ކުރިމަތިވަމުން މިއަންނަނީ ރިޔާސީ އިންޠިޚާބެވެ. މިނިވަންވިޔަސް ނުވިޔަސް މުސްތަޤިއްލު ވިޔަސް ނުވިޔަސް މި ޤައުމުގައި ރައީސުލް ޖުމްހޫރިއްޔާއަކު އަނެއްކާވެސް ހޮވުމުގެ ވަޤުތު މިއޮތީ ކުޑަތަންވެފައެވެ. އަނެއްކާވެސް އަނެއް ވޯޓުލުމުގެ ފުރުޞަތު މިއޮތީ ދިވެހިންގެ ކުރިމަތީގައެވެ. ވޯޓު ގަނެގެންނަމަވެސް، ފޮށިމަތީގައި ބަނޑުއަޅައިގެންނަމަވެސް، މަރުވެފައިވާ މީހުން ކަައްވަޅުގައި ބައިތިއްބައިގެން ނަމަވެސް ވޯޓުލާނެއެވެ. މީގެން ކޮންމެ ގޮތަކަށް ނަމަވެސް ވޯޓުލާނެއެވެ.
މައްސަލައަކީ ކޮބައިހެއްޔެވެ؟ މައްސަލައަކީ މިކަންކަމަށް ވިސްނަންތިބި މީހުން އަދިވެސް އެތިބީ ކޯޅުންގަނޑެއްގެ ތެރޭގައެވެ. ކޮންމެ ބަޔަކުވެސް މިއުޅެނީ މައުމޫނުގެ ވެރިކަން ނައްތާލުމަށް ކަމަށް ބުނެއެވެ. އިއްތިހާދެއް ހަދައިގެން އޭގެތެރެއިން އެކަކު ނެރެގެން ގިނަމީހުންގެ ތާޢީދުހޯދާ މައުމޫނު ބަލިކުރާ ވާހަކަ ދެއްކިއެއްކަމަކު މީގެތެރެއިން އަދިވެސް މީހަކު ނުދެއްކުނެވެ. އެތައްހާސްމީހުން ތިބި ޕާޓީއަށްވެސް މިއުޅެނީ ވެރިކަންކުރެވޭ ވަރުގެ ވެރިޔަކު ކަނޑަނޭޅިގެނެވެ. މައްސަލައަކީ ކޮބާހެއްޔެވެ. އިއްތިހާދެއް މިހާރު އޮތްކަމަކަށް ނުފެނެއެވެ. އިއްތިހާދު އެއޮތީ ރޫޅިފައެވެ. ދެން ދެމީހުނަށްވީމާ އަދިވެސް އިއްތިހާދުހެއްޔެވެ. މިއުޅޭ ގޮތުން ހީވަނީ މިއިއްތިހާދަކީ ވަކިމީހަކަށްޓަކައި ހެދި އިއްތިހާދެއްހެނެވެ.
އިއްތިހާދަކީ ވަކިމީހެއް ހެނެވެ. މިހެން ތިއްބައި މާދުރުން މީހަކުއައިސް ކުރިމަސައްކަތް ޖީބަށް ލައިގެން ހިނގައިދާނެއެވެ. ރައްޔިތުން ބޭނުންވެގެން މިއުޅެނީ ކަމެއް ޙަވާލުކުރާނެ މީހެއްނޫނެވެ. ކަންތައްތަކެއް ކޮށްދީ، ކަންތައްތަކެއް ކޮށްދޭނެކަމުގެ ޔަޤީންކަން ދީފައިވާ އަދި އެމީހަކު އެބުނާ ބަހަށް ރައްޔިތުން ޢިތުބާރުކުރާ މީހާއާ މިބޮޑު މަސްއޫލިއްޔަތު ޙަވާލުކުރާށެވެ.
ވެރިކަމާ ހަމައަށް ދިއުމުން ފަހަށްޖެހެނީ ބާއެވެ. ފަހަށްޖެހުނަސް ޖެހޭ ސަބަބެއް އެނގޭނީ އެބަޔަކަށެވެ. އެހެންނަމަވެސް ހަމަ ހަޤީޤަތުގައިވެސް ކުރިޔަށް އޮތްދައުރުގައި ވެރިކަމަށް އަރާމީހަކަށް ފިސާރި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އިޞްލާޙުކުރެވޭ ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންނަށް އެތައް އެތައް ޙައްޤުތަކެއް ލިބިދޭންޖެހެއެވެ. މިފަދަ ޤާނޫނު އަސާސީއަކަށް ވާޞިލްވުމަށްޓަކައި އިންތިޤާލީ މަރުޙަލާއެއް އެބައޮންނަންޖެހެއެވެ. މިހާރު މިއޮތް ގޮތަށް އިންތިޤާލީ މަރުޙަލާ އޮތްނަމަވެސް ދެން ވެރިކަމަށް އަންނަމީހަކަށް އޮތީ ހަމަ ވަރަށް އުނދަގޫ ދުވަސްތަކެކެވެ. މިހާރުގެ ރައީސް ވިއަސް އަދި ކިތަންމެ ރަނގަޅު ރައީސްއަކު އައިނަމަވެސް ކުރިއަށް އޮތް ފަސްއަހަރަކީ އުނދަގޫ ފަސްއަހަރެވެ. ފަހަރެއްގައި އެމް.ޑީ.ޕީއިން މިފަސްޖެހެނީ މިސަބަބު އޮވެގެން ކަމަށްވެސް ވެދާނެއެވެ.
އެހެން ބުނެވެނީ އެމް.ޑީ.ޕީއަކީ އެންމެބޮޑަށް ރައްޔިތުންގެ ޙައްޤުތަކުގެ ވާހަކަދައްކާ އަޑުއުފުލާ މީހުންކަމުގައި ވާތީއެވެ. ކިތަންމެވަރަކަށް މިޙައްޤުތައް ހޯދަދޭން މަސައްކަތް ކުރިނަމަވެސް މިކުރިމަތިވާ ފަސްއަހަރު ދުވަހުގެތެރޭގައި ރައްޔިތުން ބޮލަށްއަރާވަރުވާނެއެވެ. އެހެންނޫންނަމަ ދެން އޮތީ ކޮން ސަބަބެއްބާއެވެ. މާކުރިން ވަކިމީހަކާއެކު ވެފައިވާ އަހުދު ކަށަވަރެއް އޮތީހެއްޔެވެ. ވަކިމީހަކަށް ތާޢިދުކޮށްގެން ރިޔާސީ ލޭބަލްޖަހައި މާކެޓް ކުރެވިފަ އޮތީހެއްޔެވެ. ނޫނީ ހަމަ ލީޑަރޝިޕް ކޮލިޓީ ހުރިމީހަކު ނެތީހެއްޔެވެ. ނޫނީ ވެރިކަން ކުރާނެ މީހުން މާބޮޑަށްް ގިނަވީހެއްޔެވެ.
މިވާނުވާ ގޮތެއް ނޭނގިގެން ތިއްބައި ދުވަސް މިއޮތީ އައިސްޖެހިފަަައެެވެ. މިކަމާ ފިކުރުނުކޮށް ތިބެވޭކަށްވެސް ނެތެވެ. ކޮންމެ މީހަކުވެސް މިތިބެނީ މިޤައުމުގަ މައުމޫނު ނޫެންވެރިއަކު ވެރިކަން ކުރާތަން ދެކިލާހިިތުން ކެތްތެރިކަން ކޮޅުންލާފައެވެ.
އިއްތިޙާދު ހަދައިގެން އެކަކު ނެރެން އުޅެއުޅެ ވަރުބަލި ވީއިރުވެސް އެކަމަކަށް މަގެއް ނުފެނުނެވެ. އެންމެން އެއްގަލަކަށް އަރާނެގޮތަކަށް އެއްކަމެއްވެސް ނުނިންމުނެވެ. އެންމެފަހުން ވެރިކަމަށް ދަޢުވާކުރަމުން އައި އެމް.ޑީ.ޕީވެސް ވެރިކަމެއް ބޭނުމެއް ނޫނެވެ. ޢަދާލަތެއްވެސް ބޭނުމެއްނޫނެވެ. އެކަމަކު ދެބައިމީހުންވެސް ރަނިންމޭޓްކަން ބޭނުމެވެ. މިތަނުން ރަނިންމޭޓަކު ހޮވާނީ ކިހިނެއްތޯވެސް ބަލަންޖެހިއްޖެއެވެ. މެރަތަންއެއް ބާއްވައިގެން އެއްވަނައަށް ރަނިންމޭޓްކަން ދީގެންވެސް މިކަންވެސް ކޮޅެއްގައި ޖައްސަން ވެއްޖެއެވެ. ދެން ރައީސަކަށް ނަމެއް ނުކިޔެއްކަމަކު މިހާރު އޮތް އިއްތިހާދުގެ ގޮނޑިއަށް ފެތޭނީ ދެޑޮކްޓަރުންނާ އުސްތާޒަކު ހިމެނޭ ނިއުމޯލްޑިވްސް ކަން ކަށަވަރުވާ ހިސާބަށް މިއޮތީ ގޮސްފައެވެ. މިއީ ސިޔާސީ ކަންތައްވީމާ އަޅުގަނޑުމެންނަށް މިކަންކަން ނޭނގިދާނެއެވެ. އެކަމަކު ދެލޯމަރާފައިގޮސް ވޯޓުލެވޭނީ ކިހިނެއްހެއްޔެވެ. ކުރިން ކަންތައް އޮތްގޮތަށް އޮތްނަމަ އެކަންވެސް ކުރެވިއްޖައިހެވެ.
ބިރުންތިބެ ގޮސް ކުޑަކާފާ ބޮޑުކާފު ޖެހިދުވަސް މާޒީއާއެކުވެއްޖެއެވެ. ކޮންމެ މީހަކަށްމެ އެމީހެއްގެ ހިތަށް އަރާއެއްޗެއް ބުނެ ފާޅުކުރުމުގެ މިނިވަންކަން ވެސް މިއޮތީ ލިބިފައެވެ. ދެން އަނގައިން ނުބުނެ ތިބެވޭނީވެސް ކިހިނަކުންހެއްޔެވެ. ޤައުމުގެ ރައީސްކަން މައުމޫނުގެ އަތުންނަގާއިރު މިކަން ޙަވާލުކުރާ މީހާއަކީ ޢިތުބާރު ކުރެވޭ ވަރުގެ މީހަކަށް ނުވެއްޖެނަމަ ދެންވާނީކިހިނެއްހެއްޔެވެ. ހަމަ މީހަކު ބުނާތީ މީހަކަށް ވީޯޓު ދޭންވީހެއްޔެވެ.
ނޫނީ މީހާގެ ސިފައަށް ބަލާފަ ވޯޓުދެވޭ ހެއްޔެވެ. ބުރުސޫރަ އެންމެރީތި މީހާއަށް، ނޫނީ އިސްކޮޅުން އެންމެ ދިގުމީހާއަށް ވޯޓުދޭންވީހެއްޔެވެ. މާމޮޅު ލަޣަބެއްގެ ވެރިއަކަށްވީތީ ނޫނީ ދުނިޔެއަށް މަޝްހޫރުމީހަކަށްވީތީ ވޯޓު ދޭންވީހެއްޔެވެ. އެންމެ ގިނަ ފައިސާ ދޭމީހަކަށް ވޯޓުވިއްކާލަން ވީހެއްޔެވެ. ނޫނެކެވެ. މިފަހަރު ވޯޓު ދެވޭނީ ޤައުމަށްޓަކައި ދޭވޯޓެއްގެ ގޮތުގައެވެ. ރައްޔިތުންގެ ޙައްޤުގައި، ދެމިހުންނާނެ މީހެއްކަމުގެ ޢިތުބާރުކުރެވޭފަދަ މީހަކަށް ނޫނީ މިވޯޓު ދެން ދެވޭނެގޮތެއްނެތެވެ. ބުނާ ބަހާ ޢަމަލާ ދިމާވާމީހަކަށް ނޫނީ ވޯޓެއް ނުދެވޭނެއެވެ. ތިމާއަކީ ރައްޔިތުންގެ ޚާދިމެއްކަމުގައި ޤަބޫލުކުރާމީހަކަށް ނޫނީ ވޯޓުދެވޭކަށްނެތެވެ.
މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރެވޭނެ މީހަކަށްނޫނީ ވޯޓުދެވޭކަށްނެތެވެ. ރައްޔިތުންގެ ޙައްޤުތަކަށް އަރައިގެންފައިވާ މީހަކަށްވެސް މިވޯޓުދެވޭކަށްނެތެވެ. ކުރިމަތީގައި އޮތީ އުނދަގޫ ފަސްއަހަރުކަން ދަނެގެން ރައްޔިތުންގެ ޙައްޤުތައް ފޭރިގަތުމުގައި ބައިވެރިނުވާ މީހަކު ހުރިނަމަ އަވަހަށް ތެދުވާށެވެ. އެކަން ސާބިތު ކޮށްދޭށެވެ. ވޯޓު ގަންނާކަށް ނުޖެހޭނެއެވެ. ވޯޓުހަމަ މިތިބީ ދޭށެވެ. މަޖުބޫރުކަމެއްނެތިއެވެ.