އެމް.ޑީ.ޕީ އަކީ ސިޔާސީގޮތުން ދިވެހިރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ޕާޓީއެވެ. ޕާޓީގައި ހިމެނޭ ގިނަޢަދަދެއްގެ މެމްބަރުންގެ އިތުރަށް އެންމެބޮޑަށް ހެކިދެނީ ޕާޓީގައި ކެރިގެން ޙަރަކާތްތެރިވާ މެމްބަރުންގެ ޢަދަދު ފެންނަލެއް ގިނަވީމައެވެ. އެމް.ޑީ.ޕީއިން ހިންގާފައިވާ އެކި ޙަރަކާތްތަކުން މިކަން ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ. މާލޭގައި ވިޔަސް އަދި މާލެނޫން އެހެން ރަށެއްގައި ވިޔަސް އެމް.ޑީ.ޕީގެ މެމްބަރުން ފާހަގަކުރެވިފައިވަނީ ކެރިގެން ކަންކަމަށް ނުކުންނަ ބައެއްގެ ގޮތުގައެވެ.
އެމް.ޑީ.ޕީގެ ރަންޒަމާން ހިނގައްޖެއެވެ. އަދު އެމް.ޑީ.ޕީގެ ތެރޭގައި މައްސަލަތަކެއް އެބަހުރިކަން ޤަބޫލުކޮށް އެމައްސަލަތަކަކީ ކޮބާކަން ހޯދާ އެމައްސަލަތައް ޙައްލުކުރަން އެބަޖެހެއެވެ. ޕާޓީއެއްގައި މެމްބަރުން ނެތިއްޖެނަމަ ކީއްކުރާ ޕާޓީއެއްހެއްޔެވެ. އެންމެ މެމްބަރަކުނަމަވެސް ޕާޓީއާ ވަކިވެގެން ދާނަމަ އެއީީ ލިބޭ ދެރައެކެވެ. އެހެންނަމަވެސް، މިހާތަނަށް އެމް.ޑީ.ޕީއަށް އާދެވުނު އިރު ޕާޓީގެތެރެއިން ފާހަގަކުރެވޭ މޫނުތަކެއް ގެއްލިގެން ހިނގައްޖެއެވެ. ތެދެކެވެ. ކޮންމެވެސް ބަޔަކު ކެނޑޭނެއެވެ. އަނެއްބަޔަކު ވަންނާނެއެވެ. އެހެންނަމަވެސް ވިސނަންވީ ކެނޑޭމީހާ ކެނޑުނީމާ އެނިމުނީ ކަމުގައިވާނަމަ ޕާޓީވަރުގަދަ ފުރިހަމަ ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުބުނެވޭނެއެވެ.
އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީޒް ނިމިގެން ޕާޓީގެ ކުރީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ތަފާތު ބޮޑު ނަތީޖާއަކުން ރިޔާސީ ކެންޑިޑޭޓަކަށް ހޮވި އިއްތިޙާދުގެ މޭޒަށް ވަޑައިގެންފިއެވެ. އެހެންނަމަވެސް، އިއްތިޙާދު އޮތީ ކޮންޙާލަތެއްގައިތޯ، އިއްތިޙާދުގެ ތެރެއިން ޙަސަން ސަޢީދު ނެރޭނީ ކޮންގޮތަކުންތޯ ސުވާލުކުރާ އެތައް މެމްބަރުންނެއް އެބަތިއްބެވެ. މިސުވާލުގައި އެތައްބަޔަކު ވިސްނަންތިއްބާ ޕާޓީގެ ކަންތައްތައް ހުރިގޮތުން ހިތްހަމަނުޖެހިގެން އެތައް މެމްބަރުންނެއް އެއްފަހަރާ ކެނޑެން ނިންމި ވާހަކަ ނޫސްތަކުން ފެނުނީމާ ޕާޓީއަށް ހެޔޮއެދޭ މީހެއްނަމަ އަސަރުކުރާނެއެވެ.
މިގޮތަށް މިމެމްބަރުން ކެނޑެންޖެހޭ މައްސަލަތަކަކީ ކޮބާތޯ ބަލާ އެމައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރަންޖެހެވެ. ޕާޓީގެ މެމްބަރުން ވަކިވަނީ ޕާޓީގެ ރައީސް މުނައްވަރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ނުހޮވުނީމާ ހިތްހަމަ ނުޖެހިގެންތޯ، ނޫނީއިއްތިޙާދުގެ ކެންޑިޑޭޓަކު ނެރުމުގައި ގެންގުޅޭ ފިކުރު ކަމުނުދާތީތޯ ނޫނީ އެނޫންވެސް މައްސަލައެއް އޮތީމަތޯ ބަލާ އެމެމްބަރުުންނާ ވާހަކަދައްކާ އެމެމްބަރުންގެ އަޑުއަހަން އެބަޖެހެއެވެ. ހަމައެކަނި މެޖޯރިޓީގެ ވިސްނުން ރަނގަޅުވީމާ މައިނޯރިޓީއަށް އިޙުތިރާމްނުކޮށް ދޫކޮށްލައިގެން ޕާޓީއަށް ލިބޭނީ ހައްތަހާވެސް ބަލިކަށިކަމެވެ. އެމް.ޑީ.ޕީގެ ބައެއް މެމްބަރުންގެ ވިސްނުމުގައި ޕާޓީދޫކޮށް އެދަަނީ ދާންޖެހޭ މެމްބަރުންނެވެ. މިއީ ޕާޓީ ސާފުވެ ރަނގަޅު އެއްޗަކަށް ވާވަޤުތެވެ. އެހެންނަމަވެސް، މިވިސްނުމުގައު އޮތް ކުރިމަގަކީ ކޮބައިބާއެވެ. ޕާޓީ ދޫކޮށް އެދާ މެމްބަރުންނަކީވެސް ހަމަ ޤައުމަށް ހެޔޮބަދަލަކަށް އެދިގެން ޕާޓީއަށް ވަންމެމްބަރުންނެވެ.
ޕާޓި މިހާތަނަށް އައުމުގައި އެމީހުންގެވެސް ކޮންމެވެސް ކޮންޓިރިބިއުޝަނެއް ވާނެއެވެ. އެމީހުންގެ ފަހަތުގައިވެސް ކޮންމެސްބަޔަކު ތިބޭނެއެވެ. ޕާޓީގެ މެމްބަރުކަމަށް އެކަކު އިތުރުވީމާ އެވާއުފަލާމެދު ވިސްނާލީމާ ޕާޓީއިން މެމްބަރަކު ވަކިވީމާ ލިބޭނެ ގެއްލުން ވަޒަންކުރެވޭނެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހުންނަގޮތުން އެމީހަކު ހިތްހަމަނުޖެހުނީމާ އެމީހާއެވީދާށެވެ. ދެންތިބޭމީހުން ވެސް އޭނާދާގޮތަކަށް ދާން ދޫކޮށްލަނީއެވެ. އެ ހިތްހަމަ ނުޖެހުން އުފެދުނު ހިސާބަކީ ކޮބައިތޯ ބަލާ އެކަމުގެ ޙައްލެއް ހޯދާކަށް ނޫޅެއެވެ. މިއުޞޫލަށް ކަންތައްކުރާނަމަ ކަމެއްގައި ހުރި ގޯސްކަންތައްތައް ރަނގަޅުކުުރާނީ ކިހިނެއްތޯއެވެ. އެމް.ޑީ.ޕީއަކީ ވަކިމީހެއްގެ ޕާޓީއެއްނޫންކަމަށް އަދި އެމް.ޑީ.ޕީގެ އެންމެހާ މެމްބަރުންގެ އެއްޗެއްކަމަށް ބުނާނަމަ އެމް.ޑީ.ޕީގެ ކޮންމެ މެމްބަރަކަށްވެސް އިޙުތިރާމްކޮށް އެންމެން އެއްހަމައެއްގައި ދެކެންޖެހޭނެއެވެ. އެއްވެސް މެމްބަރެއްގެ ހިތްހަމަނުޖެހުމެއްވާނަމަ އޭގެ ސަބަބު ހޯދަންޖެހޭނެއެވެ.
އެކަކު ދިއުމުން އެކަމާ އަޅާނުލާ " އެއީ ދާންޖެހޭ މީހެކޭ، މީ ކުނިހޮވޭ ވަޤުތޭ" ބުނެ އަޅާނުލެވި ތިއްބާ އެކެއް ދޭކަށްވެ މިޢަދަދު ސަތޭކައިން ގުނަންޖެހިދާނެއެވެ. އެއްބަޔަކު އަނެއްބަޔަކާ އޮންނަ ޒާތީ މައްސަލަތަކެއްގައި, މިކަމުގެ ޙައްލު ހޯދަން ނޫޅެ ދޫކޮށްލައިފިނަމަ ދެން މީގެތެރޭގައި ހުރިނުބައި ދާނީ ހައްތަހާ ނުބަޔަށް ވަމުންނެވެ. ވިސްނަންވީ އެމް.ޑީ.ޕީގެ މަޤްޞަދެވެ. މިކުރަން އުޅޭކަމެވެ. އެކަކުވެސް މިގުޅާލާފައިވާ އެކުވެރިކަމުގެ ޗޭނުގެ ތެރެއިން ބޭރުނުވެ އެކަތި ގަނޑަކަށްވާންވީއެވެ. ކޮންމެ މީހެއްގެ ވިސްނުމަކީވެސް ތަފާތު ވިސްނުމެކެވެ. އެންމެންނަކީ އެއް ޚިޔާލެއްގެ ބަޔަކަށްވާނަމަ އިޞްލާޙޭ ކިޔުމުގެ ބޭނުމެއް ނުޖެހުނީހެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙުތިިރާމް ނުކޮށް މިކަމުގައި ކުރިޔަށް ދެވޭކަށްނެތެވެ. މާލަސްނުވަނީސް އެމް.ޑީ.ޕީގެ ތެރޭގައި ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލާ އެމައްްސަލަތައް ޙައްލުކުރަންޖެހެއެވެ. ނޫނީ ޕާޓީތެރެ ދުވަހުން ދުވަހަށް ދާނީ ބަލިކަށިވަމުންނެވެ. މިއީ އެމް.ޑީ.ޕީއަށް ހެޔޮއެދޭ މީހެއްގެ ވިސްނުމެކެވެ.