އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު އިންޑިޔާގެ ޗެންނާއީއަށާއި ނިޔުދިއްލީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާ ވަޑައިގެންފިއެވެ. އޭނާގެ މިދަތުރުގައި ޕާޓީގެ ނައިބުރައީސް އިބްރާހިމް ހުސެއިންޒަކީއާއި، ޕާލިމެންޓަރީ ގްރޫޕްގެ ރައީސް ހަސަންއަފީފުއާއި ޕާޓީގެ އެމްބެސެޑަރ އަހްމަދު ނަސީމާއި އަދި މީޑިއާ ކޯޑިނޭޓަރ މުހަންމަދު ޒުހެއިރު ބައިވެރިވެ ވަޑައިގަންނަވައެވެ.
ރިޔާސީ ކެންޑިޑޭޓުގެ މިދަތުރުފުޅުގައި ޗެންނާއީ އާއި ނިޔުދިއްލީގައި މަދަނީ ޖަމިއްޔާއަކުން އިންތިޒާމްކޮށްގެންބާއްވާ ދެ ސެމިނާއެއްގައި ތަގުރީރު ކުރައްވާނެއެވެ. އަދި މިދެސެމިނާއަށްވެސް ވަފްދުގެ އިތުރު ބޭފުޅުން، ތަފާތު މައުލޫތަކަށް ވާހަކަދައްކަވާ ކަރުދާސް ހުށަހަޅުއްވާނެއެވެ. މިދެސެމިނާވެސް އަމާޒުކޮށްފައިވަނީ ދިވެހިރާއްޖޭގެ މިއަދުގެ ސިޔާސީ ހާލަތުގެ މައްޗަށެވެ.
މުހަންމަދު ނަޝީދު ނިއުދިއްލީގައި ހޭދަކުރުއްވާ ދެދުވަހު އިންޑިޔާ ސަރުކާރުގެ މަޝްއޫލް ބައެއް ފަރާތްތަކާއި، ސިޔާސީ ބައެއް ލީޑަރުންނާއި، ބައެއް މަދަނީ ޖަމިއްޔާތަކާއި އަދި އަމިއްލަ ވިޔަފާރިވެރިންގެ އެންމެ ނުފޫޒްގަދަ އެއް ޖަމިއްޔާ ކަމަށްވާ ކޮންފެޑެރޭޝަންއޮފް އިންޑިއަން އިންޑަސްޓްރީޒްގެ މަޝްއޫލްވެރިންނާއި ބައްދަލުކުރައްވާނެއެވެ. އޭނާ ނިޔުދިއްލީން ފުރާވަޑައިގަތުމުގެކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެބުރި މާލެ ވަޑައިގަންނަވާނީ ޖުލައިމަހުގެ 12 ވަނަ ދުވަހުގައެވެ.