި އޮތީ ހުސް ސިފައިންގެ މީހުންނެވެ. ދިވެހި ރައްޔިތުންނަށް އެއިރު އަނިޔާވެރިވީކަމަށް ވާނަމަ އެއީވެސް ސިފައިންކަމުގައި ބުނެވިދާނެއެވެ. އީވާން ނަސީމް މަރާލާ ޖަލުގައި ބަޑިޖެހީވެސް ސިފައިންނެވެ. މިޙާދިޘާގައި ލިބިގެންދިޔަ އަނިޔާތަކުގެ ޒިންމާ އުފުލަން ތިބީވެސް ސިފައިންނެވެ.
ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ސިޔާސީ ޙަރަކާތްތަކެއް ސީދާ ފެށިގެން މިދިޔައީ ފުލުހުންނާ ސިފައިން ވަކިކުރެވިފައިވަނިކޮށެވެ. އެގޮތުން މާލޭގެ މަގުތަކުގައި ރައްޔިތުން އިހުތިޖާޖު ކުރުމުގެ ގޮތުން ބޭއްވި މުޒާހަރާތަކަށް ހުރަސް އެޅުމަށް ފުލުހުން ނުކުމެ އެތައެްބަޔަކަށް އަނިޔާވެރިވީކަމަށް ރައްޔިތުން ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ހަނދާން ނައްތާލެވެން ނެތްކަމަކީ މިގޮތުން އެއްވި އެއްވުންތަކަށް ހުރަސް އެޅުމަށް ސިފައިންވެސް ނުކުމެ ޙަރަކާތްތެރިވެފައިވާކަމެވެ. ފުލުހުން ބޭނުންކުރި ކަރުނަގޭސް ނުވަތަ ޕެޕަރ ސްޕްރޭ ނޫނީ ކަރަންޓު މުގުރުތަކަށްވުރެ ނޫނީ އަޅައިގެން ތިބި ވަރުގަދަ ހެދުމަށްވުރެ ސިފައިންގެ ބިރުވެރިކަން ކުޑަވަނީ ކޮންހަމައަކުން ބާއެވެ.
ސިފައިން ވެސް ނުކުމެތިބީ ފުރިހަމަ ތައްޔާރީގައެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ފުލުހުންނަށްވުރެ ސިފައިންގެ އަތުގައި ހުރި ހަތިޔާރުގެ ބާރުގަދަވެފައި ބިރުވެރިކަމެވެ. މީގެ ހެއްކަކަށް 29 މެމްބަރުން ވަކިކުރަން ގޮވާލާ އެމް.ޑީ.ޕީއިން ކުރި މުޒާހަރާ ހަނދުމަކޮށްލައްވާށެވެ. އެރޭ ރައްޔިތުންގެ މަޖިލިސް ކުރާގޭދޮށުގައި ސިފައިން ތައްޔާރުވެތިބީ ފުރިހަމަ ހަތިޔާރާއެކު ހަނގުރާމައަކަށްވެސް ތައްޔާރުވާނެ ފަދައިންނެވެ. ޓޭންކަރަށް ދަންދެން ނެރެގެނެވެ. މީގެ ފަހަތަށްވެސް ޖެހިލާނަމެވެ. ނޮވެމްބަރު 10އަކަށް ބަޔަކު މާލެ އަތުވެދާނެތީ ތައްޔާރުވަމުންދިޔަގޮތް ހަނދުމަނެތިދާނެތޯއެވެ.
އެފަހަރު ކަނޑުމަތިން ދަތުރުކުރަމުންއައި ދޯނި "ނަމޫނާ" އަތުލައިގަތުމުގައި ރާއްޖޭން ބޭރުންވަދެގެން އުޅޭ ވަގުމަސްބޯޓެއް ހިފެހެއްޓުމަށްވެސް ސިފައިން މަސައްކަތް ނުކުރާވަރަށް އަނިޔާވެރި މަސައްކަތްތަކެއް ނުކުރޭ ހެއްޔެވެ. ކުށެއް ނުކުރާ އެތައް ބަޔެއް 'ކަނޑުފޭރޭ" އުޞޫލުން ވަގަށް ނަގައިގެން ޖަލުގައި އެތައް ދުވަސްތަކެއް ގެންގުޅުމުގައި ސިފައިންގެ ރޯލް ވަކިން ކުޑހެއްޔެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ފުލުހުން 'ގޯސް' ކޮށްފައި 'ސިފައިން' ރަނގަޅުބަޔަކަށް ހަދައިގެން ލިޔެފައި ހުންނަ ލިޔުމަކީ ކަމުގެ ޙަޤީޤަތެއް ނޫނެވެ. ފުލުހުންނަށްވުރެ ސިފައިންނަށް ވަކިން ރަނގަޅުވެވޭނެ ގޮތަކީ ކޮބައިތޯއެވެ. އާދަން ޒާހިރު ވިޔަސް ޓޫޓޫ ޒާހިރު ވިޔަސް ދެމީހުންނަކީވެސް މިލިޓަރީ ތަމްރީން ހޯދައިގެން އެކައްޗެއްގެ ގޮތުގައި އެއްމަރުކަޒެއްގައި އެއް ހަމައެއްގައި ވެރިކަން ކުރަމުން ދިޔަ ދެމީހުންނެވެ. ފުލުހުންނާ ސިފައިން ވަކިކުރެވުނުކަން އެކަންޏެވެ. ދެ މުއައްސަސާއަކަށް ބައިކުރެވުނު ހިނދު މި ދެވެރިން ދެބައިގައި އިސްކުރެވުނީއެވެ.
މިއަދާ ހަމައަށްވެސް ފުލުހުންގެވެސް އަދި ސިފައިންގެވެސް ވެރިއަކީ ރައީސް މައުމޫނެވެ. ފުލުހުން ރައްޔިތުންނާ ކުރިމަތިލާންޖެހެނީވެސް އެމީހުންގެ ވެރިން އެމީހުންނަށް އެކަން ކުރަން އެންގީމައެވެ. ސިފައިންވެސް ކަންކުރަނީ އެމީހުންނަށް އެމީހުންގެ ވެރިން ކަންކުރަން އަންގާގޮތަށެވެ. ތަފާތަކީ ފުލުހުންނަކީ ރައްޔިތުންނާ ޢާއްމުކޮށް މުޢާމަލާތު ކުރަންޖެހޭ ބަޔަކަށްވާކަމެވެ. ރަނގަޅު ވާހަކައެކެވެ. ފުލުހުންނަކަށް އެމީހުން ގެ ދާއިރާގައި ކަންކުރަންވީ ގޮތަށް ކަންކުރެވިފަކައިނެތެވެ. އެމުއައްސަސާ ވަނީ ފެއިލްވެފައެވެ. މާލޭގައި އަމަން އަމާންކަން ގެއްލިގެނ ްދިޔަ ދިއުމަކީ މީގެ ސާފު ހެއްކެކެވެ. އެހެންނަމަވެސް މީގެ ޒިންމާ އުފުލަންވީ ހަމައެކަނި ފުލުހުންނެއް ނޫނެވެ.
އާދަން ޒާހިރުއެކަންޏެއްވެސް ނޫނެވެ. އިސްމާޢިލް ޝަފީޢުވެސް އަދި ޢަބްދުﷲ ކަމާލުއްދީނުވެސް މިޒިންމާ އުފުލަންޖެހެއެވެ. އެއަށްވުރެ ބޮޑަށް މައުމޫނު ޢަބްދުލް ޤައްޔޫމްވެސް މިޒިންމާ އުފުލަންޖެހެއެވެ. ފުލުހުންނަށް އެއްކަމެއްވެސް ނުވާކަން ދައްކަން ސިފައިން މަގުތަކަށް ނެރުނެއްކަމަކު ޗާޓުގެ ދެކޮޅުގައިވެސް ހަމަ އިނީ މައުމޫނެވެ. ތެދުޤަބޫލު ކުރާ ސިކުނޑިއަކުން ވިސްނައިފިނަމަ ޤަބޫލުކުރެވޭނެ ހަޤީޤަތަކީ ދެބައިމީހުންގެވެސް ފެއިލިއަރގެ އަސްލަކީ މައުމޫނުކަމެވެ. ޢާއްމު ގޮތެއްގައި ފުލުހުން ނުކުމެ ރައްޔިތުންނާ ކުރިމަތިލާންޖެހުމުން ރައްޔިތުންގެ ނަފްރަތުގެ ޝިކާރައަކަށް ހުރިހާ ފުލުހުން ވެގެންދިޔައީއެވެ. ސިފައިން ގިނައިން ފެނިފައިވަނީ ތަނެއް ރޯވެގެން އެތަން ނިންވާ ހަދައިދޭ ބައެއްގެ ގޮތުގައެވެ. ނޫނީ ކަނޑުވެގެން އުޅޭ ބަޔަކު ސަލާމަތްކުރާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން ސިފައިންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވެފައި ނުވަނީއެވެ.
ސިފައިނަށްވެސް އެމީހުންނަށް ޙައްޤު ޤަދަރާއި ޝަރަފު މިޤައުމުގައި ލިބިފަކައިނެތެވެ. އެމީހުންގެ ކުރިއެރުމާ އެމީހުންގެެ ކުރިމަގަށް ރަނަގޅު ލަނޑުދަނޑިތަކެއް ފެނިފަކާނެތެވެ. ރާއްޖޭގެ ދިފާޢުގައި ތިބި ސިފައިންނަކީ މުޅި ޤައުމު ބަލަހައްޓަންޖެހޭ ބައެކެވެ. ދިމާވެދާނެ ކުއްލި ޙާދިޘާއަކަށް ތައްޔާރުގައި ތިބެންޖެހޭ ބައެކެވެ. ރާއްޖެ ހިމެނޭ މުޅި ސަރަޙައްދުގައި ތާއަބަދު ފޯރިމަރަންޖެހޭ ބައެކެވެ. އެހެންނަމަވެސް ރަނގަޅު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއްވެސް މިވަނީ އެބައިމީހުންނަށް ސަރުކާރުން ހޯދައި ނުދެވިފައެވެ.
ވައިގެ މަގުން ދަތުރުކުރުމަށް ނޫނީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ނޫނީ ދިމާވެދާނެ ކުއްލި ޙާލަތެއްގައި ރާއްޖޭގެ އެކިހިސާބުތަކުގައިވާ ރަށްރަށަށް ދަތުރުކޮށްލާނެ ހެލިކޮޕްޓަރު ގަނޑެއްވެސް ސިފައިންނަށް މިއަދާ ހަމައަށްވެސް އެވަނީ ނުލިބިއެވެ. ފުލުހުންނަކަށްވެސް ފުރިހަމަ ފުލުހުންގެ ވާޖިބްތަކެއް އަދާކުރުމުގެ މަގެއް ފަހިވެފަކައިނެތެވެ. ފުރިހަމަ ތަމްރީނާ ތަރުބިއްޔަތެއްވެސް ލިބިފަކާނެތެވެ. ލިބޭ މުސާރައާ އިނާޔަތްތައް ހިތްހަމަޖައްސާލެވޭވަރުވެއެވެ.
'ގޯސް' 'ރަނަގޅު' މިމިންގަނޑުން ދެބައިމީހުންވެސް ތަފާތުކޮށް ޙަސަދަޔާއި ނަފްރަތުގެ ޝިކާރައަކަށް މިދެބައިމީހުން ހެދުމުގެ ބޭނުމެއްނެތެވެ. ރައްޔިތުންގެ ނުރުހުމާ ރުޅިވެރިކަމުގެ ޝިކާރައަކަށް މިދެބައި މީހުންވެސް ވާނަމަ އެވަނީ އެމީހުންގެ ވެރިންެގެ ސަބަބުންނެވެ. ޙަޤީޤަތުގައި ފެނިގެން މިދަނީ ޤައުމުގެ ވެރިކަމުގައި ބަގުޑި ބައްދަންވެގެން ހުރިހާބާރެއް އަމިއްލައަށް ބައްކޮށްގެން މީހަކު އިންނަންވީމާ ވާނެގޮތެވެ.