ސަންދާނުގެ އަހުލުވެރިންގެ ފަރާތުން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް މަރުޙަބާ އާއި ތަހުނިޔާ ކިޔަމެވެ. އަދި ދިވެހި ޤައުމީޓީމުގެ ފަޚުރުވެރި ކާމިޔާބީގެ ފަހަތުގައިވާ ދިވެހި ރައްޔިތުންނަށްނަށް ވެސް ތަހުނިޔާ ކިޔަމެވެ. މިވަޤުތު މުޅިޤައުމު މިވަނީ މިކާމިޔާބީގެ އުފަލުގައި ޤައުމުގައި ހިނގަމުންދާ އެހެނިހެން ކަންކަމާމެދު ސަމާލުކަން ގެއްލިފައިނަމަވެސް ދިވެހިންނަކީ ކަންކަމާމެދު ޣާފިލުވެގެން ތިބޭނެބައެއް ނޫންކަން ހަމަކަށަވަރެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު މިވަނީ ދާދި ގާތުގައެވެ.
މިއާއެކު އެކިއެކި ގޮތްގޮތުން ތަފާތު ބަދަލުތައް މިދަނީ ފެންނަމުންނެވެ. ފައިސާވެރިންގެ ނުފޫޒު މި ކެމްޕޭނަށް ފޯރުވާނެކަމަށް އަބަދުވެސް ރައްޔިތުން ތިބީ ޤަބޫލުކޮށްގެނެވެ. ހަމަ މިއާއެކު ދެމިގެންމިދާ ޚުދުމުޚުތާރު ވެރިކަން ނިންމުމަށް ބަޔަކު ކުރާ މިންނަތް މަސައްކަތާ ދެކޮޅަށް އެކިއެކި އުކުޅުތަކުން މިވެރިކަން ދިފާޢުކުރުމަށް ބަޔަކު ފޫގަޅާލައިގެން ކުރާމަސައްކަތާމެދުވެސް ދިވެހިން ތިބީ ވިސްނާ ހޭލާކަން ކަށަވަރެވެ.
ޤަބޫލުކުރިޔަސް ނުކުރިޔަސް ޙަޤީޤަތަކީ އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ދެމިއެއް ނޯންނާނެކަމެވެ. ކޮންކަމަކަށް ފެށުމެއް ވާފަދައިން ނިމުމެއްވެސް އޮންނާނެއެވެ. މިޙަޤީޤަތާ އިދިކޮޅަށް އެއްވެސް މީހަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. ކަންކަން ބަދަލުވަމުންދާކަން މިއަދު މިދަނީ ފާޅުވަމުންނެވެ. ފައިސާވެރިންނަށް އެމީހުން ބޭނުންހާގޮތަކަށް ފައިސާގެ ނުފޫޒުން ކަންކަން މަގުފަހިކުރެވިދާނެއެވެ. އެހެންނަމަވެސް ކަންކަން ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.
އަޅުގަނޑުމެންގެ ޤައުމަށް ވެރިކަމަށް ގެންނާނީ ކާކުކަން ނިންމުމުގައި މިހާތަނަށްވެސް ފައިސާވެރިކަމަށް ބަލާފަނެތްކަމީ ފައިސާވެރިންގެ ހަނދާނުން އުނިވެފައިވާ ބައެކެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެ މިވީހާތަނުގައިވެސް ވިސްނާފައިވަނީ ޤައުމަށް ހެޔޮލަފާ ވެރިއަކު ހޯދުމަށެވެ. ދެންވެސް ދިވެހި ރައްޔިތުން ބަލާނީ ރައްޔިތުންނަށް ހެޔޮލަފާ އިޚުލާޞްތެރި ވެރިއަކާ މިޤައުމު ޙަވާލުކުރަން ކަމާމެދު ޝައްކެތްނެތެވެ. މިފަހަރުމިއީ އަޅުގަނޑުމެންގެ ފަހަރެވެ. އަޅުގަނޑުމެންގެ އަހަރެވެ.
އަނިޔާވެރިންގެ ނުބައި ރޭވުންތަކުން މިޤައުމު ސަލާމަތްކުރައްވާ އަޅުގަނޑުމެން ދިވެހިރައްޔިތުންނަށް ހެޔޮ ވިސްނުންދެއްވާނދޭވެ! –އާމީން-