ކިލޯކިލޯއިން އެއޮތްގެން ގެންދަނީއެވެ. ޓީވީއިން ޚަބަރުގެ ގަޑި ފަޅުފިލުވާލަދެނީ ޤައުމު މިއަދު ވެއްޓިފައި އޮތް ދަށުދަރަޖައިގެ ޙާލަތު ދައްކުވައިދެމުންނެވެ. ޤައުމުގެ ޙާލަތަށް އައި ބަދަލު ޤައުމުގެ ތަރައްޤީއަކީ މިއީ ކަމަށް މީހުން ތަންތަނުގައި އެދައްކާވާހަކަ އަކީ ތެދެއްކަން މިއަދު ޤަބޫލުކުރަންޖެހެއެވެ. 30އަހަރުގެ ޒަމާނީ ތަރައްޤީ ހަމަ ޙަޤީޤަތުގައިވެސް މިހިރަ ދަނީ ދިވެހި ރައްޔިތުންނަށް އެނގިފާޅުވަމުންނެވެ. މިކަހަލަ ކިތައްކަންތައް އަދި ފޮރުވިފއިވާނެހެއްޔެވެ.
މިވަރުގެ އަޚުލާޤީ ގޮތުން ދަށުދަރަޖައަކަށް ވެއްޓިފައި އޮތް ސައްތަ އިން ސައްތަ އިސްލާމް ޤައުމެއް މިދުނިޔެމަތީގައިވެސް ނުވާނެއެވެ. މަސްތުވުމުގެ ވަބާގައި ޖެހި ޤައުމު ހަލާކުވެގެންދިޔައިރު އަޅާވެސް ނުލާ ބަޔަކު މީހުންގެ ޖީބަށް ބަރުކޮށް ތިޖޫރީތައް ފުރަންތިބީއެވެ. މިއަދު ނިޞްބަތުން ބަލައިފިނަމަ މަސްތުވުމުގެ ވަބާގައި ރެކޯޑް ޤައުމެއްކަމުގައި ދިވެހިރާއްޖެވާނެއެވެ.
މީގެ ސަަބަބުން ޒުވާނުން މަސްތުވެފައި ތިބީ އެކަންޏެއްނޫނެވެ. ޤައުމުގައި ހިނގާ އެންމެހާ ނޭދެވޭ ކަންތައްތަކެއްގެ ފަހަތުގައި މިވަބާ ވެނިމިއްޖެއެވެ. މާލޭގެ މަގުމަތީގައި ތޫނު ހަތިޔާރާއި ދަނގަޑުބުރި ތަކާ ލަޓިބުރިތައް ހިފައިގެން ގޭންގުތައް ހަދާ މާރާމަރީ ހިންގާ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވެ މީހުންމަރާ ހެދުމަކީ ޢާއްމު ބިރުވެރިކަމަށް ވެއްޖެއެވެ. މިއަދި ގޭތެރޭގައި އިންނަމީހާވެސް އިންނަނީ ބިރުން ސިހި ސިހިއެވެ. މަގުމައްޗަށް ނުކުންނަ މީހާ ސަލާމަތުން އެނބުރި ގެއަށް އަންނާނެކަމާމެދު ޝައްކެވެ.
ބުރަމަސައްކަތް ކުރާމީހުން ހޭބޯނާރާ ގުދާރު ބިންދައިގެން މަސައްކަތްކުރަނީ ގޭގައި ތިބި ޢާއިލާއަށް ކާންބޯންދެވޭތޯއެވެ. ދަރިންކޮޅު އުނުއަންދަވައިގެން އުޅެވޭވަރި ވޭތޯއެވެ. ބަލިވީމާ ބޭސްފަރުވާ ކުރެވޭތޯއެވެ. ގޭގެ ކުލި ދެއްކެތޯއެވެ. ފެންބިލާ ކަރަންޓްބިލް ދެއްކޭތޯއެވެ. އަތަށް އަރާ ފައިސާކޮޅުން މީގެން ކަމެއް ކުރެވޭވަރުނުވެގެން އުޅެނިކޮށް ފާޑެއްގެ ޔުނީފޯމެއްގައި ހުންނަމީހަކު އައިސް ކަރަންޓް ފިޔުޒްއެދަނީ ހިފައިގެެނެވެ. އިރުކޮޅަކުން ފެންމީޓަރުގައި އަނެއްބަޔަކު އައިސް ދާނީ ބޮޑުތަޅެއް އަޅުވާފައެވެ.
ގޭގެ ކުލި ކޮންމެގޮތަކުންނަމަވެސް ދައްކަ ދައްކާ އޮއްވާ އެއަށްވުރެ ބޮޑުކުއްޔެއްލިބޭތީ ގޭންނުކުންނަން އަންގާފައި ގޭގެ ވެރިމީހާއެދަނީއެވެ. ވަަންނާނެ ތަނެއް ނެތިގެން ކުޑަކުޑަ ކޮޓަރި ގަނޑެއްގައި ދެމަފިރިންނާއި ދަރިންނާއި އެދަރިންގެ ދަރިން ވެސް އުޅެންވީއެވެ. މިހިރީ މަސައްކަތްކުރިއެއްކަމަކު އާދައިގެ ގިނަދިވެހިން އުޅެންޖެހިފައި އޮތް ނިކަމެތި ހާލެވެ. މިއީވެސް އިންސާނުން އުޅެންޖެހިފައިވާ ގޮތެވެ. އެހެނެއްކަމަކު ހަމަ ކަމެއްނުކޮށް ވަޒީފާއެއްނެތި އުޅޭ ބައެއް ބައެއް މީހުން ކުއްލިިއަކަށް މުއްސަނދިވެ ރީތިކާރުތަކާ އަގުބޮޑު ފްލެޓްތަކުގައި އެތިބަގެން އުޅެނީއެވެ. މިވާގޮތެއެް ނުވިސްނެއެވެ.
ހާސްވެގެން ކަންބޮޑުވެގެން ވެސް ނުކުމެލަން އޮތީ މަގުމައްޗެވެ. އަމާންތަނެއް ނޫނެވެ. އެކަމަކު އެނޫންތަނެއް ކޮބައިތޯއެވެ. ކޮންމެ ގޯޅިއެއްގެ ކަންމަތި އޮންނާނީ ތޮއްޖެހިފައެވެ. ބަންގާޅީންތައް އުތުރި އަރަނީއެވެ. ޖެހިގެން ހުންނަގޭ ކޮޓަރީގައިވެސް މަތިމައްޗަށް ބަރިޖަހާލައިގެން ތިރީސް ސާޅިސް ބަންގާޅިން ނިދަންތިބޭނެއެވެ. މިމީސްމީހުން ގަންނަ ގަނޑުވަކިން ކުޑައެއްނޫނެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ، އެބޭނުންކުރުމާ، ހަށިވިއްކުމުގެ ވިޔަފާރިއާއި މިއީ މިބައިމީހުންގެތެރޭގައިވެސް ހިނގާ ކަންތައްތަކެވެ.
މާރާމާރީ ހިންގުމުގައިވެސް މިމީހުންވެސް ފަހަތަކަށް ނުޖެހެއެވެެ. މިމާލޭގައި ދިރިއުޅޭ ބަންގާޅިންގެ ޢަދަދު ބައްލަވާށެވެ. ޙަޤީޤަތް ރަނގަޅަށް ހޯދާ ބައްލަވާށެވެ. ހަމައެކަނި މި ބަންގާޅިންގެ އާބާދީއަށް ބެލިއަސް މި އާބާދީގެ ސާޅިސް އިންސައްތަ ހަމައެކަނި ހުކުރު ދުވަހު މީހަކު މަދުވެގެން ތިންސަތޭކަ ރުފިޔާ ހަށިވއްކުމުގެ ވިޔަފާރިއަށް ޚަރަދުކުރެއެވެ.
މިޤައުމުގައި މަސްތުވާތަކެތީގެ އިތުރުން ހިނގާ ހަށިވިއްކުމުގެ ވިޔަފާރިއަކީ ކުޑަވިޔަފާރިއެއް ނޫނެވެ. މިވިޔަފާރީގައި ދިވެހިންނާއި ބިދޭސީންވެސް އުޅޭލެއް މަދެއްނޫނެވެ. ދަރިންކޮޅު ބަލަން ފިރިމީހާ ހުރެފައި އަނބިމީހާ ވިއްކާ މީހުންވެސް މިއަދު ބައިވަރެވެ. ޒުވާން ރީތި އަންހެންކުދިންވެސް ފޯނުން އެޕޮއިންޓްމަން ހައްދައިގެން ޚިދުމަތް ދެމުން އެތިބަގެންދަނީއެވެ. ބޭނުންވަނީ ފައިސާއެވެ. މިއީ މިލޮބުވެތި ޤައުމު އަދު އޮތް ޙާލަތެވެ. ވަރަށް ޚާއްޞަކޮށް މާލެ މިއޮތީ ނުބައިވެގެންވީ އެންމެހާ ކަމެއް ފެތުރި ފާފައިގެ ކިއްލާއަކަށް ވެފައެވެ.
މިފަދަ ކަންތައްތައް ބަލާ ހޯދަނީ ކޮންބައެއްބާއެވެ. މިކަހަލަ ވާހަކައެއް ދެއްކީމާ ދެއްކިމީހާ ނުވަތަ މިކަހަލަ ވާހަކައެއް ލިޔުނީމާ ލިޔުނު މީހާ ގޯސްކޮށް އިމުންބޭރުވެ އެމީހަކަށް ދަޢުވާވެސް އުފުލަންވީއެވެ. މީގެން ކަމެއްގެ ޙަޤީޤަތްހޯދާ މިކަން މިގޮތަށް ކުރާބަޔަކު ކުރަނީ ކީއްވެތޯ، މިކަމުގެ ސަބަބަކީ ކޮބައިތޯ، މިކަން ކުރާމީހުން މިކަމާ ދުރުކުރެވޭނީ ކިހިނެއްތޯ ބަލާކަށް ބޭނުމެއްވާ ބަޔަކުނެތެވެ. މިފަދަ ކަންކަން އިޞްލާޙުކުރަން މަސައްކަތް ކުރާކަން ދައްކަން ކޮންމެ ކަމަކާ މަސްތުވާ ތަކެއްޗާ ގުޅުވާ ޓީވީ އާއި ރެޑިއޯއިން ހަތަރު އިރުކާބޭހެއްހެން މިވެނި އެވެނި ތަނަކުން މިވެނި ވަރަކަށް މަސްތުވާތަކެތި އަތުލައިގެން އެވާހަކަ ގޮވީމާ އެވީއެވެ. މަސްތުވާތަކެތީގެ ވަބާއަކީ މިޤައުމުގައި އޮތް އެންމެ ނުބައި ވަބާކަމަށް ޤަބޫލު ނުކުރަނީކީނޫނެވެ. އެހެންނަމަވެސް މިނޫންވެސް މައްސަލަތަކެއް މި ދަށުދަރަޖައަށް ވެއްޓުމުގެ ފަހަތުގައި ވާނެއެވެ.
މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންނަށް އަދިވެސް އަދަބު ލިބިދާނެކަމަށް ޝައްކެވެ. އެމީހުންގެ އަތުގައި މިލިޔަނުން ޚަރަދުކުރާނެ ފައިސާ ހުންނާނެއެވެ. މިފަދަ މީސްމީހުންގެ ދިފާޢުގައި ވަކާލާތުކޮށް ސަލާމަތްކޮށްދޭ ޤާނޫނީ ވަކީލުންވެސް މިޤައުމަށް ހެޔޮއެދޭ ބަޔަކަށް އެބަ ވާންޖެހެއެވެ. ހަމައެކަނި ތިމާމެންނަށް ލިބޭ ބޮޑުލާރިގަނޑަށް ވިސްނައިގެން އުޅުއްވުން ހެޔޮނުވާނެއެވެ. މިމީސްމީހުންގެ ސަބަބުން ހަލާކުވެގެން އެދަނީ ހަމަ މިޤައުމުގެ ދަރީންނެވެ.
މީގެ ސަބަބުން އެންމެބޮޑު ހިތްދަތިކަން އިޙުސާސް ކުރަންޖެހެނީވެސް މާބޮޑު ތަނަވަސްކަމެއް ލިބިފައިނުވާ އާދައިގެ ރައްޔިތުންނަށެެވެ. މިފަދަ އިޖުތިމާޢީ މައްސަލަތައް ބަލާ މިޤައުމަށް ހެޔޮއެދޭ ބަޔަކު އެބަ މަތިކުރަންޖެހެއެވެ. މީގެ ދުވަސް ކޮޅެއް ކުރިޔަށް ބަލާނަމަ ސަރުކާރުން މިކަންކަމަށް އިހުމާލުވާ ވާހަކަ ގޮވާމީހުން ފެނުނެވެ. މިދެންނެވީ ސިޔާސީ ޕާޓީތަކެވެ. އެހެންނަމަވެސް އަދު ސިޔާސީ ޕާޓީތަކުންވެސް މިކަންކަމާ ފިކުރުކުރުން ހުއްޓާލީ ކަމަށް ފެނެއެވެ.
މީގެން ކަމެއްގެ ވާހަކަ ދައްކާނެ ބަޔަކު ނެތެވެ. ޤައުމު އިޞްލާޙު ކުރަން ނުކުމެ ތިބި އެންމެންވެސް އެނބުރި ތިބީ ވެރިކަމުގެ ތަޚުތާ ދިމާއަށެވެ. ހިތާމަ ހުއްޓެވެ. ހަމަ ޙަޤީޤަތުގައިވެސް މިޤައުމުގައި ޤައުމީ އިޚުލާޞްތެރިން ނެތީއެވެ. އެހެންނޫންނަމަ ފާފައިގެ ކޯރެއްގައި ގެނބިގެންދާ ދިވެހި ޤައުމު ސަލާމަތް ކުރެވޭތޯ ބަޔަކު އުޅުނީހެވެ.