"އޭނާޔަކީ ކުފޫހަމަވާ މީހެއްނޫނޭ، އޭނާއެއް ޝަރުތެއް ހަމައެއްނުވެއޭ، އޭނާއަކަށް އެކަމެއް ނުވާނެއޭ، އޭނާހުންނަންވީ ވެރިންގެ ވެރިއަކަށޭ، އޭނާއަރައިފިއްޔަކާ ނުފައިބާނެޔޭ، އޭނާއަކީ މޮޔައެކޭ"... މިހިރީ އަންނިއާ ދިމާއަށް އުކާފައިވާ ގަޅިއެވެ. ނަމަވެސް، ޢާއްމު މެމްބަރުން ނިންމީ މިއާ އިދިކޮޅަށެވެ. ނަތީޖާމިއޮތީ އެންމެންގެ ކުރިމަތީގައި ހާމަވެފައެވެ.
އަޣުލަބިއްޔަތަށް ތަބާވެ، ޑިމޮކްރަސީއަށް އެއްބަސްވެ، ބަލިޤަބޫލު ނުކުރެވުނު މީހުން ދެރަވެގެން ނަގޫހިއްލައި ކޮތަރި ތަޅުވަމުން ގޯނިފުލުން ހިނގައްޖެއެވެ. އަންނި އެހެރީ ސާބިތު ކަންމަތީގައެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން އަންނިގެ ޚިޔާލާ ސިޔާސަތު ސަތޭކަ ޕަސެންޓް ބަރާބަރެވެ.
އަންނި، އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީޒަށް ކުރިމަތިލީ، ޗެއަރ ޕާސަން ކަމުން އިސްތިޢުފާ ދެއްވާފައެވެ. ކޮންފްލިކްޓްއޮފް އިންޓްރަސްޓް އޮތުމުގެ ޖާގަނުދެއްވުމަށްޓަކައެވެ. ދެންއޮތީ ކެމްޕޭނެވެ. ކެމްޕޭނުގައި އަންނި އިސްކޮށް ނެގީ ޤައުމީ އިއްތިޙާދެވެ. އޭނާ ރިޔާސީ ކެންޑިޑޭޓަކަށް ހޮވިއްޖެނަމަ އިއްތިޙާދުގެ މޭޒުދޮށަށް ގޮސް އިއްތިޙާދުވާނެކަމަށް ތަކުރާރު ކުރެއްވިއެވެ. ސަބަބަކީ އެމް.ޑީ.ޕީ ދުށްގޮތަށް އިއްތިޙާދު ވިއްކާލުމެއްނޫނެވެ. އިއްތިޙާދު އެންގަނޑަކަށްވެސް ހެދުމެއްނޫނެވެ. ހަމައެކަނި ސަބަބަކީ އިއްތިޙާދުގެ މާހައުލާ އެމް.ޑީ.ޕީގެ ޕޮލިސީއެވެ.
އިއްތިހާދުގެ މާހައުލު އޮތީ ކިހިނެއްބާވައެވެ. އިއްތިޙާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމާޢަތްތަށް އެއްމޭޒުދޮށުގައި އިށީނދެ (މައުމޫނު ބަލިކުރުމަށްޓަކައި) ކަނޑައެޅި، އިއްތިޙާދުން އެއް ކެެންޑިޑޭޓަކުނެރެ، އަންނަ ރިޔާސީ އިންޠިޚާބުގައި (އިއްތިޙާދުގެ ނަމުގައި) ވާދަކުރުމަށެވެ. ނަމަވެސް، އެއްކެންޑިޑޭޓް ނެރެވޭނީ، އެމް.ޑީ.ޕީއިން، ރިޔާސީ ކެންޑިޑޭތަކު ހޮވީމާ ކަމުގައެވެ. (އެހާތަނަށް އަންނި ވަކާލާތު ކުރައްވަމުން އައީ، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުން އަދި ލަސްނުވާކަމުގައެވެ.) އިއްތިޙާދުގައި ހިމެނޭ އެހެން ޖަމާޢަތްތަކުން އޭރުވަނީ، ރިޔާސީ ކެންޑިޑޭޓުގެ މައްސަލަ ނިންމާފައެވެ. އެނިންމި ގޮތެއްގައެވެ.
މިހިސާބަކީ، އެމް.ޑީ.ޕީއަށް ރިޔާސީ ކެންޑިޑޭޓަކު ހޮވަން މަޖުބޫރުވީ ހިސާބެވެ. އިއްތިޙާދުގައި ބައިވެރިވެ ތިބުމަށް ޤައުމީ މަޖިލިހުން ނިންމާފައި ވުމާއެކުގައެވެ. ދެން....ރިޔާސީ ޕްރައިމަރީސް ބޭއްވިއެވެ. "އެކުވެރި ތިން ކެންޑިޑޭޓުން" ގެތެރެއިން ބޮޑުތަފާތަކާއެކު ހޮވުނީ އަންނިއެވެ. އަންނި (ނަމަވެސް އެހެން ކެންޑިޑޭޓަކު ނަމަވެސް) މިހޮވުނީ ކޮންބޭނުމަކު ހެއްޔެވެ. ހަމަ މުޠުލަޤަށް އެމް.ޑީ.ޕީގެ ފަރާތުން ރިޔާސީ އިންޠިޚާބަށް ކުރިމަތިލާން ހެއްޔެވެ. ނޫނީ، ޤައުމީ އިއްތިޙާދުން ރިޔާސީ އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި، އެމް.ޑީ.ޕީގެ ފަރާތުން އިއްތިޙާދުގެ މޭޒުދޮށަށް ދިއުމަށް ހެއްޔެވެ.
ކުޑަވެސް ޝައްކެއްނެތި ޔަޤީންއަށް އެނގެނީ، އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީޒްގައި ކެންޑިޑޭޓަކު ހޮވީ، ޤައުމީ އިއްތިޙާދުގެ މޭޒުދޮށަށްގޮސް އިއްތިޙާދު ވުމަށްޓަކައި ކަމެވެ. އެމް.ޑީ.ޕީގެ ޤައުމީ މަޖިލިހުން ނިންމާފައިވަނީ އެއުޞޫލުކަމެވެ. މިހަން މިކަން އޮތުމުން، އަންނި އޭނާގެ ރިޔާސީ ޕްރައިމަރީޒް ކެމްޕޭނުގައި އަބަދުވެސް ބުނަމުން އައީ "ތިމަންނަ ގޮސް އިށީންނާނީ އިއްތިޙާދުގެ މޭޒުދޮށުގައި" ކަމުގައެވެ.
"ތިމަންނައަކީ، އިއްތިޙާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާމަސައްކަތުގެ އެމް.ޑީ.ޕީ ބައިވެރިޔާ" ކަމުގައެވެ.... މިނޫން އެހެން ރޮނގަކުން ކެމްޕޭނު ކުރެވޭނެހެއްޔެވެ. އަންނި ކުރިމަތިލައިގެން އުޅޭ އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީޒް ބާއްވަނީ، ނުވަތަ ބޭއްވީ ކޮން މަޤްޞަދެއްގައި ހެއްޔެވެ. "ތިމަންނަ ހަމަ ދާގޮތަށްގޮސް (އިއްތިޙާދާ ވައިވެސް ނޭޅި) ކުރިމަތިލާނީ، އަންނަ ރިޔާސީ އިންޠިޚާބަށޭ" އަންނި (ކެމްޕޭނުގައި) ބުނިނަމަ ވާނީ ކިހިނެއްޔެވެ... ފުރަތަމަވެސް ވީހީ " އެމް.ޑީ.ޕީގެ ސިޔާސަތާ ދެކޮޅަށް އުޅޭ ކެންޑިޑޭޓެއް" ކަމުގައެވެ. ޙަޤީޤަތުގައި ވާންވާނީވެސް އެހެނެވެ. އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީޒް ބާއްވަނީ، ރިޔާސީ ކެންޑިޑޭޓެއް ހޮވާ، އެއްބައިވަންތަ ކަމުގެ ގުޅުމުގެ މޭޒުދޮށަށް ފޮނުވުމަށެވެ. އެދުވަސްވަރުގެ އިއްތިޙާދުގެ ތަރުޖަމާނު ޑރ.ޝަހީދު އެތަކެއްފަހަރު "އިއްތިޙާދުން ކެންޑިޑޭޓެއް ނެރެވޭނީ އެމް.ޑީ.ޕީގެ ޕްރައިމަރީޒް ނިމުނީމައޭ" ބުނެފައިވެއެވެ.
އަންނި ރިޔާސީ ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ގޮސް އިށީނީ، އިއްތިޙާދުގެ ވައްމޭޒު ދޮށުގައެވެ. އެމް.ޑީ.ޕީ ޤައުމީ މަޖިލިހުން ފާސްކުރީ " އިއްތިޙާދުވާ ބަޔަކާއެކީ، އެމް.ޑީ.ޕީ ކުރިޔަށް ދިއުމަށެވެ." އިއްތިޙާދުން އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައެވެ. "ތިމަންނަ އިއްތިޙާދުން އެއް ކެންޑިޑޭޓަކު ނެރެދޭނަމޭ" އަންނި ބުނުމުން ކޮމެންޓް ދެމުން އަންނަނީ މިއުޞޫލު މިހެން އޮތީމައެވެ. "ރައީސް ކަމުގެ ޝަރުތު ހަމަނުވާތީ" ބިރަކުން ނޫނެވެ.
"ބާރެއް ނެތް މީހެއްގެ ކޮނޑުގައި އެލިގަންނާން" ވެގެނެއްވެސް ނޫނެވެ. އެމް.ޑީ.ޕީއިން "ރަނިންމޭޓެއް ހޮވައިގެން" ނެއްވެސް ނޫނެވެ. "އެކުވެރިކަމަކީ ގަދަބާރެކޭ، ވަކިވެގަތުމަކީ ނިކަމެތި ކަމެކޭ" އޮންނަބަހާ އެއްގޮތަށް، ބާރުއިތުރު ކުރުމަށްޓަކައެވެ. ޕާޓިގެ ސިޔާސަތަށް ތަބާވުމަށްޓަކައެވެ. އަމިއްލަ މަޞްލަޙަތު ކުރިޔަށް ނުނެރުމަށްޓަކައެވެ. ނަމަވެސް އިއްތިޙާދު ރޫޅި ވަކިވަކި ވެއްޖެނަމަ.....
މިހާރުވެސް އިއްތިޙާދު "ރޫޅިއްޖެ" އެވެ. އައި.ޑީ.ޕީ އާއި، ލިބަރަލް އާއި، ޢަދާލަތުން ދައްކަނީކީ، އެއްބައިވަންތަ ވާހަކައެއް ނޫނެވެ. ފަރުދީވާހަކައެވެ. އެތިން ޕާޓީ އިއްތިޙާދުން ވަކިވެއްޖެނަމަ....މިހާރުވެސް ވަކިވެއްޖެއެވެ. ދެން އޮންނާނީ އެމް.ޑީ.ޕީ އެކަންޏެވެ. މަދަނީ ޖަމާޢަތްތަކަކީ ޢާއްމު މެންބަރުންތިބި މުއައްސަސާ ތަކެއް ނޫނެވެ. ސީދާ ޙަރަކާތުން ހިންގޭނެ ބައެއްވެސް ނޫނެވެ. އެހެންވުމުން މިހާރު މިއޮތީ އެމް.ޑީ.ޕީ އެކަންޏެވެ.
ޙަސަން ސަޢީދު ރިޔާސީ ކެންޑިޑޭޓަކަށް، އަންނި ރަނިންމޭޓަކަށް ވެގެން ނުކުންނައިރު، އަނެއް ތިންޕާޓީ އިއްތިޙާދާއެކު ނެތްނަމަ އިއްތިޙާދުން ކަމެއްކުރިކަމަކަށް ނުވާނެއެވެ. އެހިސާބުން ގޮތެއް ނިންމުން އޮންނާނީ، އެމް.ޑީ.ޕީގެ ޤައުމީ މަޖިލިހުގައެވެ.
އައި.ޑީ.ޕީގެ ބަހަކީ، ޕްރައިމަރީޒެއް ބާއްވައިގެން އެއް ކެންޑިޑޭޓެއް ނެރުމެވެ. ނޫނީ "ޑީ.އާރް.ޕީގެ ޒަޢީމް" އިއްތިޙާދުގެ ކެންޑިޑޭޓަކަށް ނެރުމެވެ. އައި.ޑީ.ޕީއާއި ލިބަރަލް އާއި، ޢަދާލަތުގައި ތިބިހާ މެމްބަރުން އެމް.ޑީ.ޕީގައި އެބަތިއްބެވެ. ޕްރައިމަރީޒްއަކަށް ދިޔައީވިއްޔާ ވާނީ ކިހިނެއްހެއްޔެވެ.
ލިބަރަލްގެ ބަހަކީ، ދެވަނަ ބުރުގައި އިއްތިޙާދުވުމެވެ. ފުރަތަމަ ބުރުގައި ފިރުޤާވުމެވެ. ދެވަނަ ބުރުނައީވިއްޔާ ހަދާނީ ކިހިނެއްބާވައެވެ. ޢަދާލަތުގެ "ސިއްރުކޮމެޓީ" އަދިވެސް އައިޑިއޮލޮޖީ ބަލައެއް ނުނިންމައެވެ. އިސްލާމިކް އުޞޫލު އެންމެބޮޑަށް ހިމެނޭ މެނިފެސްޓޯއެއް ހިފައިގެން އުޅޭމީހަކު ހޯދައިނިމޭނީ ކޭޑީ އޮފީހުން ކެންޑިޑޭޓް ލިސްޓު އިޢުލާން ކުރީމައެވެ.
މިވަރަށް ވެރިކަން ބޭނުންވާ ބަޔަކަށް ހެދޭނީ ކޮން އިއްތިޙާދެއް ހެއްޔެވެ. އިއްތިޙާދުގެ އެންމެފަހު މީހާއަށް ޖެހެންދެން އަންނި އެހެރީ ސާބިތުވެއެވެ. އަންނި ހޮވުނީމާ ރުޅިއަރައިގަނެގެން ( "މިއެއްޗެތިންވީ ކޮންފައިދާއެއްހޭ" ބުނެ އަޅުކަންކުރާ ބުދު މުގުރާލިހެން) ބަޔަކު އެމް.ޑީ.ޕީ ދޫކޮށްވެސް ލައިފިއެވެ. އެކަމަކު އަންނިގެ މަސައްކަތަކީ، ޤައުމީ މަޖިލިހުގެ ނިންމުމަށް އިޙުތިރާމް ކުރުމަށްޓަކައި، އިއްތިޙާދުން އެއްކެންޑިޑޭޓު ނެރެވޭތޯ އުޅުމެވެ.
ޤައުމީ މަޖިލިހުގެ ނިންމުމަށް އިޙުތިރާމް ކުރުމަށްޓަކައި، އިއްތިޙާދުން އެއް ކެންޑިޑޭޓް ނެރެވޭތޯ އުޅުމެވެ. ޤައުމީ މަޖިލިހުން އެހެންގޮތެއް ނިންމައިފިނަމަ، އަންނިއަށްޖެހޭނީ އެގޮތާ ތަބާވާށެވެ. އަހަރެން ވިސްނާ ގޮތުގައި، އަންނިގެ ސިޔާސަތަކީ، އެކުވެރިކަމާއި ގުޅުން އިތުރުކޮށް، ޕާޓީސިސްޓަމަށް ތަބާވެ، އެމް.ޑީ.ޕީގެ ސިޔާސަތާ އެއްގޮތަށް ހިނގުމެވެ. އެކަމަކު އެންމެ ފަހުވަޤުތު، އަންނިއަށް ޖެހޭނީ، ސީދާ އެމް.ޑީ.ޕީގެ ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންޠިޚާބަށް ކުރިމަތިލާންހެން، ވަރަށްބޮޑަށް ހީވެއެވެ.