ނިމިގެންދިޔަ އެމް.ޑީ.ޕީގެ ޕްރައިމަރީ އަކީ، އިއްޔެގެ ދިވެހިރާއްޖެ ދެކެފައިނުވާ، އަދުގެ ދިވެހި ދިވެހިރާއްޖެ ހެކިވި އަދި މާދަމާގެ ދިވެހިރާއްޖެ އެކަމަކަށް ތަޢުރީފުކޮށް ތާރީޚުގައު ރަންއަކުރުން ލިޔެލާނެ އެންމެބޮޑު އެއް ސިޔާސީ ޙަރަކާތްކަމުގައި ވާނެއެވެ. ސިޔާސީ ފިކުރުގައި ތިބި މަދުބަޔަކު ނުކުމެ ކުރަންފެށި ބުރަ، އުނދަގޫ މަސައްކަތެއްގެ ކާމިޔާބީއެއްކަމުގައި ވާނެއެވެ.
މިއަދު މިދެކޭ ބަދަލުތަކަކީ އިއްޔެ ދިވެހިންނަށް ޤަބޫލުކުރަން ދަތިވި ކަންކަމެވެ. ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ވެރިކަން ކުރަމުން އައި ޚުދުމުޚުތާރުކަން ނައްތާލާ ރައްޔިތުންގެ ވެރިކަމެއްކުރާ ދިވެހިރާއްޖެއަކަށް މިތަން ހަދާނަމޭ ބުނާބަޔަކީ މޮޔައިންކަމަށް އިއްޔެ ދުށްނަމަވެސް މިއަދު މިވާހަކަތައް ދައްކަނީ ހަމަ ޙަޤީޤަތަށްކަމަށް ދިވެހި ރައްޔިތުން ޤަބޫލު ނުކުރާންވީ އެއްވެސް ސަބަބެއް މިހާރަކުނެތެވެ.
އެމް.ޑީ.ޕީ އުފެދިގެން މިއަދާހަމައަށް އައިއިރު އެމް.ޑީ.ޕީއަށްވުރެ ބޮޑަށް އަދުގެ ސަރުކާރަށް ގޮންޖަހާލަންކެރުނު ސިޔާސީ ޕާޓީއެއް ނެތްކަން ޤަބޫލުނުކުރާނެ އެއްވެސް ރައްޔިތަކު ނުހުންނާނެއެވެ. އެމް.ޑީ.ޕީ ދިވެހިޖައްވަށް ނޭވާލީއްސުރެ ކުރަމުން އައިމަސައްކަތުގެ ނަތީޖާ މިއަދު ދިވެހިންނަށް މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ރައްޔިތުންނަށް ޖަވާބުދާރީނުވާ، ރައްޔިތުންގެ ބާރެއް އަމުދުންނެތް، އަނިޔާވެރި، އަޅުވެތިކޮށްގެން އިންސާނުން ގެންގުޅުމުގެ ސިޔާސަތެއްގެ ދަށުން ރައްޔިތުން ފިއްތައިގެން އުޅުނު ޚުދުމުޚުތާރު ވެރިކަމެއް ނެތިކޮށްލުމަށް އެމް.ޑީ.ޕީ ވެފައިވާ ޤުރުބާނީ ގެ ވާހަކަތައް ދިވެހިރައްޔިތުންގެ ދުލުން ޖީލުތަކަކަށް ރައްދުކޮށްދޭނެއެވެ. މިފަދަ ޚުދުމުޚުތާރު ވެރިކަމެއް ނިންމުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގެ ޤާބިލުކަމާ ހުނަރުވެރިކަން އެމް.ޑީޕީގެ ކިބައިގައިވެއެވެ.
ސިޔާސީ ޕާޓީތައް އުފެދި ސިޔާސީ މީހުން އިތުރުވެ ވެރިކަމަކީ ވަކިމީހެއް، ވަކިދަރިކޮޅެއް، ވަކި ރަށެއްގެމީހަކަށް ލިޔެވި، ވެދުމަށް އަރުވާއެއްޗެއްނޫންކަން މިއަދު ދިވެހިން ޤަބޫލުކުރާނެއެވެ. އިއްޔެ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުން ރެޖިސްޓްރީވާން ނުކެރި ބިރުންތިބި ދިވެހި ރައްޔިތުން މިއަދު އިދިކޮޅު އެންމެވަރުގަދަ ޕާޓީއާ ގުޅުމަށް އެދި ސޮއިކުރާކުރުމަކީ ދިވެހި ރައްޔިތުން ގެ އިޙުސާސްތައް އެންމެ ފުރިހަމައަށް ދަންނަނީ އެމް.ޑީ.ޕީކަން ކަށަވަރުވާކަމެވެ.
ނިމިދިޔަ އެމް.ޑީ.ޕީގެ ޕްރައިމަރީސްގައި ވޯޓުލެވޭގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އެމް.ޑީ.ޕީގެ މެމްބަރުންކަމަށް ޞައްޙަކޮށްފައިވާ ވިހިހާސް ނުވަސަތޭކަ ރައްޔިތުންނަމަވެސް މިޢަދަދު މިއަށްވުރެ މާގިނަވާނެކަން ދޭހަވަނީ، އެޕާޓީގެ މެމްބަރުންގެ ގޮތުގައި ސޮއިކޮށްފައިވާ ގިނަޢަދަދެއްގެ މެމްބަރުންގެ ނަންތައް އެލިސްޓުގައި ނެތުމުގެ ސަބަބުން ވޯޓުލާން ޙާޟިރުވި އެތައް ބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ނުލިބުނީތީއެވެ. މިހާތަނަށް އެމް.ޑީ.ޕީގައި ތިބީ މަދު ޢަދަދެއްގެ ދިވެހިރައްޔިތުން ކަމަށް ސަރުކާރުން ބުނަމުން އައިބުނުމަކީ ކިހާވަރެއްގެ ދޮގެއްކަން ވަރަށް ރީތިކޮށް މިވަނީ ފާޅުވެފައެވެ.
މިސިޔާސީ ޙަރަކާތުގެ އެންމެ އިސްމީހަކީ 'އަންނި' އެއް ނޫނޭ މީހަކު ބުނިނަމަވެސް، ޙަޤީޤަތަކީ މި ޙަރަކާތް މިއަދު މިއޮތް މަރުޙަލާއަށް އަންނި ނެތްނަމަ ނުގެނެވުނީސްކަމެވެ. އެމް.ޑީ.ޕީ އުފެދި މިވޭތުވެދިޔަ ދެތިން އަހަރުތެރޭގައި މިދެކޭ ބަދަލު ގެނައުމުގެ ކްރެޑިޓް އަންނިއަށް ނުދީ ދެވޭނެ އެހެންމީހަކުވެސް ނެތެވެ. އެމް.ޑީ.ޕީގެ މެމްބަރުންގެ ލޯބި އަންނިއަށް ލިބިފައިވާކަމާމެދު އަލަކުން ދެން ކުރާނެ ޝަކުވާއެއް މި އިންޠިޚާބަށްފަހު އޮވެގެން ނުވާނެއެވެ. އަންނިއަށް މި ޕްރައިމަރީސްގައި ލިބުނު ފުރިހަމަ ކާމިޔާބީއަކީ ވަކި ރަށެއްގެ ރައްޔިތަކަށްވެގެން ލިބުނު ކާމިޔާބެއްނޫންކަން ވަރަށް ރަނގަޅަށް މިއޮތީ ފެންނާށެވެ.
މާލެއެއް، އައްޑުއެއް، ހުވަދުއެއް، ބޮޑުތިލަދުންމައްޗެއް، ފާދިއްޕޮޅެއް ކިޔުމުގެ ބޭނުމެއްނެތެވެ. އެމް.ޑީ.ޕީގެ ފައިތިލަ ޖެއްސި ކޮންމެ ދިމާއަކުންވެސް އަންނިއަށް ބޭނުންވާކަން މިޕްރައިމަރީސްއިން ކަށަވަރުވެގެން ހިނގައްޖެއެވެ.
އަންނިއަށް ލިބިގެންދިޔަ އެމް.ޑީ.ޕީގެ މެމްބަރުންގެ ލޯތްބާ އިޙުތިރާމް ގެ އިތުރުން މުޅިދިވެހިރައްޔިތުންގެ އެތައްބައެއްގެ ލޯތްބާއި އިޙުތިރާމް މި ޕްރައިމަރީސްގައި ކުރެވިގެންދިޔަ ކެމްޕޭންއިން ފެނިގެންދިޔައެވެ. ޑިމޮކްރަސީގެ ރީތި މިޘާލެއް ދައްކުވަމުން މި އިންތިޚާބު ނިމިގެންދިޔައިރު އަންނި އެމް.ޑީ.ޕީގެ މެމްބަރުންނަށް ދެއްވި މެސެޖް އެއްވެސް މެމްބަރަކު ހަނދާންނައްތާލައިގެން ނުވާނެއެވެ.
އެމް.ޑީ.ޕީގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރި މީހުންގެ މަސައްކަތް ނާކާމިޔާބު ކޮށްލާ ޑިމޮކްރަސީއަކީ ކޮބައިކަން މި ޕްރައިމަރީސްގައި ދެއްކިފަދައިން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދައްކާނެކަމުގެ ޔަޤީންކަމާއެކު އެމް.ޑީ.ޕީގެ އިސްލީޑަރުންނަކީ ވަރުގަދަ، ހެޔޮ ނިޔަތެއްގައި ތިއްބެވި ޤައުމަށް ހެޔޮބަދަލެއް ގެނެވޭފަދަ ޤާބިލްބައެއްކަން ކަށަވަރުކޮށްދެއްވައފިއެވެ.
މިޕްރައިމަރީސް ނިމުނީއެވެ. ރިޔާސީ ކެންޑިޑޭޓަކުވެސް ހޮވުނީއެވެ. އަންނި އަށް މަރުޙަބާއެވެ. އެމް.ޑީ.ޕީގެ އެންމެހާ މެމްބަރުން ކުރަންއޮތް އެންމެބޮޑު މަސައްކަތް އަދިކިރިޔާ ތިޔަ ފެށުނީއެވެ. ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރަން ފަށައިގަންނަންވީއެވެ. 2008ވަނައަހަރުގެ ރިޔާސީ އިންޠިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ނުހަނު ގިނައެވެ.
ހިތުގައި ޝަކުވާއެއް އޮތިއްޔާ އެވެސް ދޫކޮށް އެންމެން އަތުގުޅާލާށެވެ. މުޅި ޤައުމުގައި ރަންރީނދޫކުލައިގެ ދިދަތައް ވިހުރާލާށެވެ. ކާމިޔާބަކީ މަސައްކަތްކުރާ މީހުންގެ އެއްޗެކެވެ. ތެދުވެރިންގެ އެއްޗެކެވެ. އިޚުލާޞްތެރިންގެ އެއްޗެކެވެ.